ރައްޔިތުން މަޖިލީހުގެ ތިން ވަނަ ދައުރު ނުފަށާ، އެއްވެސް ޖަލްސާއެއް ނުބާއްވާތާ ދެ މަހެއްހާ ދުވަސް ވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ ގަވާއިދަށް ދާދި ފަހުން ވަނީ ބަދަލު ގެނެސް ދެވަނަ ދައުރު ކުރުކޮށް ތިން ވަނަ ދައުރު ދިގު ދަންމާފަ އެވެ. އެގޮތުން އޮގަސްޓު 27 ގައި ތިން ވަނަ ދަައުރުގެ ޖަލްސާތައް ފަށަން ޖެހޭ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެ އެވެ. ނަމަވެސް އޭގެ ފަހުން ދެ މަހެއްހާ ދުވަސް ވާން ގާތްވެފައިވާ އިރު ވެސް އަދިވެސް އެއްވެސް ޖަލްސާއެއް ނުބާއްވާ މަަޖިލީސް އޮތީ "ތަޅު" އަޅުވާފަ އެވެ.
މަޖިލީހުގެ ޖަލްސާތައް ބާއްވާ ކުރިޔަށް ގެންދިޔުމުގެ ޒިންމާ އަދާކުރަން ޖެހޭނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ. ތިން ވަނަ ދައުރުގެ ޖަލްސާތައް މަސީހު މިހާތަނަށް ފަށާފައި ނުވާ އިރު އިދިކޮޅު ޕާޓީތަކުގެ މެންބަރުން އަންނަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އަނެއްކާ ވެސް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ޕާލީމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް "އަވަސް" އަށް ވިދާޅުވެފައި ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ސޮއި ހޯދަން ވެސް ފަށާފައިވާ ކަމަށެވެ. ނަމަވެސް ޖަލްސާތައް ނުބާއްވާ ހުއްޓުވާފައި އޮތް ކަމަށް ރިޔާޒު ވިދާޅުވި އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާ، މެންބަރުންނަށް ނޯޓިސް ލިބޭތާ 10 ދުވަސް ފަހުން ޖަލްސާއެއް ބާއްވަން ޖެހެ އެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުދިޔަ ނަމަވެސް މިފަހުން ދެތިން ކޮމިޓީ ބައްދަލުވުމެއް ބޭއްވި އެވެ. ނަމަވެސް އެ މަސައްކަތްތައް ވެސް އަނެއްކާ ވެސް ވަނީ ހުއްޓިފަ އެވެ.
މިހާރު ވެސް އިބްތިދާއީ ބަހުސް މަރުހަލާގައި ދެ ބިލެއްގެ މަސައްކަތް އެބައޮތެވެ. އެއީ ރާއްޖޭގެ ބޭންކިންއާ ބޭހޭ ގާނޫނަށް ގެނައި އިސްލާހަކާއި މޯލްޑިވްސް މީޑިއާ ކޮމިޝަން އުފައްދާ ބިލެވެ. އޭގެ އިތުރުން ކޮމިޓީ މަރުހަލާގައި ވެސް ގިނަ ބިލުތަކެއްގެ މަސައްކަތް އެބަހުއްޓެވެ. އޭގެ ތެރޭގައި ވަރަށް ގިނަ ދުވަސްތަކެއްވެފައި ހުރި ބިލްތައް ވެސް ނުނިމި ކޮމިޓީ މަރުހަލާގައި އެބަހުއްޓެވެ. ނަމަވެސް ޖަލްސާތައް ނުބާއްވާތީ އެ މަަސައްކަތްތައް ވެސް ވަނީ ހުއްޓިފަ އެވެ.