ރިޕޯޓް

ޕީޕީއެމާ ޖޭޕީގެ ސިއްރު ގުޅުމެއްގެ އަޑު ގަދަވެފައި!

Dec 20, 2018
18

ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ޕާޓީ، ޕީޕީއެމްގެ ސަރުކާރު ބަލިކޮށްލީ ރާއްޖޭގައި އުފެއްދި އެންމެ ބޮޑު ކޯލިޝަން ގުޅިގެނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އެ ކޯލިޝަން ނުކުތީ ރާއްޖޭގައި ތިއްބެވި އެންމެ ވަރުގަދަ ސިޔާސީ ތަޖްރިބާކާރުންނާއެކު އެވެ. މުޅި އެ ކޯލިޝަންގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއް ޕާޓީއަކީ ޖުމްހޫރީ ޕާޓީ އެވެ. އެއީ ކޯލިޝަންގައި އޮތް ދެވަނަ އަށް އެންމެ ބޮޑު ޕާޓީ އެވެ. ކޯލިޝަންގެ މަސައްކަތް ފުރިހަމަކޮށްފި އެވެ. މިހާރު އޮތީ ކޯލިޝަންގެ ސަރުކާރަކުން ކުރަންޖެހޭ މަސައްކަތްތަކެވެ. އެހެން ނަމަވެސް މިހާރު އަނެއްކާވެސް ފެތުރެން ފަށާފައިވާ އަޑުތަކަކީ ބޮޑު ބިޔަ ކޯލިޝަންގައި ރެނދުލައިފި ކަމުގެ އަޑުތަކެވެ. މިއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟

މި ހަފުތާގައި އެންމެ ގަދަޔަށް ފެތުރިގެންދިޔަ އެއް ވާހަކައަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ފުލުހަށް ހާޒިރުކޮށް ސުވާލު ކުރިކުރުމާއި އެ މަނިކުފާނުގެ ކެމްޕޭން އެކައުންޓެއްގައި ހުރި 100 މިލިއަން ރުފިޔާއެއްގެ ވާހަކަ އެވެ. އެ ވާހަކަތަކުގެ ތެރޭގައި ތިއްބާ އިތުރު ވާހަކައަކުން މިހާރު ވަނީ ކުރިއެއް ފަޅާފަ އެވެ. އެއީ ޖޭޕީ އާއި ޕީޕީއެމްގެ "ސިއްރު ގުޅުމެއް" ގެ ވާހަކަ އެވެ. މި ވާހަކަ ފެށިގެން އައީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި ދުވަހު ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިންނެވެ. ޖޭޕީއާ އަލަށް ގުޅި ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު ރައީސް ޔާމީން ފުލުހަށް ހާޒިރުކުރި ދުވަހު އެސަރަހައްދުގައި ތިއްބެވި އެވެ. އެ މެންބަރުން ރައީސް ޔާމީންގެ ދިފާއުގައި އަޑު އުފުއްލެވި އެވެ.

އެދުވަހު މުޒާހަރާގައި ޖޭޕީގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ތިއްބެވީ ޖޭޕީގެ ތޮފީގައި އެކަމަކު ރައީސް ޔާމީންގެ ދިފާއުގަ އެވެ. އެ ތިން މެންބަރުންނަކީ އިހަށް ދުވަހާ ޖެހެންދެން ޕީޕީއެމްގައި މަސައްކަތް ކުރެއްވުމަށްފަހު ޖޭޕީއަށް "ހިޖުރަ" ކުރެއްވި ސިޔާސީ ބޭފުޅުންނެވެ.

އެ ދުވަހަށްފަހު ޖޭޕީގެ ކިބައި ކޮންމެސް ތަފާތެއް އެބަފެނެ އެވެ. އަދި އެ ދުވަހަށް ފަހު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ ގިނަ ފަރާތްތަކެއްގެ ބަހުގެ ހަމަލާތައް ޖޭޕީއަށް ވެސް އަންނަނީ އަމާޒުވަމުންނެވެ. އެގޮތުން ޖޭޕީގެ ހިޔާލާއި ވިސްނުމަކީ "އަބަދުވެސް ސަރުކާރު ވައްޓާފައި ވެރިކަމަށް އައުން" ކަމުގެ އަޑުތައް އެމްޑީޕީގެ ގުރާސް ރޫޓުގެ ތެރެއިން އަންނަނީ ފޭދެމުންނެވެ.

ސޯޝަލް މީޑިއާގައި އަބަދުވެސް ބާރުގަދަކޮށް އޮންނަ އެމްޑީޕީގެ ރީނދޫ ލަޝްކަރުން ތުހުމަތު ކުރާ ގޮތުގައި "ޖޭޕީގެ ނިޔަތަކީ މިހާރު އޮތް ވެރިކަން ވެސް ވައްޓާލު" މެވެ. އަދި އެއީ އަބަދުވެސް ޖޭޕީގެ ވިސްނުން ކަމަށްބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ނުރުހުން ފާޅު ކުރެ އެވެ.

