މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު
ހުކުމްކޮށްފި އެވެ.
އޭނާއަކީ، ޕީޕީއެމްއިން ވަކިކުރުމުގެ ސަބަބުން، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
ސިނާންގެ ގޮނޑި ގެއްލުވާލުމުގެ އިތުރުން، އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ސިނާން ހައްޔަރުކޮށްފައި ބެހެއްޓި އެވެ. އަދި ޓެރަރިޒަމްގެ ދައުވާ ސިނާންގެ މައްޗަށް އުފުލި އެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބަށް ފަހު ސިނާން ވަނީ ކްރިމިނަލް ކޯޓުން މިނިވަންކޮށްފަ އެވެ.
އަބްދުﷲ ސިނާންގެ ގޮނޑިއާމެދު ހިޔާލު ތަފާތުވުން އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސިނާން ސޮއި ކުރެއްވުމުން އެ ސޮއި ނެގުމަށް ޕީޕީއެމްއިން އަންގައި ސޮއި އެގޮތަށް ނުނެގުމުން ސުލޫކީ ފިޔަވަޅު އެޅުމުންނެވެ. އެ ފިޔަވަޅާއެކު ޕީޕީއެމްއިން ސިނާން ވަކިކޮށް އިލެކްޝަން ކޮމިޝަނަށް އެންގި އެވެ.
އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ހަމަ އެ ދުވަހު އިލެކްޝަން ކޮމިޝަނުން ވަނީ ސިނާން ޕީޕީއެމްއިން ދަފުތަރުން ވަކިކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހަށް އަންގާފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނޫނީ ބަދަލުވެއްޖެނަމަ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ފްލޯ ކްރޮސިންއާ ގުޅޭ ހުކުމް ނެރެފަ އެވެ.
އެ ހުކުމްގެ ކުރިން ޖުލައި މަހުގެ 10 ވަނަ ދުވަހު ސިނާން ވަނީ ޕީޕީއެމްއިން ވަކިވުމަށް އަމިއްލައަށް ހުށަހަޅުއްވާފަ އެވެ. އަދި ޕާޓީގެ ދަފުތަރުން އުނިކޮށްދިނުމަށް އެދި އިލެކްޝަން ކޮމިޝަނަށް ވެސް ހަމަ އެ ދުވަހު ސިޓީ ހުށަހެޅުއްވި އެވެ. ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން މެންބަރު ކަމުން ވަކިވާން އެދޭ ހިސާބުން އެ މެންބަރަކު ޕާޓީއިން ވަކިވާނެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއިން މެންބަރުން ވަކިވާނެ ގޮތްތައް ބަޔާންކޮށްފައި އޮންނަން ޖެހޭނީ ޕާޓީތަކުގެ އަސާސީ ގަވާއިދުގަ އެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ސިނާންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އޭނާގެ މައްޗަށް ޕީޕީއެމްއިން ފިޔަވަޅު އަޅާފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ ސޮއިކުރުމުން ކަމަށްވީ ނަމަވެސް، އެ ގަރާރުގައި އޭނާ ސޮއިކުރީ ފްލޯ ކްރޮސިންގެ އުސޫލު ތައާރަފްކުރުމަށް ސުޕްރީމް ކޯޓުން 13 ޖުލައިގައި ނެރުނު އަމުރުގެ ކުރިން ކަމަށްވާތީ އެވެ. އެ ހުކުމަކީ މާޒީއަށް ރުޖޫއަ ނުކުރެވޭނެ އަދި އެ ހުކުމްގެ ކުރިން މެންބަރަކު ކުރި އަމަލެއްގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ސަބަބުން ހުކުމްގައިވާ އުސޫލުތައް އެ މެންބަރެއްގެ މައްޗަށް ނުފެތޭނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.
ޕީޕީއެމްއިން އަސާސީ ގަވައިދުން މެންބަރަކު ޕާޓީއިން ވަކިވި ކަމަށް ބަލާނީ، އެ މެންބަރަކު ޕާޓީއިން ވަކިވުމަށް ސިޓީ ހުށަހަޅާ ހިސާބުންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި މެންބަރު ސިނާން ޕާޓީއިން ވަކިވެފައި ވަނީ ފްލޯކްރޮސިންގެ އަމުރުގެ ކުރިން ކަމަށް ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
ޕީޕީއެމްއިން ވަކިވާން ސިނާން ހުށަހެޅި ސިޓީއަށް އެއްވެސް ބެލުމެއް ނެތި، އޭނާގެ ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ހުކުމްގައިވެ އެވެ. އިލެކްޝަން ކޮމިޝަނުން ވެސް އޭނާގެ ނަން ޕާޓީގެ ދަފްތަރުން އުނިނުކޮށް ހިފެހެއްޓި ހިފެހެއްޓުމަކީ ދުސްތޫރީ ހަމަތަކުން ހިންގާފައިިވާ ކަމެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.
ހުކުމްގައި އިތުރަށް ބުނެފައިވާ ގޮތުގައި މެންބަރަކު ޕާޓީއިން ވަކި ކަމަށް ބަލަނީ ޕާޓީގެ ދަފްތަރުން އުނި ކުރުމުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނި ނަމަވެސް އެފަދަ ގޮތަކަށް ބުނާ އިބާރާތެއް ސަރީހަކޮށް އަދި ނުސީދާކޮށް ވެސް ގާނޫނުގައި ނެތެވެ. ދަފްތަރުން ނަން އުނިނުކޮށް އޮތުމުން އޭނާއަކީ މެންބަރެއް ނޫން ކަމަށް ބެލުމުގެ ހައްގު ސިނާން އަތުން ގެއްލިފައިވާ ކަމަށާއި ގާނޫނުތަކުން ލިބޭ މަންފާ އެންމެންނަށް ވެސް އެއް ހަމައެއްގައި ލިބެންޖެހޭނެކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
ސިނާންގެ އިތުރުން މިއަދު ވަނީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.
އޭގެއިތުރުން 12 މެންބަރުންގެ ތެރެއިން މީގެކުރިން ވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ އަބްދުލް ލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފަ އެވެ.
ބާކީ ތިބި ހަތަރު މެންބަރުން ކަމަށްވާ ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދި ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު އަލީ ޝާހްގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލާފަ އެވެ. ބެލެވޭ ގޮތުގައި އެ މެންބަރުންގެ މައްސަލާގައި ވެސް ވަރަށް އަވަހަށް ގޮތް ނިންމާނެ އެވެ.