ނިއު ރޭޑިއަންޓުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، މެޗުގެ އެންމެ ފަހު 10 މިނެޓް ތެރޭގައި ގުރީން ސްޓްރީޓުން ކާމިޔާބު ކުރި ދެ ލަނޑުން، މެޗުގެ ނަތީޖާ 2-2 އިން އެއްވަރުވެ، ތާވަލުގެ ދެ ވަނައިގައި ނިއުއިން ދަމަހައްޓަމުން އައި މަގާމަށް ނިމުން އަތުވެއްޖެ އެވެ.
މެޗުން އެއްވަރު ވުމުން، ފުުރަތަމަ ބުރު ނިއު އިން ނިންމާލަން ޖެހޭނީ، ކުލަބު އީގަލްސް އާއި މާޒިޔާއަށް ވުރެވެސް ފަހަތުން ތާވަލުގެ ހަތަރު ވަނައިގަ އެވެ. އީގަލްސްއިން ވަނީ 20 ޕޮއިންޓް ހޯދާފަ އެވެ. މާޒިޔާއަށް 19 ޕޮއިންޓެވެ. މެޗުން ލިބުނު ޕޮއިންޓާއެކު ފުރަތަމަ ބުރުން ނިއުއަށް ހޯދުނީ 18 ޕޮއިންޓެވެ. ގުރީންއަށް ހޯދުނީ 17 ޕޮއިންޓެވެ.
ނިއު އިން ކާމިޔާބު ކުރި ދެ ލަނޑު ވެސް ޖެހީ ކެޕްޓަން އަލީ ފާސިރު 'ސެންޓޭ' އެވެ. ދެ ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފު ގައެވެ. ފުރަތަމަ ލަނޑު ޖެހީ ގުރީންގެ ޑިފެންސަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި މެޗުގެ 27 ވަނަ މިނެޓްގަ އެވެ. ގުރީންގެ ކޯޗު އަލީ ސުޒޭން ބުނީ، އެއީ ގުރީންގެ ޑިފެންސަށް ހެދިގެން ވާނެ މިސްޓޭކެއް ނޫން ކަމަށާއި ކުޅުންތެރިން ތިބީ މާ ފަސޭހަ ކޮށްލައިގެން ކަމަށެވެ.
ނިއުގެ ދެ ވަނަ ލަނޑު އޭގެ ދެ މިނެޓް ފަހުން ސެންޓޭ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އެއްގަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ގްރީންގެ ކުޅުން ރަނގަޅުކޮށް ނިއުގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. މެޗުގެ ފަހު ކޮޅުގައި އެ ޓީމުން މޮޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމުން ފައިދާ ނެގީ ނިއުގެ ކުޅުންތެރިން ހަމަލާ އުފައްދަން ކުރިއަށް އަރާ ތިބޭ ވަގުތުގައި ލިބޭ ބޯޅަ ތަކުން ކައުންޓަ އެޓޭކު ފުރުސަތު ތަކުގަ އެވެ.
ގްރީންގެ ފުރަތަމަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ހޯޒޭ އަވީލާ އެވެ. ނަތީޖާ ހަމަހަމަ ކުރީ އޭގެ ދެ މިނެޓް ފަހުން މުހައްމަދު ރިޝްވާން 'ފުކޭ' އެވެ. އޭގެ ފަހުން އަބްދުﷲ މިސްބާހު 'މިސްބެ' އަށް ވަނީ ގްރީން ލީޑު ނެގުމަށްޓަކައި ހުސް ފުރުސަތެއް ލިބިފަ އެވެ. ގޯލް ހުސްކޮށް އޮއްވައި ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިއާ އިންޗިއެއް ހައި މަތިން ބޭރަށެވެ.