ދުނިޔެ

އޮަސްޓްރޭލިއާ އެމްބަސީވެސް ގުދުސަށް ބަދަލުކުރަނީ

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަނެ އިޒްރޭލުގައި ހުންނަ އޮސްޓްރޭލިއާ އެމްބަސީ އެރަށަށް ބަދަލުކުރަން އެގައުމުން ވިސްނަމުން އަންނަ ކަމަށް އިޒްރޭލުން ބުނެފިއެވެ.

އޮސްޓްރޭލިއާއިން އެގޮތަށް ވިސްނަމުން އަންނަ ކަމަށް ބުނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އާއްްމުކުރި ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައި ވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއާއި ނަތަންޔާހޫ ފޯނުން ވާހަކަ ދެއްކެވި ކަމަށާއި އިޒްރޭލުގެ ވެރިރަށަކީ ގުދުސްކަމަށް ބަލައިގަތުމަށް އޮސްޓްރޭލިއާއިން ބުރަވާ ކަމުގެ މައުލޫމާތު މޮރިސަން ދެއްވި ކަމަށެވެ.

އޮސްޓްރޭލިއާގެ ވެރިރަށް ކެމްބެރާގައި އަންގާރަދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި މޮރިސަން ވިދާޅުވީ އިޒްރޭލުގައި ހުންނަ އޮސްޓްރޭލިއާ އެމްބަސީ ތެލްއަވީވުން ގުުދުސަށް ބަދަލުކުރުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

" ވެރިރަށް ބަލައިގަތުމާއި އެމްބަސީ ބަދަލުކުރުމާ މެދު އަދި އެއްވެސް ނިންމުމެއް ނުނިންމާ. އެކަމަކު އޮސްޓްރޭލިއާ ސަރުކާރު އޮތީ މިކަމާ މެދު ހުޅުވާލެވިފައިވާ ވިސްނުމެއްގައި،" މޮރިސަން ވިދާޅުވި ކަމަށް ސީއެންއެން އިން ބުންޏެވެ.

މޮރިސަން ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި އޭނާގެ ކެބިނެޓުގެ ބައިވެރިންނާއި އެކު އެ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ދެދައުލަތް އޮންނަ ގޮތަށް ފަލަސްތީނު އިޒްރޭލު މައްސަލަ ހައްލުކުރަން އޮސްޓްރޭލިއާ ތާއީދުކުރާ ކަމަށެވެ. ނަމަވެސް އެފަދަ ހައްލެއް ހޯދުމަށް ކުރާ މަސައްކަތް މާ އެދެވޭ ގޮތަކަށް ކުރިއަށް ނުދާ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އޮސްޓްރޭލިއާއިންް ބަލައިގަނެފި ނަމަ އެގައުމު ވެގެން ދާނީ އެގޮތަށް ބަލައިގަންނަ ތިން ވަނަ ގައުމަށެވެ. ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް މިހައިތަަނަށް ބަލައިގެންފައި ވަނީ އެމެރިކާއާއި ގުއާޓެމާލާ އެކަންޏެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައަޅައިގެން އުޅެނީ ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފަށެވެ.