ހަބަރު

އިބޫ ހުވާކުރާ ތާރީހާ ގުޅޭ އީސީގެ ނިންމުމަށް އިހްތިރާމް ނުކުރަން: ޕީޕީއެމް

Oct 21, 2018
19

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަން، އީސީއިން ނިންމި ނިންމުމަށް އިހްތިރާމް ނުކުރާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިހާބީ ރައީސް އިބޫ ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އީސީއިން މިއަދު ވަނީ ނިންމާފަ އެވެ. އިލެކްޝަން ކޮމިޝަންގެ ފަސް މެންބަރުން ބައިވެރިވެވަޑައިގަތް އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އިބޫ ހުވާ ކުރެއްވުމުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވީ، އިންތިހާބީ ރައީސް، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރާނެ ދުވަސް ކަނޑައެޅުމަކީ އިލެކްޝަން ކޮމިޝަނުގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށާއި ގާނޫނު އަސާސީން އެބާރާއި އެ އިހްތިޔާރު އީސީއަށް ލިބިދީފައިނުވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރިޔާސީ ދައުރެއްގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށާއި ރައީސް ޔާމީންގެ ދައުރުގެ ފަސް އަހަރު ހަމަވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ކަމަށެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި 11 ނޮވެމްބަރުގައި ހުވާ ކުރަންޖެހޭނެ ކަަމަކަށް ބަޔާންކޮށްފައިނުވާ ކަމަށާއި އެހެންކަމުން އީސީއަށް 11 ނޮވެމްބަރުގައި އިބޫ ހުވާ ކުރެއްވޭނެ ކަމަށް ކަނޑައެއް ނޭޅުއްވޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"އީސީގެ މެންޑޭޓް ތެރޭ ތިއްބަވައިގެން ވާހަކަފުޅު ދެއްކެވިއްޔާ ރަނގަޅުވާނީ، އަޅުގަނޑުމެންނެއް އެޔަކަށް އިހްތިރާމެއް ނުކުރަން، ގާނޫނު އަސާސީއާ ހިލާފަށް ދައްކާ ވާހަކަތަކަށް ޕީޕީއެމަކުން އިހްތިރާމެއް ނުކުރާނެ،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، ރައީސް ޔާމީންގެ ފަސް އަހަރު ދުވަސް ހަމަވާނީ އަންނަ މަހުގެ 16 ވަނަ ދުވަހަށް ކަމަށާއި އެހެން ބޭފުޅަކަށް ހުވާ ކުރެއްވޭނީ 17 ވަނަ ދުވަހު ކަމަށެވެ. އަދި އެނޫން ގޮތަކަށް އެކަން ކުރައްވާނަމަ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަން ޖެހިދާނެ ކަމަށާއި އެކަން ބަދަލުވެގެންދާނީ އަނެއްކާވެސް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ އިންތިގާލީ ބާބުގައިވާ ގޮތުން އާ ރައީސްއަކު ހުވާ ކުރެއްވުން އޮންނަނީ ނޮވެމްބަރު 11 ގައެވެ. ނަމަވެސް 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، ސުޕްރީމް ކޯޓުން ބާތިލްކުރުމުން އެ ތާރީހަށް އާ ރައީސްއަކު އިންތިހާބު ނުކުރެވި، ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ އެ އަހަރުގެ ނޮވެމްބަރު 17ގަ އެވެ. އެހެންކަމުން އޭޖީ އޮފީހުން އިލެކްޝަން ކޮމިޝަނަށް މީގެކުރިން ލަފާދީފައިވަނީ މި ފަހަރު ވެސް ހުވާކުރުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17 ގައި ބޭއްވުމަށެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް އިބޫ ހުވާ ކުރައްވާނެ ކަމަށް ބުނަމުންނެވެ. އެއީ އަބަދުވެސް އަމަލުކޮށްފައިވާ ގޮތް ކަމަށާއި 2013 ވަނަ އަހަރު އެ ދުވަސް ލަސްވީ ހާއްސަ ހާލަތެއް މެދުވެރިވެގެން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިހާރު އެ ހާލަތް ނެތްއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވެސް ވަނީ ނޮވެމްބަރު 11 ގައި އިބޫއަށް ހުވާ ކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގެ ތައްޔާރީތައް މަޖިލީހުން ދަނީ ވަމުންނެވެ.