ދުނިޔެ

ފަލަސްތީނު: ހަ މީހަކު ޝަހީދުކޮށް، 250 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

Oct 13, 2018

ޣައްޒާ (އޮކްޓޯބަރު 12) - ފަލަސްތީނު ރައްޔިތުންގެ ބިން އަނބުރާ ދިނުމަށް ގޮވާލާ ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި މުޒާހަރާތައް ކުރިއަށް ގެންދާތާ ފަސް މަސް ވެފައިވާއިރު، އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި އިޒްރޭލު ސިފައިން ނުކުމެ ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށް 250 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި އެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެ ބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެ މީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

މިއަހަރުގެ މާޗް 30 ގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 204 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އިއްޔެ ވެސް ކުރިއަށްދިޔަ މުޒާހަރާތަކުގައި އިޒްރޭލު ސިފައިން ބަޑިޖަހާ ހަ މީހަކު ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 17 އަހަރާއި 18 އަހަރުގެ ދެ ޒުވާނުން ވެސް ހިމެނެ އެވެ.

އިއްޔެގެ ކުރިމަތިލުންތަކުގައި، އިތުރު 252 މީހުން ޒަހަމްވެފައިވާއިރު، އޭގެ ތެރެއިން 154 މީހުން ޒަހަމްވެފައިވަނީ ބަޑީގެ ހަމަލާތަކުގައި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.