ވިޔަފާރި

ދިރާގުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރުގެ އީދެއް

Oct 23, 2018
1

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކުޅިވަރު މުބާރާތެއް ނޫނީ އީދެއް ނުބާއްވަ އެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ދިރާގުން ދަނީ މިފަދަ ކުދިންނަށް ހާއްސަކޮށް ކުޅިވަރު އީދެއް ބާއްވަމުންނެވެ. އެއީ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އެވެ. މި އަހަރުގެ މި އީދު އޮންނާނީ މިމަހުގެ 29 ވާ ހޯމަ ދުވަހު ހެންވޭރު ދަނޑުގަ އެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަންނަނީ ބާއްވަމުންނެވެ. އަދި މިއީ މިގޮތަށް ބޭއްވޭ 8 ވަނަ ފެސްޓިވަލް އެވެ. މި އަހަރުގެ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި 390 ކުދިން ބައިވެރިވި އެވެ.

ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ތެރެއިން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ހިންގާ ވަރަށް މުހިންމު ހަރަކާތެކެވެ.

މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެ ކުދިންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް މި ފެސްޓިވަލްގެ މަގްސަދެކެވެ.

މި ފެސްޓިވަލްގައި ބޯލް ރޯލިން، އޮބްސްޓަކަލް ރިލޭ، ޓަނަލް ރޭސް އަދި ބެޓަން ރިލޭ ފަދަ ފޯރިގަދަ ކުޅިވަރުތައް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން މިއަހަރުގެ ފެސްޓިވަލް އެންމެ ހާއްސަ ވެގެންދާ އެއްކަމަކީ މިއަހަރުގެ ފެސްޓިވަލްގައި ޕެރަލިމްޕިކްސް ގައި ކުޅޭ ކުޅިވަރެއް ކަމަށްވާ "ބޮޗިއާ" ނަމަކަށް ކިޔޭ ސީޕީ ކުދިންނަށް ހާއްސަ ކުޅިވަރެއްވެސް ތަޢާރަފް ވެގެން ދާނެކަމެވެ. މި ކަމުގެ ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ހަމަ ހަމަ ފުރުސަތު ތަކެއް ހޯދައިދިނުމަށެވެ.

މިއަހަރު ވެސް ވާދަވެރި ދުވުމުގެ މުބާރާތްވެސް ވަނީ ބާއްވަން ގަސްތުކޮށްފައިއެވެ. އެގޮތުން މިއަހަރުވެސް 4 ކެޓަގަރީ އަކުން ދަރިވަރުން ވާދަ ކުރާނެއެވެ. އެއީ 5 އަހަރާއި 8 އަހަރުގެ 40 މީޓަރު ގެ ކެޓަގަރީ، 8 އަހަރާއި 12 އަހަރުގެ 60 މީޓަރުގެ ކެޓަގަރީ، 12 އަހަރާއި 16 އަހަރުގެ 100 މީޓަރުގެ ކެޓަގަރީ އަދި 16 އަހަރުން މަތީގެ 100 މީޓަރުގެ ކެޓަގަރީ އަދި 100 މީޓަރުގެ ވީލްޗެއަރ ކެޓަގަރީއެވެ. މި ކޮމްޕެޓޭޓިވް ސްޕޯޓްސްގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާއި، އަދި އެހެން ކުދިންނެކޭ އެއްގޮތަށް ނުކުޅެދޭ ކުދިންނަށްވެސް މިފަދަ ސްޕޯޓްސްތަކުގައި ބައިވެރިވޭކަން ކުދިންނަށްވެސް އެގިގެންދާ

ސްކޫލްތަކާއި އެންޖީއޯ ތަކަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގައި މިއަހަރުގެ ފެސްޓިވަލްގައި 4 އެންޖީއޯ އަދި 11 ސްކޫލުން ބައިވެރިވިއެވެ. އެއީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕިޒިކަލް ޑިސްއޭބަލްސް، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެއާ ސޮސައިޓީއާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއެވެ. ސްކޫލް ތަކުގެ ތެރޭގައި ހިމެނެނީ، އަމީރު އަހުމަދު ސްކޫލް، އިމާދުއްދީން ސްކޫލް، ރެހެންދި ސްކޫލް ،މުހިޔުއްދީން ސްކޫލް، ގާޒީ ސްކޫލް، ހިރިޔާ ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް، ކެންގަރޫ ކިޑްސް، ތާޖުއްދީން ސްކޫލް އަދި އިސްކަންދަރު ސްކޫލް ގެ އިތުރުން އަމީނިއްޔާ ސްކޫލެވެ.