ވިލިމާލޭ ޕްރީ ސްކޫލް ހިންގުން ހަވާލުކޮށްފައިވާ ކުންފުންޏާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލީ ގާނޫނާ ޚިލާފަށް ކަމަށާއި އެ އެއްބަސްވުމަކީ ބާތިލް ނުވެ ހިނގަމުންދާ އެއްބަސްވުމެއް ކަމަށް ބެލުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވިލިމާލޭގައި ހުންނަ ގަލަމް ޕްރީ ސްކޫލްގެ ހިންގުން އެޑިއު އޮޕްޝަން ޕްރައިވެޓް ލިމިޓެޑާ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ހަވާލުކޮށްފައި ވަނިކޮށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
އެ މައްސަލަ އެޑިއު އޮޕްޝަން ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ވަނީ އެ އެއްބަސްވުން ބާތިލް ކުރިކުރުން ސައްހަ ނޫން ކަމަށް ހުކުމްކޮށްފަ އެވެ.
ކޯޓުގެ ހުކުމުގައިވަނީ އެ އެއްބަސްވުން ބާތިލް ކުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވަނީ އެއްބަސްވުން ބާތިލް ކުރަން އަމަލު ކުރަންޖެހޭ ގޮތާ ޚިލާފަށް ކަމަށެވެ. އަދި އެ ސްކޫލް ހިންގުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ތަންފީޒު ކުރަމުންދާ ގޮތުގެ ޕްލޭނެއް ފޮނުވަން މިނިސްޓްރީން އެންގުމުން އެފަދަ ޕްލޭނެއް ފޮނުވާފައި ވަނިކޮށް އެއާ އެއްގޮތަށް ކަންކަން ކުރޭތޯ ބެލުމެއް ނެތި އެއްބަސްވުން އުވާލަން ނިންމުމަކީ ވެސް ރަނގަޅަށް ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ގާޒީ އަބްދުﷲ ޖަމީލު މޫސާ އިއްވެވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ކޯޓުގައި ހިނގަމުންދާތީ އެ ސްކޫލް އެހެން ފަރާތަކާ ހަވާލު ކުރުމުގެ މަސައްކަތް ނުކުރަން ކޯޓުން ކުރިން ވަނީ އަމުރުކޮށްފަ އެވެ.