ރިޕޯޓް

ހުޅުމާލެ އިން "ނުއަގުގައި" ބިން: ހެޔޮވާވަރުގެ ކަމެއް ނޫން!

Oct 12, 2018
38

ހުޅުމާލެއަކީ ހާއްސަކޮށް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކޮށްދޭން ހިއްކި ރަށެވެ. ހަތް އަހަރުގެ މަސައްކަތުން މިރަށުގެ ބިން ހިއްކައި ނިމައިލީ 2007 ވަނަ އަހަރު އެވެ. ނަމަވެސް އޭފަހުން، ހުޅުމާލޭގެ ދެވަނަ ފިޔަވައްސެއްގެ ގޮތުގައި މިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ ބޮޑު ސަރަހައްދެއް ހިއްކައިދީފަ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ބިން ހިއްކައި ނިންމާލިއިރު، ދެވަނަ ފިޔަވަހި އަކަފޫޓެއްގެ ހިއްކި އަގު ޖެހެނީ ގާތްގަނޑަކަށް 600ރ. އަށް ކަމަވެ އެވެ. ނަމަވެސް ސަރުކާރުން "ކުއްލި" އަކަށް މި ވަނީ ދެވަނަ ފިޔަވަހީގައި ހިއްކި ބިމުން ގޯތި ތަކެއް ދޫކުރަން ނިންމައިފަ އެވެ. މި ފަހަރު ބިން ވިއްކަނީ އަކަފޫޓެއް އެންމެ 400ރ. އަށެވެ. މި އަގުގައި 400 ގޯތި ވިއްކާނެ އެވެ. ސުވާލަކީ މި އަގުގައި ހުޅުމާލެ އިން ބިން ވިއްކައިފިނަމަ އެ ކުންފުންޏާއި ރާއްޖޭގެ ރިއަލްއެސްޓޭޓް ބާޒާރަށް ދިމާވާނީ ކޮން މައްސަލައެއް ހެއްޔެވެ؟

"މި އަގު [އަކަފޫޓެއް 400ރ.] އަށް ބިން ވިއްކުމަކީ ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް. މީގެ ސަބަބުން ހުޅުމާލޭގެ މުސްތަގުބަލްގެ ޕްލޭން އަށް ވެސް އަސަރު ކުރާނެ،" އެޗްޑީސީގެ ސީނިއަ މުވައްޒަފަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ކަން ބޮޑުވުން އޮތީ އިންތިހާއަށެވެ. ނަމަވެސް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުގެ "ނިޔަމި" ކަމުގައި ބިން ވިއްކުމުގެ މަސައްކަތް ވަނީ ފެށިފަ އެވެ. އަދި އެ މަސައްކަތުގެ ދަށުން ނަމްބަރު ދޫކުރުމުގެ "ބޯޅަ" އެޗްޑީސީ އަށް ޕާސް ކުރިއިރު އުފެދޭ ސުވާލަކީ އަކަފޫޓެއް 400ރ. ގެ މަގުން ގޯތި ނުވަތަ ބިން ވިއްކުމުން މުސްތަގުބަލުގައި ހުޅުމާލެ ތަރައްގީ އަށް އަސަރު ކޮށްފާނެ ހެއްޔެވެ؟ މިއީ ހުޅުމާލޭގެ ބިމުގެ މިހާރުގެ އަގު ހުރި ވަރަށް ބަލާއިރު އެކަށީގެންވާ އަގެއް ހެޔެވެ؟ މިއީ ހައްތާހާ ވެސް ކުރަން ޖެހޭ ސުވާލެވެ.

އެންމެ ފަހުން ވިއްކި އަގާ ނުބައްދަލު!

އަކަފޫޓެއް 600ރ. ގެ ރޭޓުން ބިން ހިއްކާފައި އަކަފޫޓެއް 400ރ. އަށް ވިއްކުމުން މީގެ މާނައަކީ އަކަފޫޓަކުން 200ރ. ގެއްލުން ވުމެވެ. ދެން އޮތީ އެންމެ ފަހުން ބިން ވިއްކި އަގާއި މިހާރުގެ އަގުގެ ކިހާ ތަފާތެއްވޭ ހެއްޔެވެ؟ ހުޅުމާލެ ދެވަނަ ފިޔަވަހިން އެންމެ ފަހުން ބިން ވިއްކާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެ ފަހަރު އަތިރި މައްޗަށް ވާ ގޮތަށް ހުރި 101،954.33 އަކަފޫޓުގެ ބިން ވިއްކި އެވެ. އެގޮތުން ކޮންމެ މީހަކަށް އެއް ބިމަށް ކުރިމަތިލެވޭ ގޮތަށް ހުޅުވައިލީ 2،000 އަކަފޫޓާއި 6،000 އަކަފޫޓާ ދެމެދުގެ ބިން ތަކެވެ. އޭރުގެ އަގު އުޅެނީ އަކަފޫޓެއް 3،000ރ. ގެ ރޭޓުންނެވެ.

އެ ކުންފުނީގެ ސީނިއަ މުވައްޒަފެއް ވިދާޅުވީ އަކަފޫޓެއް 400ރ. ގެ ރޭޓުން ބިން ވިއްކުމަކީ ކުންފުންޏަށް މުސްތަގުބަލުގައި ގެއްލުންވާނެ ކަމެއް ކަމަށެވެ.

