ރިޕޯޓް

އަފްރާޝިމްގެ އާއިލާ: ގާ ފުރޮޅަން ތިބެވޭކަށް ނެތް، ކަންކަން ހާމަކުރޭ!

Oct 24, 2018
14

މަޝްހޫރު އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝިމް އަލީ މަރާލާފައި ވަނީ 2012 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އެވެ. އަފްރާޝިމް ދިރިއުޅުއްވާ ހ. ފުންވިލުގެ ސިޑި ގޮޅި މަތީ އޭނާ ރަހުމުކުޑަ ގޮތަކަށް ގަތުލުކޮށްލިތާ ހަ އަަހަރުވީ އެވެ. އަދިވެސް އޭނާ މަރާލުމުގެ އަޑީގައި ފޮރުވިފައިވާ ސިއްރުތަކާއި އެކަން ކުރުވި
ބައެއް އަދި މަގުސަދެއް ވެސް ނޭނގެ އެވެ.

އަނިޔާވެރި ގޮތަކަށް އަފްރާޝިމް މަރާލި އިރު ފުލުހުންގެ ކޮމިޝަނަރު ކަމުގައި ހުންނެވީ މިހާރުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ. އޭރު އަފްރާޝިމް މަރާ ގުޅިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް ވަނީ އެ މައްސަލަ ފުރިހަމައަށް ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަަ "އެ މައްސަލާގައި ނުފުރޮޅާ އެއްވެސް ގާކޮޅެއް ނުބާއްވާނެ" އެވެ.

އޭގެ ހަ އަހަރު ފަހުން މިއަދާ ހަމަޔަށް އައިއިރު ވެސް އަފްރާޝިމްގެ އާއިލާއަށް އިންސާފު ލިބިފައި ނުވާ އިރު އެ މައްސަލާގައި ހައްޔަރުކޮށްފައި ހުރީ އަމަލީ ގޮތުން އެކަން ކުރި އޭނާގެ ގާތިލު ހުސެއިން ހުމާމް އެކަންޏެވެ. ނަމަވެސް ހުމާމް ގޮސް އަފްރާޝިމް މަރަންވީ އެއްވެސް ސަބަބެއް އެނގި، ސާބިތު ކުރެވިފައެއް ނެތެވެ. އަދި ހުމާމް ލައްވާ އެކަން ކުރުވި ބަޔަކު ވެސް އަތުލައިގަނެފައި ނުވަތަ ކުޑަ މިނުން ސުވާލުކޮށްލާފައި ވެސް ނެތެވެ. އެ ގާ އޮތީ އަދިވެސް ފުރޮޅާނުލެވި އެވެ.

އަފްރާޝިމްގެ މަރުގެ ވާހަކަތައް ހަނދާންތައް އަނެއްކާ ވެސް އާ ކޮށްދިނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވީޓީވީގައި އަބްދުﷲ ރިޔާޒު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެވެ. ރިޔާޒު ވިދާޅުވީ އޭނާގެ މަރުގެ މައްސަލައިގެ މުހިންމު މައުލޫމާތުތަކެއް އެނގިވަޑައިގަންނަވާ ކަމަށާއި "ރަނގަޅު ޕްލެޓްފޯމެއްގައި" އެކަންކަން ހާމަ ކުރައްވާނެ ކަމަށެވެ. މިދިޔަ އަހަރު އަފްރާޝީމްގެ ގާތިލު، ހުސައިން ހުމާމްގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމާއެކު ވެސް ރިޔާޒް އެގޮތަށް ވިދާޅުވި އެވެ. އެފަހަރު ރިޔާޒު ވިދާޅުވީ ވަގުތު ޖެހުމުން އެ މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށެވެ.

