ހަބަރު

ހައުސިން މިނިސްޓްރީ އާއި ފެންކުންފުންޏަށް ބޮޑު ޖޫރިމަނާއެއް

ގަވައިދާ ހިލާފަށް މާލޭގެ ބިމުން ފެން ނަގައި ބޭރުކޮށްފައި ވާތީ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހައުސިން މިނިސްޓްރީ އާއި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ޖޫރިމަނާކޮށްފި އެވެ.

އީޕީއޭއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެެމްޑަބްލިއުއެސްސީ އިން މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހާއި 16 ވަނަ ދުވަހު މާލޭގެ ބިމުން ފެންނަގައި ބޭރުކޮށްފައި ވަނީ ފެންނަގައި ފެން ބޭރުކުމުގެ ގަވާއިދުގެ ހަތް ވަނަ މާއްދާގެ ހ. ގައިވާ ގޮތާ ހިލާފަށް، އަދި އީޕީއޭއިން ހުއްދަވެސް ނުހޯދާ ކަމަށެވެ. އެހެންވެ އެ ކުންފުނި 55،000 ރުފިޔާއިން އިން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، ހައުސިން މިނިސްޓްރީން މިދިޔަ ޖުލައިމަހުގެ 10 ވަނާ ދުވަހު މާލޭގެ ބިމުން ފެން ނަގައި ބޭރުކޮށްފައި ވަނީ ވެސް ހުއްދަ ނުހޯދައި ކަަމަށެވެ. އެހެންވެ އެ މިނިސްޓްރީ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.