ހަބަރު

ކަންތައްތައް ރަނގަޅަށް ހިނގައިދާނެކަމަށް ބެލުން ބުއްދިވެރިއެއް ނޫން: ނަޝީދު

ބާރުތައް ބަދަލުވުމުގެ މި މަރުހަލާގައި ކަންތައްތައް އޮމާންކަމާއި އެކު ހިނގައިދާނެ ކަމަށް ބެލުމަކީ ބުއްދިވެރިކަމެއްނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ތުހުމަތު ކުރައްވާފައި ވަނީ ރިޔާސީ އިންތިހާބު ބާތިލުކުރަން އެދިވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުުލް ގައްޔޫމު ހުށަހަޅުއްވާފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގައި އެކޯޓަށް ނުފޫޒު ފޯރުވަން ރައީސް ޔާމީނު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕޮލިސް ޗީފް މެދުވެރިކުރައްވައިގެން ކަމަށް ނަޝީދު ތުހުމަތުކުރައްވާފައި ވެއެވެ.

"މިކަން މިހެން ދަނީ. ހަގީގަތުގައި ބާރުތައް ބަދަލުކުރުމާ ހަަމައަށް ކަންތައްތައް އޮމާންކޮށް ހިނގައިދާނެކަމަށް ބެލުމަކީ ބުއްދިވެރިކަމެއް ނޫން،" ނަޝީދު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ރާއްޖެއަށް އެނބުރި ވަޑައިގެންނެވުމާ ބެހޭ ގޮތުުންް ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ރާއްޖެއަކީ އެމަނިކުފާނުގެ ވަތަން ކަމަށާއި ވަޑައިނުގަތުމަށް އެއްވެސް މީހަކަށް ނުބުނެވޭނެ ކަމަށެވެ.

ރާއްޖޭގައި އޮތީ ވާނެގޮތެއް ނޭނގޭ ހާލަތެއް ކަމުން އެކަމާ ގުޅިފައިވާ ޕާޓީތަކަށް ކުރެވިދާނެ ގިނަ ކަންތައްތަކެެއް އެބަހުރި ކަމަށާއި މަގުމަތީ ހަރަކާތަށް ނުކުތުމަކީ އެފަދަ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެެއެވެ. ނަަވެސް މަގުމަތީ ހަރަކާތަށް ނުކުތުމަކީ އެކަމުގައި ގެއްލުން ވުމުގެ ނުރައްކާ އޮތް ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

" މަގުމަތީގެ ސީދާ ހަރަކާތަށް ނުކުތުމަކީ އެއްވެސް އިރެއްގައި ފަސޭހަކަމެއް ނޫން. އަޅުގަނޑުމެން ދެކޭ ގޮތަކީ ސުޕްރީމްކޯޓުން އެކޯޓުގެ ހުކުމް ނެރުނަދޭށޭ. ގަބޫލުނުކުރެވޭ ވަރުގެ ގޯސް ހުކުމަކައިގެން އަތުވެއްޖެއްޔާ އަޅުގަނޑުމެން ދެން ކީއްތޯ ކުރާނީ؟ އަޅުގަނޑު ދެކެނީ އެއީ ކަމަށް ފުދިއްޖޭ ބުނެ ހުރިހާ ކަމެއް ދޫކޮށްލާފައި އަޅުގަނޑުމެެން މަގުތަކަށް ނުކުންނަން ޖެހޭނެ ވަގުތަކީ. ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް،" ނަޝީދު ވިދާޅުވިކަމަށް ދަ ހިންދޫ ނޫހުގެ ހަބަރުގައި ވެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީނު ސުޕްރީމްކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް ކުރުން މިއަދުު މެންދުރުފަހު 1:00 އަށް ވަނީ ތާވަލުކޮށްފައެވެ.