ގާސިމް އިބްރާހިމް

ގާސިމްގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްފި

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށް، އޭނާ މިނިވަންކޮށްފި އެވެ.

ރިޝްވަތު ދިން ކަމުގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެކެވެ. އެ ހުކުމް އިއްވީ ގާސިމްގެ ޣައިރު ހާޒިރުގަ އެވެ. އޭރު އޭނާ އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. އެ ހުކުމަށްފަހު ގާސިމް ޖަލަށް ގެންގޮސްފައެއް ނުވެ އެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވި އެވެ. ނަމަވެސް ފަހުން ވަނީ ޖަރުމަންވިލާތަށް އަމިއްލަފުޅަށް ވަޑައިގެންފަ އެވެ.

ހައިކޯޓުން ގާސިމްގެ ޖަލު ހުކުމް ބާތިލްކުރި އޭނާ ހުންނެވީ ކާފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. ގާސިމް ރާއްޖެ ވަޑައިގެންނެވީ މިނިވަންކުރުމުންނެވެ.

ގާސިމްގެ މައްޗަށް ދައުވާ އުފުލީ މިދިޔަ މާޗް 26 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މަސީހުގެ އިތުބާރުނެތް ކަމަށް ވޯޓްލާ މެންބަރުންނަށް އެހީތެރިވެ ދެވަނަ ދައުރަކަށް ހޮވައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ގާސިމް ވިދާޅުވުމާ ގުޅިގެންނެވެ.

މައްސަލާގައި މިއަދު ހައިކޯޓުން އިއްވި ހުކުމްގައި އެންމެ ބޮޑަށް ފާހަގަކުރީ ގާސިމްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި އިޖުރާއަތްތައް ފުރިހަމަނުކޮށް ހިންގާފައިވާ ކަމެވެ. މައްސަލަ ބެއްލެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު ހަސަން އަލީ އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމްގައި ބުނީ ގާސިމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ފޮނުވާލުމަށް އަލުން އެ މައްސަލަ ކޯޓަށް ބަލައިގަނެ ކުރިއަށް ގެންދިޔުމުގައި ކުރިން ހިނގި އަޑުއެހުންތަކަށް ހުށަހެޅި ލިޔުންތަކާއި ދެކެވުނު ވާހަކަތަކަކީ ފަހުން ކުރިއަށް ގެންދިޔަ ޝަރީއަތަށް ބަލައިގެނެގެން ކުރިއަށް ދިޔުމަކީ ގާސިމްގެ ހައްގުތައް ގެއްލޭ ކަމެއް ކަމަށެވެ. އެއީ ކުރިން އެ މައްސަލަ ކުރިއަށް ދިޔައިރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަމުން ނުދާއިރު ފަހުން އެ މައްސަލަ ކުރިއަށް ދިޔައިރު ގިނަ ހައްގުތަކެއް ލިބޭ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަމުންދާތީ ކަމަށް ހުކުމްގައިވެ އެވެ.

އެގޮތަށް އަމަލުކޮށްފައިވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ގާސިމަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

ހުކުމްގައި އިތުރަށް ވެސް ވަނީ ގާސިމަށް ހައްގުތަކެއް ގެއްލިފައިވާކަން ފާހަގަކޮށްފަ އެވެ. އެގޮތުން ހުލާސާ ބަޔާން އިއްވުމާއި އަދަބު ކަނޑައެޅުމާއި ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުން ގާސިމްގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސްފައިވުމަކީ ގާނޫނު އަސާސީއިން ލިބިދޭ އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ގެއްލިފައިވާ ކަމެއް ކަމަށެވެ.

އޭގެއިތުރުން ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔުމުގައި ގާސިމްގެ ބަލި ހާލަތަށް އެއްވެސް ވަރަކަށް ރިޔާއަތްކޮށްފައިނުވާކަން ހުކުމްގައި ފާހަގަކުރި އެވެ. އޭނާގެ ބަލި ހާލަތާ ގުޅޭ ލިޔުންތައް ވަކީލުން ހުށަހަޅާފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އިންސާފު ގާއިމްވުމުން ހަމައެކަނި ނުފުދޭ ކަމާއި އިންސާފު ގާއިމްވާކަން އިހްސާސް ކުރެވި ފެންނަން ޖެހޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާކަން ވެސް މިއަދުގެ ހުކުމްގައިވެ އެވެ. އެގޮތަށް ހައިކޯޓުން ކަނޑައެޅީ މިދިޔަ ހަފުތާގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ހައިކޯޓުން އިއްވި ހުކުމްގަ އެވެ.

މިއަދުގެ ހައިކޯޓުގެ ހުކުމްގައި ބުނީ ބާތިލް ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށެވެ. އެހެންވެ ގާސިމްގެ ޝަރީއަތުގެ ބާތިލް އިޖުރާއަތްތަކެއް ހިނގާފައިވާތީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލް ކުރަންޖެހޭ ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

ޝަރީއަތް ކުރިއަށް ގެންދިޔުމުގައި އެއްވެސް އިޖުރާއަތެއް ދޫކޮށްލައިފިނަމަ ދައުވާ ލިބޭ މީހާގެ ހައްގެއް މަހްރޫމްވެގެން ދާނެ ކަމަށާއި އެއީ އިންސާފުވެރި ހުކުމެއް ކުރުމަށް އެޅޭ ހުރަހެއް ކަމަށް ވެސް އިސް ފަނޑިޔާރު ސުޖާއު އިއްވެވި ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.