ރިޕޯޓް

ގާސިމް ކިންގަކަށް ހަދައިދޭން ޔާމީންގެ ޓީމް!

މިދިޔަ އަންގާރަ ދުވަހުގެ ރޭ ޖުމްހޫރީޕާޓީއަށް ވަރަށް ބޮޑު ރެއަކަށްވި އެވެ. ސިޔާސީ ގޮތުން "އެސްޓާބްލިޝްޑް" އަދި އަޑު އަހަރު ބަޔަކު އެ ޕާޓީއާއި ގުޅުނީ އެވެ. ޖޭޕީއާއި އެރޭ ގުޅިވަޑައި ގަތީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ގާތް ބޭފުޅުން ކަމަށްވާ، ކުރީގެ މަޖިލިސް މެންބަރު އަހުމަދު ނިހާނު ހުސައިން މަނިކާއި ކުރީގެ މެންބަރު އިބްރާހިމް ފަލާހާއި، އަލީ އާރިފާއި، ކުރީގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދާއި ޕީޕީއެމް ކުރީގެ ސެކެޓްރީ ޖެނެރަލް އިގްބާލް އަހުމަދެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް "އުފަލުން ހުންނަވާ" ވިދާޅުވި ގޮތުގައި އޭނާގެ ވިސްނުންފުޅަކީ ކޯލިޝަނުން ބޭރުވުމެއް ނޫނެވެ. ޕާޓީ ބޮޑު ކުރުމެވެ.

ސިޔާސީ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބަޔަކަށް އެ ބޭފުޅުން ވިޔަސް ސިޔާސީ އެކްޓިވިސްޓުން ސިފަ ކުރާ ގޮތުގައި ގާސިމް އެއް ކުރެއްވީ "ސިޔާސީ ކުނިބުންޏެ" ވެ.


އަދި ބައެއް މީހުން ސިފަ ކުރާ ގޮތުގައި ގާސިމް އެ ބޭފުޅުންގެ އެހީ ހޯދަން ޖޭޕީއަށް ގެންދިޔަ ގެންދިއުމަކީ ސަރުކާރު ކޯލިޝަންގެ ގުޅުމުން އަސަރު ކުރާނެ ކަމެކެވެ. އަދި އަދި ސަރުކާ ހިންގާ އެމްޑީޕީ އާއި ސަރުކާރުން ބަލައިގަންނާނެ ކަމަކަށް ނުވާނެ އެވެ.

"އިރުއޮއްސެން ދަނިކޮށް ގާސިމް ގުޅާމުން" އައި ބޮޑު އިއްތިފާގެއްގެ ގޮތުގައި އެ އެންމެން ސިފަ ކުރި ސޮއިގެ ބައްދަލުވުމާ ހަމައިން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ނުރުހުން ގާސިމާއި ޖޭޕީއަށް ލިބުނެވެ. މަލަމާތާއި ފުރައްސާރަ ލިބުނެވެ. އެއްބަޔަކަށް އެކަންވީ ވަރަށް ލަދުވެތި ކަމަކަށެވެ. އަނެއް ބަޔަަކަށް ބުނެފައި ވަނީ ގާސިމް "ކުނި ހޮވަނީ" އޭ އެވެ.

އާންމުންގެ ހިޔާލު

"ޔާމީން ޓީމް" ޖޭޕީއަށް ސޮއި ކުރަާ ހަބަރު ފެތުރުތުމާއެކު، ސޯޝަލް މީޑިއާގައި އެންމެ ބާރަށް ގޮވަމުންދިޔަ ގޮވެލި ފައްއްޗަކަށްވީ "ޖޭޕީ ކޯލިޝަނުން ބޭރުކުރޭ" އެވެ. ހާއްސަކޮށް މި ސަރުކާރު ގެނައުމުގައި ބުރަކޮށް އުޅުނު ފަރާތްތަކަށް ޖޭޕީގެ އެ ނިންމުމަކީ އެހާ ބަލައިގަންނަން ފަސޭހަ ނިންމުމަކަށް ނުވި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ މިވަގުތުން ވަގުތަށް ޖޭޕީ ކޯލިޝަނުން ބޭރު ކުރަން ޖެހޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައި ވެއެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ބޭބޭފުޅުންގެ އެ ރާގު ފަހުން ވަނީ ބަދަލުވެފަ އެވެ. ސޯޝަލް މީޑިއާގައި އެ މައްސަލައާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ގާސިމަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

"ގާސިމް އުޅުއްވަނީ އަދިވެސް ވެރިކަމާއި ހެދި. އެކަމަކާއި ހެދި ތަންތަނުން ކުނި ގެނެސް އެ އެއްކުރަނީ، އަދިވެސް ސަރުކާރުން ދީފައިހުރި ވަރުން ނުފުދިގެން. ގާސިމާއި، ޖޭޕީ ސަރުކާރުން މިހާރުން މިހާރަށް ބޭރު ކުރަންޖެހޭ. ވެރިކަމާއިހެދި، ވެރިކަން ލިބޭތޯ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ" މީހަކު އޭނާގެ ހިޔާލު ފޭސްބުކަށް ލާފައި ވެއެވެ.

