ރާއްޖެ ކުޅިވަރު

ގަތަރުން ލަނޑު ޖަހަންދެން މެޗު ކުޅުވީ: ޕޮޕޯފް

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ގަތަރު އަތުން 1-0 އިން އަމިއްލަ ދަނޑުގައި ރާއްޖެ ބަލިވި މެޗުގައި ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށާއި އެ މެޗުގެ ރެފްރީ ގަތަރު ލަނޑު ޖަހަންދެން މެޗު ކުޅުވީ ކަމަށް ގައުމީ ޓީމުގެ ކޯޗު ވެލީޒާ ޕޮޕޯފް ބުނެފި އެވެ.

ގަތަރުން ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތަށް ދެއްކި އަށް މިނިޓުގެ ކުޅުން ހަމަވެފައި ވަނިކޮށެވެ. އެ ލަނޑަށް ފަހު ރާއްޖޭން ކޮއްޓުމާއެކު ޖަޕާންގެ ރެފްރީ ވަނީ މެޗު ނިންމާލައިފަ އެވެ.

"އަހަރެން ފަހުރުވެރިވަން ދިވެހި ކުޅުންތެރިން މި ދެއްކި ކުޅުމާމެދު. ގަތަރު ކަހަލަ ޓީމެއް ކައިރީގައި ކުޅުންތެރިން ވަރަށް ހިތްވަރުކޮށްފި،" މެޗަށް ފަހު ޕޮޕޯފް ބުންޏެވެ. "މި މެޗު ނިމިގެންމިދިޔައީ ވަރަށް ހުތުރު ގޮތަކަށް. ގަތަރު ލަނޑު ޖަހަންދެން މެޗު ކުުޅުވީ. ގަތަރުން ލަނޑު ނުޖެހި ނަމަ، (އިތުރު ވަގުތު)ގެ ދެ ގަޑިއިރު ވެސް ކުޅުވީސް. މި މެޗުގެ ނަތީޖާ އެނބުރުނު ގޮތް އެންމެންނަށް ވެސް ފެންނާނެ. އަަހަރެން މެޗު ފެށުމުގެ ކުރިން ކުޅުންތެރިން ކައިރީގައ ބުނިން ގަތަރު ޓީމަށް އިހުތރިާމްކުރަމޭ އެއީ ވަރަށް ވަރުގަދަ ޓީމެކޭ. އެކަމަކު އެ ޓީމުގެ ދެކެ ބިރު ނުގަންނަ ކަމަށާއި ބިރު ގަންނަނީ ރެފްރީ ދެކެ ކަަމަށް އަހަރެން ބުނިން. އެގޮތަށް ކަންތައް ވެސް މި ދިޔައީ."

ޕޮޕޯފް ބުނީ މެޗުގެ ބޮޑު ބައިގައި ގަތަރަށް މާ ނުރައްކާތެރި ހަމަލާތަކެއް ނުއުފެއްދޭ ކަމަށެވެ. އަދި ރާއްޖެ ކައުންޓާ އެޓޭކްގައި އަލީ އަޝްފާގް (ދަގަނޑޭ) އަށް ރަނގަޅު ބޯޅަަތަކެއް ނުދެވުނީ ކަމަށެވެ.

އަމިއްލަ ދަނޑުގައި ޑިފެންސްކޮށްގެން ކުޅުނީ ކީއްވެެގެންތޯ ގަތަރުގެ ނޫސްވެރިއެއް ސުވާލުކުރުމުން ޕޮޕޯފް ބުނީ ގަތަރަކީ ރާއްޖެ އަށްވުރެ މާ ފެންވަރުގެ ރަނގަޅު ޓީމަކަށްވުމުން ކަމަށެވެ.

"ގަތަރުގައި އެބަތިބި އަހަރަކު އެއް މިލިއަން ޑޮލަރު ލިބޭ ކުޅުންތެރިން. ރާއްޖޭގެ ކުޅުންތެރިއަކަށް މި ލިބެނީ 10،000 ޑޮލަރު. ދެ ޓީމުގެ ފެންވަރު ތަފާތު. އެކަަމަކު ގަތަރަށް މެޗުގެ 70 ވަނަ މިނިޓަ ޖެހެންދެން މާ ނުރައްކާތެރި ހަމަލާއެއް ނުއުފެއްދޭ. ހަމަ ސެޓް ޕީސްތަކުން ނުރައްކާކުރީ. އަހަރެމެންގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ޕްރެސްކުރި،" ޕޮޕޯފް ބުންޏެވެ.

ޕޮޕޯފް ވަނީ މެޗުގައި ރާއްޖޭގެ ޓީމަށް ސަޕޯޓްކުރުމަށް ދަނޑަށް ވަތް ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.