ޖޭޕީގައި ތިއްބެވި އަދި ކުރިން ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވި މަޖިލީހުގެ ތިން މެންބަރުންނަށް ޖޭޕީން ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބުދުﷲ ރިޔާޒް ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރެއިން ހުސައިން މަނިކު ދޮންމަނިކާއި ރިޔާޒް ރަޝީދަކީ އަބްދުﷲ ރިޔާޒުގެ އަތޮޅަށް ނިސްބަތްވާ އަދި ގާތް ދެ ބޭފުޅުންނެވެ.

ރިޔާޒް އެހެން ވިދާޅުވި ނަމަވެސް މިއަދާ ހަމައަށް ވެސް ޖޭޕީން އެ ތިންބޭފުޅުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ފިޔަވަޅު އަޅާނެ ކަމަށް ބުނުމުން ޖޭޕީއަށް ނިސްބަތްކޮށް ކީ ފާޑުކިޔުންތަކުގެ އަޑު މަޑުވެފައިވަނިކޮށް ޕީޕީއެމުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ވަނީ ކުޑަކުޑަކޮށް ރޯވެފައިވާ ހުޅުކޮޅަށް ޕެޓްރޯލްޖައްސާ ހުޅުގަނޑު ބޮޑު ކޮށްފައެވެ. އެ ދުވަހު ރައީސް ޔާމީން ދެއްކެވި ވާހަކަތަކުން އަނެއްކާ ވެސް މިވަނީ ޖޭޕީ އާއި އެމްޑީޕީއާ ދެމެދުގައި އޮތް ނުތަނަވަސްކަން ބޮޑުވާން ފަށާފަ އެވެ.

އެ ބައްދަލުވުމުގައި އިންނަވައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި މަޖީލިހުގެ އިންތިހާބުގައި ވިލުފުށީ ދާއިރާއަށް ޕީޕީއެމުން ވާދައެއް ނުކުރާނެ އެވެ. ބަދަލުގައި ތާއީދު ކުރާނީ ޖޭޕީން އެ ދާއިރާއަށް ވާދަ ކުރައްވާ ރިޔާޒަށެވެ. ޕީޕީއެމަށް ތާއީދުކުރާ އެ ދާއިރާގެ ފަރާތްތަކުން މަޖިލިސް އިންތިހާބުގެ ޖޭޕީގެ ކެންޑިޑޭޓަށް ތާއީދު ކޮށްދެއްވުމަށް ރައީސް ޔާމީން ތަކުރާރުކޮށް އެދި ވަޑައިގެންނެވި އިރު، މަޖިލީހުގެން އެހެން ބައެއް ދާއިރާތަކުގައި ވެސް ޕީޕީއެމް، ނުވަތަ ރައީސް ޔާމީންގެ ތާއީދު އޮތީ ޖޭޕީއަށް ކަމަށް އަދި ބައެއް ދާއިރާތަކުގައި ޖޭޕީގެ ތާއީދު އޮތީ ޕީޕީއެމަށް ކަމަށް އޮތީ އަޑުތައް ފެތުރިފަ އެވެ.

"ރިޔާޒަކީ އެ ދާއިރާއަށް ވަރަށް އެކަށޭނަ ބޭފުޅަކަށް ވާތީ މިގޮތަށް ނިންމީ. ރިޔާޒަކީ އޭނާ ނިންމާ ގޮތެއްގައި ހުރެ ނަތީޖާ ނެރެދެއްވާ ބޭފުޅެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވި ނަމަވެސް ޖޭޕީއިން އެކަމާ ގުޅޭގޮތުން މިހާތަނަށްވެސް އެއްވެސް ކޮމެންޓެއް ނުކުރެ އެވެ. އެއަށް ކޮމެންޓް ކުރަނީ އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގަ އެވެ. އާންމު ގޮތެއްގައި އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ގޮވާލާ ގޮވާލުންތަކަކީ އެމްޑީޕީން އަމަލު ކުރާ ގޮތަށް އޮންނަނީ ވެފައެވެ.

މި މައްސަލާގައި ޖޭޕީ ދެކޭގޮތަކީ ކޮބައިތޯ އަވަސް އިން ވަނީ ޖޭޕީގެ އަބްދުﷲ ރިޔާޒާ ސުވާލުކޮށްފައެވެ. އޭނަ ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަން އެއްވެސް ފަރާތަކަށް އެޕާޓީން ޓިކެޓް ދީފައެއް ނުވާނެ އެވެ. ނަމަވެސް ޖޭޕީގެ ކެނޑިޑޭޓަކަށް ހުރިހާ ޕާޓީ އިން ތާއީދު ކުރާނަމަ އެކަމުން ފައިދާ އޮތީ ޖޭޕީއަށެވެ.

