ޓީވީ ސީރީޒް

އާ ސީޒަންގެ އުންމީދު ސެކްރެޑް ގޭމްސްއަށް ގެއްލެނީ

އިންޑިއާގެ ޓީވީ ސީރީޒްގެ ތާރީހަށް ބޮޑު ބަދަލެއް ގެނައި ނެޓްފްލިކްސްގެ "ސެކްރެޑް ގޭމްސް"ގެ ދެ ވަނަ ސީޒަނެއް ގެނެސްދޭނެކަން މިދިޔަ މަހު ނެޓްފްލިކްސްއިން ހާމަކުރި އެވެ. ނަމަވެސް މިހާރު ސީރިއަސް މައްސަލައެއް ކުރިމަތިވެ އާ ސީޒަނެއްގެ އުންމީދު އެ ސީރީޒަށް އޮތީ ގެއްލުމާއި ގާތުގައި އެވެ.

އެއީ އެ ސީރީޒްގެ އެއް ލިޔުންތެރިޔާ، ވަރުން ގްރޯވަރްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތެއް އައިސްފައި ވާތީ އެވެ. ނެޓްފްލިކްސްއިން ވަނީ އެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ބުނެފައި އެވެ.

ވަރުންގެ މައްޗަށް ތުހުމަތުކުރި އަންހެން މީހާ ބުނީ އެކަމެއް ހިނގާފައި ވަނީ 2001 ވަނަ އަހަރުގައި ކަމަށެވެ. ނަމަވެސް ވަރުން ވަނީ އެ ތުހުމަތުތަކަށް އިންކާރު ކޮށްފައި އެވެ. ވަރުންގެ ދިފާއުގައި "ސެކްރެޑް ގޭމްސް" ގެ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ވެސް ވާހަކަ ދައްކާފައި ވާއިރުގައި، ވަރުން ވަނީ އެ ތުހުމަތައް އިންކާރުކޮށް ބޮޑު ބަޔާނެއް ވެސް ނެރެފައި އެވެ.

ނެޓްފްލިކްސްއިން ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ނަގައި އެވެ. އެމީހުންގެ އެންމެ ކާމިޔާބު އެއް ސީރީޒް "ހައުސް އޮފް ކާޑްސް" އެ އެކްޓަރު ކެވިން ސްޕޭސީގެ މައްޗަށް ވެސް އެފަދަ ތުހުމަތެއް އައުމާ ގުޅިގެން އެ ސީރީޒުން އޭނާ ވަނީ ބޭރުކޮށްލާފަ އެވެ.

"ސެކްރެޑް ގޭމްސް" ގެ ފުރަތަމަ ސީޒަންގައި ލީޑުން ފެނިގެންދިޔައީ ސައިފް އަލީ ޚާން، ނަވާޒުއްދީން ސިއްދިގީ އަދި ރާދިކާ އާޕްތީ އެވެ. ވާހަކަ ލިޔުނީ ވަރުން ގްރޯވާ އާއި ސްމިތާ ސިންހު އަދި ވަސަންތު ނާތު އެވެ. ޑައިރެކްޓުކުރީ އަނޫރާގް ކަޝްޔަޕު އަދި ވިކްރަމްއަދިތުޔަ މޮތުވާނީ އެވެ.