މީގެ އިތުރުން ޖޭޕީއަށް ނިސްބަތްވާ މިނިސްޓަރުންގެ ނާގާބިލު ކަމަށާއި، އެމީހުންނާއި އެއްކޮށް، ޖޭޕީގެ ކިބައިންވެސް ސަރުކާރު ސަލާމަތްވާންޖެހޭ ކަމަށްބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔާފަ އެވެ. ހާއްސަކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަކީ ނާގާބިލު ބައެއް ކަމަށް ގިނަ ބަޔަކު ބުނާ ބުނުން ގަދަވެފައި ވެއެވެ.

ޖޭޕީގެ ވިސްނުން

"ޔާމީން ޓީމް" ޖޭޕީއާ ގުޅުނު ޖަލްސާގައި ގާސިމް ފިޔަވައި އެޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ފެންނާކަށް ނެތެވެ. ހާއްސަކޮށް، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. މީގެ އިތުރުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މުހިންމު މެމްބަރުންވެސް އެ ރަސްމިއްޔާތުން ފެނިފައެއް ނުވެއެވެ. އެހެން ކަމުން އެބޭފުޅުންގެ ކޮންމެވެސް ވަރެއްގެ ނުރުހުމެއް އެކަމުގައި އޮތް ކަމަށް ބެލެވިދާނެ އެވެ. އެކަން ވަށައި ޖައްސަން ގާސިމާއި އަދި ގުޅިވަޑައިގެންނެވި ބޭފުޅުން ވެސް މަސައްކަތް ކުރައްވާފައި އެވެ. އެ ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ "މިއައީ މަގާމަކަށް ނޫނެވެ. މި އައީ ގާސިމް ކިންގަކަށް ހަދައިދޭށޭ" އެވެ.

ޖޭޕީގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް އެދި ވަޑައިގެން ވިދާޅުވި ގޮތުގައި ގާސިމް އެބޭފުޅުން ޕާޓީއަށް ވައްދަން އުޅުއްވާ ކަމުގެ އެއްވެސް އިޝާރާތެއް ނުލިބެ އެވެ. އެފަދަ މަޝްވަރާއެއް ވެސް ނެތެވެ. އަދި އެކަމަކީ ކުއްލި އަކަށް އައި ކަމެކެވެ.

"ގާސިމްގެ އެންމެ ރަނގަޅު ސިފަ އަކީ މައާފު ދިނުމާއި، މާފުކުރުން. ގާސިމަކީ ކިހާ ހިތްތިރި ބޭފުޅެއްކަން އެ ނިންމުމުން އެނގިގެން އެދަނީ. ގާސިމާ ޖައްސާލައިގެން އުޅުނު ބަޔަަކަށް އެ މަރުހަބާކީ އިހުލާސްތެރި ހިތަކާއެކު. އެހެން ނަމަވެސް ޕާޓީގެ އެހެން މެމްބަރުންނަށް، އެބޭފުޅުން ބަލައިގަންނާކަށް ފަސޭހައެއް ނުވާނެ. ހަމަ އެ ކުނޫޒު ދޮރުމަތިން ޕެޕާ ސްޕްރޭ ޖެހީމާ އަތްޖަހަން ތިބި ކުދިން މިހާރު ޖޭޕީއަށް އެ އައީ" އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ޖޭޕީގެ ތެރެއަށް އެ ބެފުޅުން އައި ނަމަވެސް، އެބޭފުޅުންނަށް އެ ޕާޓީގައި ކުރެވޭނެ ކަމެއް ނެތެވެ. މަގާމެއްވެސް ނެތެވެ. ޖޭޕީގެ ކޮންޓްރޯލް އެގޮތަށް ފޮރުޅާލުމަކީ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫނެވެ.

"ޕާޓީގެ ބާރުތަކެއް އެބޭފުޅުންނަކަށް ނުލިބޭނެ. ޕާޓީގެ ލީޑާ ޝިޕަކާ ހަމައަކަށް ނާދެވޭނެ. އެގޮތަށް މީގެ ކުރިންވެސް ބަޔަކު އައިސްފި. ޖޭޕީގެ ލީޑަޝިޕް އޮތީ ބަދަހިކޮށް އެޒާތުގެ ހުރިހާ ކަމެއް ކައުންޓާކުރަން ތައްޔާރަށް،"

ޕާޓީގެ ބާރުތަކެއް އެބޭފުޅުންނަކަށް ނުލިބޭނެ. ޕާޓީގެ ލީޑާ ޝިޕަކާ ހަމައަކަށް ނާދެވޭނެ. އެގޮތަށް މީގެ ކުރިންވެސް ބަޔަކު އައިސްފި. ޖޭޕީގެ ލީޑަޝިޕް އޮތީ ބަދަހިކޮށް އެޒާތުގެ ހުރިހާ ކަމެއް ކައުންޓާކުރަން ތައްޔާރަށް،
ޖޭޕީގެ އިސް ފަރާތެއް