މިއީ ވެސް ޖޭޕީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ކަމަކަށްވި އެވެ. އެގޮތުން ޖޭޕީ އިން ޕީޕީއެމާއި ބައިއަތު ހިފަން އުޅޭ ކަމަށްބުނެ އެމްޑީޕީގެ ފާޑުކިޔުން ތަކުގައި ވަރަށް ބޮޑަށް އަމާޒުވެގެންދިޔަ އެވެ. އަދި ރިޔާޒް ރަޝީދު ޕާޓީ އިން ބޭރުކޮށް ޖޭޕީ އިން އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށްބުނެ އަޑު ގަދަކޮށްލި އެވެ.

އެއަޑުތައް ގަދަވެފައި އޮއްވާ ރައީސް ޔާމީން ވަނީ ގާސިމަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފަނު ވަނީ މީގެ ކުރިންވެސް ގާސިމް އިބްރާހީމާއެކު މަސައްކަތް ކުރައްވާފައެވެ. ދެންވެސް އެމަނިކުފާނާ އެކުގައި މަސައްކަތް ކުރެއްވުމަކީ މަރުހަބާ ވިދާޅުވާނެ ކަމެކެވެ.

"އަޅުގަނޑާއި ގާސިމްއާއެކު މަސައްކަތް ކުރާތަން ފެނިދާނެތޯ، ހަމަ ކުރިއަށް އޮތްތަނުގައި ވިސްނަން ހުރި ކަންކަން ދެއްތޯ، މަސައްކަތް ނުކުރެވެންވީ ސަބަބެއްވެސް ނެތް،" ޔާމީން ވިދާޅުވި އެވެ.

"އެއީ އައިޑިއޯލޮޖީއަށް ބަލާކަމަށް ވަންޏާ އެމްޑީޕީގައި އެ ހުންނަ ކަހަލަ ހަރުކަށި އައިޑިއޯލޮޖީއެއް ނޫން ގާސިމް ޕާޓީގައި ހުންނަނީކީ، އެކަމު ޖޭޕީގައި ބައެއް ހަރުކަށި ވިސްނުމުގެ މީހުން ނެތެކޭ ނޫން މިދެންނެވީ، އެކަމު ގާސިމަކީ އެކަހަލަ ބޭފުޅަކަށް ނުވެދާނެ، އަޅުގަނޑު ދަންނަ ގާސިމް ހަމަ ގައިމުވެސް، އެކަހަލަ ހަރުކަށި ސިފަތަކެއް ނުގެންގުޅުއްވާ،"

ރައީސް ޔާމީން ސިޔާސީ ގޮތުން ގާސިމްއާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން ހާމަ މިވީ ކޯލިޝަން ސަރުކާރެއްގެ ވަރަށް ކުރީކޮޅު އެވެ.

މިއީ ޖޭޕީއަށް އޮތް ފާޑު ކިޔުން އިތުރުވި ސަބަބަކަށް ވަނީ ވެފަ އެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހްގެ ވެރިކަން ވައްޓާލަން މަސައްކަތް ފަށާފައިވާ ކަމަށް ބުނެ ތުހުމަތުތައް ވަނީ ކުރަން ފަށާފައެވެ.

އެހެން ނަމަވެސް އަބުދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީން، ކޯލިޝަނު ގާސިމް ބޭރުކޮށްލީ، އެމަނިކުފާނާއެކު މަސައްކަތް ނުކުރެވިގެނެވެ. ގާސިމް، ޔާމީނަށް އަލުން އިތުބާރު ނުކުރައްވާނެ އެވެ. އަލުން ޔާމީނާއެކު މަސައްކަތް ކުރަން ވަޑައި ނުގަންނަވާނެ ކަމުގެ ޔަގީންކަން އޮވެ އެވެ.

"ޖުމްހޫރީ ޕާޓީ އިން ކޯލިޝަން އެއްބަސްވުމާއި ހިލާފުވާ ގޮތަށް އެއްވެސް ކަމެއް ނުކުރާނެ. ކޯލިޝަން ދެމެހެއްޓުމަށް ޖޭޕީއިން ހުރިހާ މަސައްކަތެއް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމާއި ޖޭޕީގެ ސިއްރު ގުޅުމެއް އޮންނަ ކަމަަށްބުނެ އެމްޑީޕީގެ އަޑުގަދަކޮށްލާފައިވާއިރު، ޖޭޕީއިން ދަނީ އެކަމަށް އިންކާރު ކުރަމުންނެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހަކީ ވަރަށް އަވަހަށް އޮއެވަރު ބަދަލުވާ މަސްރަހެކެވެ. އެހެންކަމުން ވެގެންދާނެ ގޮތް ލަފާ ކުރުމަކީ ވަރަށްވެސް އުނދަގޫ ކަމެކެވެ. ބޮޑު ކޯލިޝަނެއް އެހާ ގިނަ ދުވަސްވަންދެން ދެމި އޮތްއިރު، ރެދު އަޅަން ފަށާފައިވާ ކޯލިޝަން ދެމި އޮންނާނީ ކިހާ ދުވަހަކާއި ހަމައަށްތޯ ބަލަން ރައްޔިތުން ތިބީ ކެތްމަދުވެފަ އެވެ.