"ހަމަ އެއްގޮތަކަށް ވެސް ނޭނގެ މިކަން ކުރާ ނިޔަތެއް. ހަމަ ގައިމު ވެސް އެނގޭ ކަމަކީ މިއީ ނު އަގުގައި ވިއްކާ ބިން ތަކެއް ކަން،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މުވައްޒަފު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ނިންމާފައިވަނީ ހުޅުމާލެ އިން 400،000 ރުފިޔާ އަށް 1000 އަކަފޫޓު ގޯއްޗެވެ. 400 މީހުންނަށް ގޯތި ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. ހައުސިން އިން ބުނީ އެޑްވާންސްކޮށް 25،000 ރުފިޔާ ދެއްކުމަށް ފަހު 10 އަހަރަށް ބަހާލައިގެން ވެސް ގޯތި ނެގެ އެވެ. މިކަމުގެ ކަންބޮޑުވުން އެޗްޑީސީގެ 169 މުއައްޒަފުން ސޮއި ކޮށްފައިވާ ޕެޓިޝަނުގައި 19 ކަމެއް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެ ޕެޓިޝަނުގައި ބައެއް ވެރިން ވެސް ސޮއިކޮށްފައި ވެއެވެ. މި ޕެޓިޝަން އެކުލަވާލާފައިވަނީ އެ ކުންފުނީގެ ފައިނޭންޝަލް އާއި ޕްލޭނިންގައި މަސައްކަތް ކުރައްވާ މުވައްޒަފުންވެސް ބައިވެރިވެގެންނެވެ. މި ޕެޓިޝަންގައި މިއަގުގައި ބިން ވިއްކައިފިނަ ކުންފުންޏަށް ދިމާވެދާނެ ސީރިއަސް މައްސަލަތަކެއް ފާހަގަ ކޮށްފައިވެ އެވެ. "އަވަސް" އަށް އެނިގިފައިވާ ގޮތުގައި އެޗްޑީސީގެ މިހާރު 600 އެއްހާ މުވައްޒަފުން މަސައްކަތް ކުރާއިރު، މީގެ ތެރެއިން ބޮޑު ބައެއް ދަނީ މި އަގުގައި ބިން ވިއްކުމާ ދެކޮޅު ހަދަމުންނެވެ.

"މިއަދު [ބުރާސްފަތި] ދުވަހު ވަރަށް ސިއްރުން ޕެޓިޝަންގައި ސޮއިކުރުން ދިޔައީ. އެކަމަކު ވަރަށް ފަހުން ހުޅުވައިލީ. އެހެންވެ މަދު ބަޔަކަށް ސޮއިކުރެވުނީ. ހަމަ ގައިމުވެސް އެނގޭ ކަމަކީ ކުންފުނީގެ އެންމެ ސީނިއަ މުވައްޒަފުން ހިމެނޭ ގޮތުން، ގިނަ ބަޔަކު މިކަމާ ދެކޮޅުކަން،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.

މި އަގުން ބިން މާކެޓު ކުރަން ހުރަސް

އެޗްޑީސީ މުވައްޒަފުންގެ ޕެޓިޝަންގައިވާ ގޮތުން ޕެޓިޝަނުގައި ވަނީ މި އަގުގައި ބިން ވިއްކައިފިނަމަ ދެ ވަނަ ފިޔަވަހީީގެ އިިތުރުން ހުޅުމާލޭގެ ތަރައްގީގެ ޕްލޭން މުޅިން ބަދަލުވެގެންދާނެ ކަމެއް ކަމަށެވެ. އޭގެ ސަބަބުން އެ ކުންފުންޏަށް ކުރިއަށް އޮތް ތަނުގައި ލިބެންޖެހޭ އާމްދަނީ އެތައް ގުނައަކުން ދަށްވެ އޭގެ ނޭދެވޭ އަސަރު މާލީ ގޮތުން އެކުންފުންޏަށް ކުރާނެ ކަމަށް ވެސް ޕެޓިޝަނުގައި ވެއެވެ.

"ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ހަމަ އަގު ކުންފުންޏަށް ލިބުމަކީ ވަރަށް މުހިއްމު ކަމެއް، އަދި މިކަމަކީ މާކެޓިންއަށާއި ކަސްޓަމަރުންނަށް ވެސް އިތުރު ވަގުތު ވެސް ބޭނުންވާނެ ކަމަކަށްވާތީ މިކަން އަވަސް ގޮތަކަށް ނިންމުމުގެ ބަދަލުގައި މިކަމުން ނިކުންނާނެ ނަތީޖާއަށާއި ގެއްލުންތަކަށް ނުވިސްނައިފިނަމަ މި ކުންފުންޏަށް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެކަމަށް ދެކެން،" ޕެޓިޝަނުގައި ވެއެވެ.

ކޮންމެއަކަސް ހެޔޮ އަގުގައި ވިއްކަންޏާ އެ ހޯދަން ދާނެ އެވެ. އަދި ހާއްސަކޮށް ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުއިރު، ކިޔޫގައި ތިބެ މަރުފަލި ޖަހައިގެންވެސް އެ ހޯދާނެ އެވެ. ނަމަވެސް ސުވާލަކީ ހަމަ އަގު ނުލިބޭ ގޮތަށް ނުއަގުގައި ބިން ވިއްކުމުން މާކެޓަށް ވެގެންދާނީ ކިހިނެއް ހެޔެވެ؟ މިކަމުން ކުންފުންޏަށް ލިބިދާނެ ގެއްލުމަކަށް ވިސްނަން ސަރުކާރުން މިވަގުތު ބޭނުމެއް ނުވެ އެވެ. އަދި މި ބިންތައް ލިބެނީ ބޯހިޔާވަހިކަމަށް އަސްލުވެސް ބޭނުންވާ މީހުނަށްކަން ޔަގީން ކުރެވޭނެ ގޮތެއް ވެސް އޮތީއެއް ނޫނެވެ.