ހަބަރު

ފުރަތަމަ 100 ދުވަސް ތެރޭގައި އަބުރުގެ ގާނޫނު އުވާލާނަން: އިބޫ

"އަބުރުގެ ގާނޫނު"ގެ ނަމުގައި ރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނު އުވާލުމަކީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ މަސަައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހޯމަދުވަހު ސަންގުޓީވީއަށް ވަޑައިގެން އެ ސްޓޭޝަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އަބުރުގެ ގާނޫނަކީ އެގާނޫނުގެ ސަބަބުން ރާއްޖޭގެ މީޑިއާއަށް ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ގާނޫނެެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައި އިރާދަކުރެއްވިއްޔާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، އެ 100 ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ޕްރޮގްރާމްގެ ތެރޭގައި އެގާނޫނު އުވާލުން އެބަ އޮތް،" ސަންގުޓީވީ އާއި ރާއްޖޭގެ އެހެން މީޑިއާތަކުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރެއްވުމަށް ފަހު އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރަސީއެއް ދެމިއޮތުމަށްޓަކައި ވަރަށް މުހިއްމު ކަންތައްތައް ކަމަށާއި މީޑިއާގެ މިނިވަންކަން ނެތި ޑިމޮކްރަސީ ދެމި ނޯންނާނެ ކަމަށެވެ. ޑިމޮކްރަސީގެ ވިންދަކީ މީޑިއާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު އެހެން ނަމަވެސް މީޑިއާއަށް ކުރިމަތިވެފައި ހުރި ދަތިތަައް އަޅުގަނޑުމެންނަށް އެނގޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި އެ ދަތިތައް ނިމުމަކަށް ގެނެސް މިނިވަން ނޫސްވެރިކަމަކަށް ފުރިހަމައަށް ޖާގަލިބިގެންދާނެ. މިވަގުތު އަބުރުގެ ގާނޫނު އަޅުގަނޑުމެން މިކިޔާ ގާނޫނުގެ ސަބަބުން އެތައް ދަތިތަކެއް އެތައް މީޑިއާތަކަށް ކުރިމަތިވަމުން އެބަދޭ. އެހެން ނަމަވެސް އެ ދަތިތަކާ އެކީގައި ވެސް ވޭތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި ތިޔަަ ބޭފުޅުން މަސަައްކަތްކުރައްވަމުން ގެންދެވިތަން އަޅުގަނޑު ދުށިން،" އިބޫ ވިދާޅުވިއެވެ.