ސިޔާސީ ޕާޓީއިން މެންބަރުން ވަކިވާނެ ގޮތާމެދު އަނެއްކާވެސް ސުޕްރީމް ކޯޓުގައި ބޮޑު ބަހުސެއް ކޮށްފި އެވެ. މީގެކުރިން ވެސް ސުޕްރީމް ކޯޓުގައި މި ބަހުސް ކުރެވިފައިވެ އެވެ. އެއީ މަޖިލީހުގެ ހަތަރު މެންބަރުންގެ ގޮނޑިއާމެދު މީގެކުރިން ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުންތަކުގަ އެވެ. އެކަމާ ގުޅިގެން އެ މައްސަލާގެ ހުކުމްތަކުގައި ސުޕްރީމް ކޯޓުން ގޮތް ވެސް ވަނީ ކަނޑައަޅުއްވާފަ އެވެ.
އިލެކްޝަން ކޮމިޝަނުން ޕާޓީއިން މެންބަރުން ވަކިވާ ގޮތާމެދު އަނެއްކާވެސް މބަހުސް ކުރީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ގޮނޑީގެ މައްސަލާގައި ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގެ މިއަދުގެ އަޑުއެހުމުގަ އެވެ.
އަބްދުﷲ ސިނާންގެ ގޮނޑިއާމެދު ހިޔާލު ތަފާތުވުން އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސިނާން ސޮއި ކުރެއްވުމުން އެ ސޮއި ނެގުމަށް ޕީޕީއެމްއިން އަންގައި ސޮއި އެގޮތަށް ނުނެގުމުން ސުލޫކީ ފިޔަވަޅު އެޅުމުންނެވެ. އެ ފިޔަވަޅާއެކު ޕީޕީއެމްއިން ސިނާން ވަކިކޮށް އިލެކްޝަން ކޮމިޝަނަށް އެންގި އެވެ.
އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ހަމަ އެ ދުވަހު އިލެކްޝަން ކޮމިޝަނުން ވަނީ ސިނާން ޕީޕީއެމްއިން ދަފުތަރުން ވަކިކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހަށް އަންގާފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނޫނީ ބަދަލުވެއްޖެނަމަ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ފްލޯ ކްރޮސިންއާ ގުޅޭ ހުކުމް ނެރެފަ އެވެ.
އެ ހުކުމްގެ ކުރިން ޖުލައި މަހުގެ 10 ވަނަ ދުވަހު ސިނާން ވަނީ ޕީޕީއެމްއިން ވަކިވުމަށް އަމިއްލައަށް ހުށަހަޅުއްވާފަ އެވެ. އަދި ޕާޓީގެ ދަފުތަރުން އުނިކޮށްދިނުމަށް އެދި އިލެކްޝަން ކޮމިޝަނަށް ވެސް ހަމަ އެ ދުވަހު ސިޓީ ހުށަހެޅުއްވި އެވެ.
ސިނާންގެ ވަކީލް މަސްތޫރު ހުސްނީ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދާފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން މެންބަރަކު ވަކިވާން އަމިއްލައަށް އެދުމާއެކު އެ މެންބަރަކު ޕާޓީއިން ވަކިވާނެ ކަމަށެވެ. އެހެންކަމުން ޖުލައި 10 ވަނަ ދުވަހަކީ ސިނާން ޕީޕީއެމްއިން ވަކިވި ތާރީހު ކަމަށެވެ. އެއީ ފްލޯ ކްރޮސިންގެ ހުކުމްގެ ކުރިން ކަމަށްވާތީ އެ ހުކުމްގައިވާ ހާލަތްތައް ސިނާންއަށް އެޕްލައި ނުކުރެވޭނެ ކަމަށެވެ.