ރިޔާޒުގެ މި ވާހަކަތަކުން އޭނާއަށް އިންތިހާއަށް ފާޑުކިޔުން އެބަ އޮތެވެ. ރާއްޖެއަށް ގެއްލިގެން ދިޔަ މުހިންމު އިލްމުވެރިއެއްގެ ގަތުލުގެ ސިއްރު އެނގޭނަމަ އެކަން ހާމަ ކުރުމަށާއި ހަގީގަތް ހާމަނުކޮށް އިންސާފަށް ހުރަސް އަޅަނީ ކަމަށް ބުނާ އެތައް ބަޔަކު އެބަ ތިއްބެވެ.

އާއިލާގެ ބަސް: ފޮރުވާނެ ކަމެއް ނެތް، މައުލޫމާތު ހާމަކުރޭ!

"އަވަސް"އާ ވާހަކަދައްކަވަމުން އަފްރާޝިމް އައިލާގެ މެންބަރަކު ވިދާޅުވި ގޮތުގައި ރިޔާޒް ހޯއްދަވަން އުޅުއްވާ ޕްލެޓްފޯމަކީ ދުވަހަކު ވެސް ފެންނާނެ އެއްޗެއް ނޫނެވެ. އެބޭފުޅާ ވިދާޅުވީ ގޮތުގައި ރިޔާޒު ދައްކަވަނީ ހުސް ބަހަނާ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އަފްރާޝިމްއަކީ ގައުމަށް ގެއްލުނު މުހިންމު ސަހުޝިއްޔަތަކަށްވާ އިރު، އޭނާގެ މަރުގެ ހަގީގަތްތައް ނުފޮރުވާ އެންމެންނަށް އެނގެންޖެހެ އެވެ. އޭނާ ވިދާޅުވީ ރިޔާޒްއަށް އެނގިފައި ހުރި އަފްރާޝިމްގެ މަރާ ގުޅުން ހުރި ވާހަކަތައް ހާމަ ކުރަން ޖެހޭނީ ޓީވީތަކާއި މީޑިއާގައި ވެސް އަދި އެންމެނަށް ވެސް އެނގި ހާމަވާ ގޮތަށެވެ. އެއީ ސިއްރުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް އެ އާއިލާއިން ދެކެ އެވެ.

"މީޑިއާގައި ވިދާޅު ނުވެވެންވީ ކީއްވެތޯ، ކާކު ދެކެ ބިރުންތޯ، ރިޔާޒްއަށް ރަނގަޅު ޕްލެޓުފޯމެއް ލިބެންދެއް އިންސާފުން މަހުރޫމްވެފައި ތިބެންވީތޯ، އަޅުގަނޑުމެން ގަބޫލު ކުރަނީ މިއީ ޓީވީތަކަށް އަރައި ހާމަކަން ބޮޑު ގޮތެއްގައި ކިޔައި ދެކެވެން ޖެހޭ ވާހަކަތަކެއް ކަމަށް، އެއްވެސް މީހެއްގެ ދެކެ ބިރުން އުޅޭކަށް ނުޖެހޭ. އެހެންވެ އެއްވެސް ލަސް ކުރުމެއް ނެތި މިހާރުން މިހާރަށް މިކަމުގެ ހަގީގަތްތައް އެބަ ހާމަ ކުރައްވަން ޖެހޭ،" އާއިލާގެ މެންބަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިޔާޒަށް އެވަރުގެ ބޮޑު މައުލޫމާތެއް އެނގިވަޑައިގަންނަވާ ނަމަ އޭނާއާ ސުވާލު ނުކޮށް ފުލުހުން ތިބެގެން ނުވާނެ އެވެ. ރިޔާޒްގެ އިތުރުން ވެސް އޭރު ހޯމް މިނިސްޓަރު ކަމުގައި ހުންނަވި ޑރ. މުހައްމަދު ޖަމީލް އާއި ސިޔާސީ އިސްވެރިންނާ ސުވާލުކޮށް އެ މައްސަލައާ ގުޅޭ އެންމެހާ މައުލޫމާތު ހޯދުމަކީ އާއިލާގެ އެދުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޔާޒް އެ ބުނަނީ މިކަމުގައި ރައީސް އަބްދުﷲ ޔާމީންއެއް ނުހިމެނޭ، އެކަމަކު މިކަން ކުރި މީހުން ރަނގަޅު ޕްލެޓުފޯމެއްގައި ހާމަ ކުރާނަމޭ، އެހެންވެެއްޖެއްޔާ އެކަން ކުރި މީހަކު ރިޔާޒްއަށް ދުވަހަކު ވެސް ކިޔާ ނުދެވޭނެ، ރައީސް ޔާމީން ނުކުރާކަން އެހާ ޔަގީން ވަންޏާ އެކަން ކުރި މީހެއް ވެސް ރިޔާޒްއަށް އެނގެން ވާނެ، އެކަން އިނގޭ އިރު މައުލޫމާތު ހާމަ ނުކޮށް ހުރިޔަ ދީގެން ނުވާނެ،" އާއިލާގެ މެންބަރު ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމަށް އައުމަށް 2013 ވަނަ އަހަރު ކުރި ރިޔާސީ ކެމްޕޭންގެ ތެރޭގައި ވެސް، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯއްދެވުމަށް ވައުދުވެ ވަޑައިގަތެވެ. އެމަނިކުފާނު ވެސް ވައުދުވެ ވަޑައިގަތީ އެ މަރާ ގުޅޭ ހުރިހާ ހަގީގަތް ހޯދުމަށެވެ. އާއިލާގެ މެންބަރު ވިދާޅުވީ، މުޅި ފަސް އަހަރު ނިމިގެން ދިޔައީ އަފްރާޝިމްއަށް އިންސާފު ނުލިބި ކަމަށާއި ފުލުހުންގެ މުއައްސަސާވެސް އެކަން ތަހުގީގު ކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ.

