ޓީވީ ސީރީޒް

ކޮމޮލިކާގެ ރޯލުން ފެންނާނީ ހީނާ ޚާން

"ކަސޯޓީ ޒިންދަގީ ކޭ" ގެ އާ ސީޒަނެއް ފަށައިގެން މިހާރު ކުރިއަށް ދާއިރު، އެންމެ ގިނަ ބަޔަކު ކެތްމަދުވެފައި ތިބީ ކަސޯޓީގެ އައިކޮނިކް ވިލަން، ކޮމޮލިކާގެ ރޯލުން ފެނިގެންދާނީ ކާކުތޯ ބަލާލުމަށެވެ.

އެންމެފަހުން މި ޑްރާމާގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް މިހާރު ވަނީ އެ ރޯލުން ފެނިގެންދާނެ އެކްޓްރެސް ހާމަކޮށްފަ އެވެ.

މީޑިއާތަކުން ހީކުރި ގޮތާ އެއްގޮތަށް އެ ރޯލުން ފެނިގެންދާނީ ހީނާ ޚާން އެވެ. މި ރޯލަށް ކްރިސްޓަލް ޑިސޫޒާ ނަގާ ވާހަކަ ވެސް ދެކެވުނެވެ. ސްޓާ ޕްލަސްގެ މަގުބޫލު ޑްރާމާ ސިލްސީލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ" އިން މަގުބޫލުކަން ހޯދި ހީނާ މި ރޯލުން ފެނިގެންދާނެކަން އެކްތާ ހަމަކުރީ އޭނާ ކުރި ޓުވީޓެއްގައި އެވެ.

"ކަސޯޓީ" ގެ ފުރަތަމަ ސީޒަންގައި ކޮމޮލިކާގެ ރޯލުން ފެނިގެންދިޔައީ އުރްވަޝީ ދޮލާކިއާ އެވެ.

މި ޑްރާމާގައި ލީޑުން ފެނިގެންދާ ދެ ރޯލު، ޕްރޭނާ އާއި އަނޫރާޖަށް ފަހު އެންމެ ގިނަ ބައެއް މަގުބޫލުކަން ލިބުނީ ކޮމޮލިކާގެ ރޯލަށެވެ. ހިންދީ ޑްރާމާތަކުގައި އަދިވެސް އެ ވަރުގެ ވިލަންއެއް ނުފެންނަ ކަމަށް ފޭނުން ސިފަކުރެ އެވެ.

އާ ސީޒަންގައި ލީޑުން ފެނިގެންދަނީ އެރިކާ ފިނާންޑޭޒް އާއި ޕާތު ސަމްތާން އެވެ.