ރައްޔިތުންގެ މަޖިލިސް

ގައުމީ ކުޅިވަރު ފަންޑެއް ގާއިމުކުރަނީ

ގައުމީ ކުޅިވަރު ފަންޑެއް ގާއިމުކުރަން ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

ގައުމީ ކުޅިވަރު ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާއެކު ރާއްޖޭގެ ކުޅިވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި ރާއްޖޭގެ ކުޅިވަރަށް މާލީ އެހީގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުން ހިމެނެ އެވެ.

ކުޅުންތެރިން ކުރިއެރުވުމަށާއި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓްކުރުމަކީވެސް މި ފަންޑުގެ މަގުސަދެކެވެ.

ފަންޑްގެ އިތުރު މަގުސަދުތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ދިރާސާތައްކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގާ އަމިއްލަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

ފަންޑުގެ ރައުސްމާލު އެކުލެވިގެންވަނީ ދައުލަތުގެ ބަޖެޓުން ކަނޑައަޅައި ފަންޑަށް ޖަމާކުރާ ފައިސާ އާއި ކުޅިވަރާބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައި ހުރި ކުޅިވަރުގެ ވަސީލަތްތަކުންނާއި އެ ވުޒާރާއިން އިންތިޒާމުކޮށް ހިންގާ ކުޅިވަރު ހަރަކާތްތަކުން ވިޔަފާރިން އުސޫލުން ލިބޭ ނަފާ ހިމެނެ އެވެ.

ކުޅިވަރު ވަސީލަތްތަކާއި ކުޅިވަރު ހަރަކާތްތަކާއި ކުޅިވަރު ޓިމުތަކަށް ވިޔަފާރިތަކުން ލިބޭ ސްޕޮންސާޝިޕް ފައިސާ އާއި އެހީގެ ގޮތުގައި ލިބޭ ފައިސާއަކީވެސް ފަންޑުގެ ރައުސްމާލުގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

އިސްލާހުގައިވާ ގޮތުން ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް ކުޅިވަރާބެހޭ ގައުމީ މަޖިލީހުންނެވެ.

މި ފަންޑު އުފައްދަނީ ގައުމަށް ރީތި ނަން ހޯދައިދޭ ކުޅުންތެރިންނަށް ލިބޭ އަނިޔާއަށް ފަރުވާ ލިބޭނެ އުސޫލެއް ނެތުމުގެ ކަންބޮޑުވުން ކުޅުންތެރިންނާއި އާންމުން ފާޅުކުރަމުން ދަނިކޮށެވެ.