"ފަސް އަހަރު ވެގެން ދިޔަ އިރު މައްސަލަ އޮތީ އޮއްބާލާފައި، އެކަން ބަލަން ފުލުހުންގެ ކެޕޭސިޓީ އެބަ ހުރި އެކަމަކު އެކަން ވިޔަ ނުދީ އޮތީ ހިފަހައްޓާފައި، ބަލަން ބޭނުންވީ ކޮންމެ މީހެއް ވެސް އެކަން ވިޔަ ނުދީ ހިފަހައްޓާފައި،" އާއިލާގެ މެންބަރުގެ ކަންބޮޑުވުން ފާޅުކުރި އެވެ.

އިންތިހާބީ ރައީސް އަބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރެއްގައި ވެސް އެ މައްސަލަ ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިޔަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާއިލާ އިން ބޭނުން ވަނީ އެކަމުގައި ވަކި ސިޔާސީ މީހަކަށް ނުބަލާ ހުރިހާ އެންމެންނާ ސުވާލުކޮށް، ވީހާވެސް ހުޅުވާލައިގެން އެ ކަން ތަހުގީގު ކުރުމަށް ކަމަށް އާއިލާ އިން ބުންޏެވެ.

"މިއީ ހަމައެކަނި އަޅުގަނޑުމެން ހޯދަން ބޭނުންވާ ކަމެއް ނޫން އަޅުގަނޑު ގަބޫލު ކުރަނީ ހުރިހާ ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ ބޮޑު ހަގީގަތެއް ހެން މިއީ، މިކަން ހިގައިދިޔަ ގޮތް އޭރު އިސްކޮށް ތިއްބެވި ހުރިހާ ފަރާތްތަކަށް ރަނގަޅަށް
އެނގޭނެ،" އާއިލާގެ މެންބަރު ވިދާޅުވި އެވެ.

އެ މަރުގެ ހަގީގަތް އެނގުމަކީ ރައްޔިތުންގެ ހައްގެއް!