އޭގެއިތުރުން މަޖިލީހުގެ ހަތަރު މެންބަރުންގެ މައްސަލާގައި މި ހަފުތާ ތެރޭގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްތަކުގައި އެކަމާ ގުޅޭ ގޮތުން ގަޟައީ ނިންމުމެއް ނިންމާފައިވާކަން މަސްތޫރު ފާހަގަކުރެއްވި އެވެ. އެ ހުކުމްތަކުގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދަށް ބަލާއިރު ޕާޓީއިން ވަކިވާން އެދޭ ހިސާބުން އެ މެންބަރެއް ޕާޓީއިން ވަކިވާނެކަން އެނގެން އޮންނަ ކަމަށެވެ.
މަސްތޫރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ވަކީލް އަބްދުﷲ ރިފްއަތު ވިދާޅުވީ މެންބަރަކު ޕާޓީއިން ވަކިވާނީ އެ މެންބަރަކު ޕާޓީގައި އެދޭ ހިސާބުން ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކުގެ ދަފްތަރެއް އިލެކްޝަން ކޮމިޝަނުން ބަލަހައްޓަމުންދާ ކަމަށާއި ޕާޓީއަކުން މެންބަރަކު ވަކިވާނީ ދަފްތަރުން އެ މެންބަރެއްގެ ނަން އުނިކުރުމުން ކަމަށް ދެކޭ ކަމަށެވެ.
އޭގެ ސަބަބުތަކެއް ވެސް ރިފްއަތު ވިދާޅުވެ ދެއްވި އެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީތަކަށް ފައިސާ ދޭން ޖެހެނީ ދަފުތަރުގައި އެ ޕާޓީއެއްގެ މެންބަރުން ތިބޭ އަދަދަށް ކަމަށެވެ. އަދި، ޕާޓީއެއްގެ މެންބަރަކަށް މީހަކު ވަނީ އޭނާ ޕާޓީއަށް ވަންނަން ޕާޓީއަށް ފޯމް ހުށަހެޅުމުން ނޫން ކަމަށާއި ދަފުތަރުގައި އޭނާގެ ނަން ހިމަނާ ހިސާބުން ކަމަށް ރިފްއަތު ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ގަވައިދުގައި ޕާޓީއިން މެންބަރު ވަކިވާ އިޖުރާއަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ އެ މެންބަރަކު ޕާޓީއަށް ވަކިވާން ހުށަހަޅާ، 14 ދުވަސް ތެރޭގައި ޕާޓީއިން ވަކިކޮށް ނުދީފިނަމަ އިލެކްޝަން ކޮމިޝަނަށް ފޯމަކުން ހުށަހަޅަންޖެހޭ ކަމުގެ އިޖުރާއަތެވެ. އެއާ ހިލާފަށް އަސާސީ ގަވައިދުގައި ވަނީ ޕާޓީއިން ވަކިވާން ހުށަހެޅުމުން ޕާޓީއިން ވަކިވާނެ ކަމަށެވެ.
އެ ދެ ގަވައިދުގައި އެއް ކަމެއް ބަޔާންކޮށްފައިވަނީ ދެ ގޮތަކަށް ކަމަށް ރިފްއަތު ވިދާޅުވި އެވެ. އެއާއެކު ރިފްއަތުގެ ވާހަކަތައް ހުއްޓުވައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސުވާލެއް ކުރެއްވި އެވެ.
އަސާސީ ގަވައިދާއި ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ފުށު އެރުންތަކެއް ހުރީތޯ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ. ރިފްއަތު ވިދާޅުވީ ދެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ ދެ ގޮތަށް ކަމަށެވެ. ދެން އުއްތަމަ ފަނޑިޔާރު އެއްސެވީ ޕާޓީއިން ވަކިކުރުމާއި ދަފުތަރުން ވަކިކުރުން އެއީ ދެ ކަމަކަށް ނުވާނެތޯ އެވެ.
ރިފްއަތު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އަމަލު ކުރަމުން އަންނަ ގޮތުން އެއީ އެއް ކަމެއް ކަމަށެވެ. ޕާޓީއިން ވަކިވީ ކަމަށް ބަލަނީ ދަފުތަރުން އުނިކުރުމުން ކަމަށެވެ. އެއާއެކު ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ދަފުތަރުން އުނި ކުރާ އުސޫލު އޮޅުންފިލުއްވާފަ އެވެ.
