ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި މާފުށީ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާ ކުރެއްވުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލާ މިއަދު އެ ރަށަށް ވަޑައިގެންފި އެވެ.
ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި ދެ ދަރިކަނބަލުން ކަމަށްވާ ޔުމްނާ މައުމޫން އަދި ދުންޔާ މައުމޫން މިއަދު މާފުއްޓަށް ވަޑައިގެންނެ، އެހީތެރިކަން ލިބުނު އާއިލާތަކާ ބައްދަލު ކުރައްވާފައިވެ އެވެ.
އެ ދަތުރުފުޅަށްފަހު ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމް ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި އެ ބޭފުޅުންގެ އާއިލާ މާފުއްޓަށް ކުރެއްވި ދަތުރުތަކުގައި މާފުށިން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.
މިއަދު މާފުއްޓަށް ކުރެއްވި ދަތުރަކީ އެކަމުގެ އަގު ވަޒަން ކުރުމުގެ ދަތުރެއް ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ފާރިސް ޖަލުގައި އެއް އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކުރެއްވިއިރު، ރައީސް މައުމޫނާއި ނަދީމް ހައްޔަރުކުރީ އެކެއް ފެބުރުއަރީގެ އަމުރަށްފަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އެ ތިން ބޭފުޅުން ވެސް މިހާރު ވަނީ ޖަލުން މިނިވަންވެފަ އެވެ.