އަފްރާޝިމްގެ މަރާ ގުޅޭ ގޮތުން ފުލުހުން ރަސްމީކޮށް މިހާތަނަށް ހާމަކޮށްފައި ވަނީ ވަރަށް ކުޑަ މައުލޫމާތުތަކެވެ. ހައްޔަރު ކުރި ގިނަ މީހުން ވެސް ވަނީ ދޫކޮށްލާފަ އެވެ. އެ މައްސަލާގެ ފުރިހަމަ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލާގައި "އަވަސް" އާ ވާހަކަދައްކަވަމުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކަސީ ޑައިރެކްޓަރު އައިމަން ރަޝީދު ވިދާޅުވި ގޮތުގައި ރިޔާޒްއަކީ ކުރީގެ ކޮމިޝަނަރަކަށް ވާއިރު އެ މަގާމުން ވަކި ވުމަށް ފަހު މައުލޫމާތު ހާމަ ކުރެވޭނެ އުސޫލުތަކާއި އެކަން ކުރަން ޖެހޭނެ ގޮތްތަކާ މެދު ބަހުސް ކުރެވިދާނެ އެވެ.

ނަމަވެސް ދިގު ދެމިގެން ގޮސްފައިވާ މައްސަލައަކަށް ވާތީ ފުލުހުން އެ މައުލޫމާތުތައް އެނގޭ ހުރިހާ ފަރާތްތަކާ ސުވާލުކޮށް އެ މަައުލޫމާތުތައް ހޯދުމަކީ ފުލުހުންގެ ވާޖިބެއް ކަމަށް އައިމަން ވިދާޅުވި އެވެ. ހާއްސަކޮށް މަރުގެ މައްސަލަތައް ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިޔަށް ގެންދަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގައުމެއްގައި ވެސް ކޮރޮޕްޝަން ނައްތާލެވި ހެޔޮ ގޮތުގައި ގައުމު ހިނގާނީ މިނިވަންކަމާއެކު ވީހާވެސް ޓްރާންސްޕޭރަންޓުކޮށް މައުލޫމާތު ހާމަކޮށްގެން، ހާއްސަކޮށް ކްރިމިނަލް ކަންކަމުގައި މިއީ ވަރަށް މުހިންމު ކަމެއް، ފުލުހުން އެބަ ޖެހޭ އަފްރާޝިމް މައްސަލަ ވެސް ރިލްވާން ވެސް އަދި ޔާމީންގެ މައްސަލާގައި ވެސް ވީހާ ވެސް ދެފުށް ފެންނަ އަދި ހާމަކަން ބޮޑު ގޮތެއްގައި މިކަން ކުރިޔާށށް ގެންދަން،" އައިމަން ވިދާޅުވި އެވެ.

ސަރުކާރު ތެރޭ ހިންގާފައި ހުރި ބޮޑެތި ޖަރީމާތައް ހުއްޓުވަން މަސައްކަތް ކުރި ކަމާއި އެކަންކަމުގައި ރައީސް ޔާމީން އެކުލެވުނު ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކިޔާދެވުނު ޕްލެޓުފޯމަކަަށް ވީ ޖަލުގެ ކުޑަ ގޮޅި އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތްތައް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްއަށް ކިޔާދެވެން ފަސޭހަ ޕްލެޓުފޯމަކަށްވީ އިނގިރޭސިވިލާތުގެ އެސައިލަމްގައި ހުންނަވައިގެން ރައީސް ޔާމީން ބަލިވެއްޖެ ކަން ކަށަވަރުވީމަ އެވެ.

ސުވާލަކީ އަފްރާޝިމްގެ މަރުގެ ހަގީގަތްތައް ހާމަ ކުރެވޭނީ ކޮން އިރަކު ކޮންތާކު ހެއްޔެވެ؟ ކުޑަ ނަަމަވެސް މައުލޫމާތެއް އެނގޭނަމަ އެންމެ ރަނގަޅު ގޮތަކީ ހުރިހާ އެންމެންނަށް އެނގިގެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ. ނުވަތަ އެ މައުލޫމާތުތައް އަމިއްލަފުޅަށް ފުލުހުންނަށް އެންގުން ހެއްޔެވެ؟ ގާ ފުރޮޅަން ފުލުހުންނަށް ފުރުސަތު ދެއްވުމެވެ. އެއީ ސިޔާސީ މަންފާއަކަށް ދައްކާ ވާހަކައަކަށް ނުހެދުމެވެ.