ނިއުކްލިއަ ހަތިޔާ ނައްތައިލުމުގައި އުތުރުކޮރެއާގެ ލީޑަރު ކިމްޖޮންއުންގެ އިހުލާސްތެރިކަން އެބަހުރި ކަަމަށާއި ބައިނަލް އަގުވާމީ މުޖުތަމައުން އެކަން ބަލައިގަންނަން ޖެހޭ ކަަމަށް ދެކުނުކޮރެއާގެ ރައީސް މޫން ޖައިއިއިން ވިދާޅުވެއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި ފްރާންސަށް ވަޑައިގެން އުޅުއްވަމުން އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މޫން ވިދާޅުވީ ކިމްގެ މަސައްކަތްޕުޅު ބަލައިގަނެ ބައިނަލް އަގުވާމީ މުޖުތަމައުން އޭނާއަށް އެކަމުގެ އިނާމުވެސް ދޭން ޖެހޭ ކަމަށެވެ.
ކޮރެއަން ޕެނިންސިއުލާއިން ނިއުކްލިއަ ހަތިޔާރު ނައްތައިލަން ކިމްޖޮންއުން އެއްބަސްވެވަޑައިގެންނެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި އެކު މިދިޔަ ޖޫންމަހު ބޭއްވި ތާރީހީ ސަމިޓްގައެވެ. އެ ސަމިޓްގައި ދެބޭފުޅުން އެއްބަސްވުމެއްގައި ސޮއިކުރެއްވި ނަމަވެސް އެ އެއްބަސްވުމުގައި އެ މަސައްކަތް ކުރާނެ ގޮތުގެ ތަފުސީލުތަކެއް ނެތެވެ. އަދި އުތުރުކޮރެއާގައި ނިއުކްލިއަ ހަތިޔާރު ހުރި މިންވަރު ހާމަކުރެއްވުމަށް ކިިމް އޭގެ ފަހުން ވަނީ ދެކޮޅު ހައްދަވާފައެވެ. އެހެންވެ ހަތިޔާރު ނައްތައިލުމުގެ މަސައްކަތް އެހާ ބާރަށް ކުރިއަށް ގޮސްފައެއް ނުވެއެވެ. ނަމަވެސް މޫން ވިދާޅުވީ އޭގެ ފަހުން ވެސް ކިމްއާ އެކު ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައިވާ ކަމަށާއި ނިއުކްލިިއަ ހަތިޔާރު ދޫކޮށްލައްވަން ކިމް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން އެ މަޝްވަރާތަކަށް ފަހު ގަބޫލުކުރެއްވިފައިވާ ކަމަށެވެ.
އުތުރުކޮރެއާއިން ވަނީ ނިއުކްލިއަ ޓެސްޓްތައް ކުރުން މިއަހަރު ހުއްޓާލާފައެވެ. ނަމަވެސް އެގައުމުން ވައުދުވީ ފަދައިން ޕަންގްޔީ ރީ ސައިޓް ނައްތައިލި އިރު ބައިނަލް އަގުވާމީ އޮބްޒާވަރުންނަށް ދެއްކުމަށް އެގައުމުން ފަހުން ދެކޮޅު ހެދިއެވެ. އެހެންވެ އެގައުމުގެ އިހުލާސްތެރިކަމާ މެދު ބައިނަަލް އަގުވާމީ މުޖުތަމައުން ވަނީ ސުވާލުތައް އުފައްދާފައެވެ. ނަމަވެސް މޫން ވިދާޅުވީ ކިމް އަކީ " މަޑުމައިތިރި، އަދަބުވެރި އަދި އިޚުލާސްތެރި ބޭފުޅެއް" ކަމަށާއި ބައިނަލް އަގުވާމީ މުޖުތަމައުުން އޭނާއަށް އިތުބާރު ނުކުރާތީ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. - ރޮއިޓާސް