އިލެކްޝަން ކޮމިޝަންގެ ވަކީލް ވިދާޅުވީ ދަފުތަރުން އުނި ކުރަނީ ޕާޓީއަށް ވަކިވާން ހުށަހަޅާތާ 14 ދުވަސް ފަހުން ކަމަށެވެ. އެއީ ގަވާއިދުގައި އެގޮތަށް އޮތީމަ އެވެ. ޟަރޫރީ ހާލަތްތަކުގައި ވަގުތުން ދަފުތަރުން ނަން އުނިކޮށްދޭކަން ވެސް ރިފްއަތު ފާހަގަކުރެއްވި އެވެ. ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ 14 ދުވަސް ތެރޭގައި ގަަވައިދުގައި އޮތުމަކީ، 14 ދުވަސް ފަހުން އެކަން ކުރަންޖެހޭ ކަމެއްތޯ އައްސަވާފަ އެވެ. ރިފްއަތު ވިދާޅުވީ އަމަލު ކުރަމުން ދަނީ އެގޮތަށް ކަމަށެވެ.
ސިނާންގެ އެހެން ވަކީލެއް ކަމަށްވާ އިބްރާހިމް ރިފްއަތު ވިދާޅުވީ ގާނޫނާއި ގަވައިދުގައި ވަކި ކަމެއް ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތުމުން އެއާމެދު ސުވާލު އުފައްދައިގެން ނުވާނެ ކަމަށެވެ. އެހެން ގޮތަކަށް މާނަ ކުރަން ނުޖެހޭ ކަމަށެވެ. ޕާޓީއިން ވަކިވާން ހުށަހަޅާ ހިސާބުން ވަކިވާނެކަން އެއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް ކަމަށެވެ.
ރިފްއަތު ވިދާޅުވީ ސިނާންއަކީ ޕީޕީއެމްއަށް ނިސްބަތްވި މެންބަރެއް ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ މެންބަރެއް ނޫން ކަމަށެވެ. އެހެންކަމަށްވީއިރު ސިނާން ވަކިކުރާނީ ޕީޕީއެމްއިިން ކަމަށާއި އޭނާ އިލެކްޝަން ކޮމިޝަނުން ވަކިކުރަން ނުޖެހޭ ކަމަށެވެ. ޕީޕީއެމްއިން ވަކިވާން ހުށަހެޅުމާއެކު އޭނާ ޕާޓީއިން ވަކިވީ ކަމަށެވެ.
ޕާޓީއިން މެންބަރުން ވަކިކުރުމާއި ދަފުތަރުގައިވާ އަދަދަށް ބަަލައިގެން ފައިސާ ޕާޓީތަކަށް ބެހުމަކީ މުޅިން ދެ ކަމެއް ކަމަށާއި އެއީ އަޅާ ކިޔޭނެ ކަމެއް ނޫން ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ. ތަފާތު ގޮތްގޮތަށް މާނަކޮށްގެން އިލެކްޝަން ކޮމިޝަނަށް މީހުންގެ ހައްގުތަކަށް އަރައިގަނެވޭނެ ގޮތަށް އޮވެގެން ނުވާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ސިނާން އާއި އިލެކްޝަން ކޮމިޝަންގެ ފަރާތުން ހުރިހާ ވާހަކައެއް ދައްކާ ވަނީ ނިންމާލާފަ އެވެ. އެހެންވެ އުއްތަމަ ފަނޑިޔާރު ވަނީ މައްސަލާގެ އަޑުއެހުންތައް ނިންމާލިކަން އިއުލާން ކުރައްވާފަ އެވެ. އަދި ވީއެންމެ އަވަހަކަށް ހުކުމް ކުރުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ފުލް ބެންޗުން ބައްލަވާ މައްސަލާގެ އަޑުއެހުން މިއަދަށް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.