ސިޔާސީ ބޭ ބޭފުޅުންގެ ވިސްނުން

އެމްޑީޕީގެ ގިނަ ފަރާތްތަކުން ގާސިމާއި، ޖޭޕީއަށް ފާޑު ކީ ނަމަވެސް އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭބޭފުޅުން އެކަން ނަންގަވަނީ ގާސިމްގެ ސިޔާސީ މޫވެއްގެ ގޮތުގަ އެވެ. އަދި އެކަމުގައި އެބެފުޅުންނަށް މާބޮޑު މައްސަލައެއް ވެސް ނެތެވެ. އެެއީ ސިޔާސީ ގޮތުން ގާސިމް ޕާޓީ ވަރުގަދަ ކުރައްވަން ކުރައްވާ މަސައްކަތެކެވެ.

އެގޮތުން އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވިދާޅުވި ގޮތުގައި ރައީސް މައުމުނާއެކު ކޯލިޝަންގައި ހަތަރު ޕާޓީ އޮތް ކަމުގައިވީ ނަމަވެސް، ކޮންމެ ޕާޓީއެއްގެ ވެސް ތަފާތު ވިސްނުމެއް އޮންނާނެ އެވެ.

"ކޮންމެ ޕާޓީއަކީ ވެސް ތަފާތު އައިޑިއަލޮޖީއެއް ދެއްތޯ. އެެހެންވީމަ އެ ޕާޓީއަކުން ގަބޫލު ކުރާ ފިލޯސޮފީއެއްގެ މަތީގައި އެ ޕާޓީއަކުން ހަރަކާތްތައް ކުރިޔަށް ގެންދާނެ. ޕާޓީ ބިލްޑު ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ. އެއީކީ އެހެން ބަޔަކު އެކަމަށް ބަސް ކިޔަން ޖެހޭ ވަރު ކަމަކަަށް ނުވާނެ. ޖޭޕީގެ ނަޒަރުގައި އެޕާޓީއަށް އެންމެ ރަނގަޅު ގޮތް އަބަދުވެސް އެ ޕާޓީން ހަދާނީ. އެމްޑީޕީން ހަދާނީ އެމްޑީޕީއަށް އެންމެ ރަނގަޅުގޮތް. އެއިރެއްްގައި ނަގަންޖެހޭ ސިޔާސީ މޫވްތައް ނަގާ. އެބޭފުޅުން ވިދާޅުވި، އެއީ އެ ޕާޓީ ބޮޑު ކުރުމުގެ މަސައްކަތެކޭ،" ޝިފާޒު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އެހާ އަރިސް ބޭފުޅުންކޮޅެއް ގޮސް ޖޭޕީއާ ގުޅުމަކީ ލަދުވެތި ކަމެކެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެ މީހަކަށްވެސް އޮންނާނެ ހައްގެއް އެމީހަކު ބޭނުންވާ ޕާޓީއަކަށް ގުޅެން، އެގޮތުން ބަލާއިރު، އެކަމަކީ މައްސަލައެއް ނޫން. ނަމަވެސް، ޖޭޕީ ސަރުކާރު ކޯލިޝަންގެ ތެރޭގައި އޮވެފައި، އަނިޔާވެރި ކަމަށް އެންމެ ގަދައަށް ހިތްވަރުދިން މީހުން އެޕާޓީއަށް ވައްދާ ކަމަށްވަންޏާ ރައްޔިތުން ކޯލިޝަނާމެދު ކުރާ އިތުބާރު ކުޑަވެގެން ދޭ. ރައްޔިތުން އެކަހަލަ ކަންކަން ސީރިއަސްކޮށް ދެން ނުނަގާނެ މިކަންކަން މިހެން ހިގަންވެއްޖެއްޔާ. ވަރަށް ދަތިކަމަކަށް ވާނެ ޔާމީނާއި އެހާ ގާތުން މަސައްކަތްކޮށްފައިތިބި ބަޔަކާއެކީ މަަސައްކަތް ކުރަން،" ސިރާޖު ވިދާޅުވި އެވެ.

ޑީއާރުޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ވިދާޅުވި ގޮތުގައި ރޯލް ވަމުން ދަނީ އެކައްޗެކެވެ. ސިޔާސީ މީހުންނަކީ ސިޔާސީ މީހުނެވެ. އެބޭފުޅުން ބޭނުން ޕާޓީއަކަށް ވަނުމުގެ ފުރުސަތު އޮންނަންވާނެ އެވެ.

"ފިކުރަކީ މީ މުހިންމު އެއްޗަކީ. އެބޭފުޅުންގެ ފިކުރަކީ އެކައްޗެއްތާ. ކޮންމެ ޕާޓީއަކަށްވެސް މީހުން ވަންނާނެ. އެބަޔަކު ވަންނާނީ އެބައެއްގެ ފިކުރު ދިމާވާ ޕާޓީއަކަށް. ޔާމީންގެ ފިކުރަކީ ވެސް އެއްކޮޅުން އަނެއްކޮޅަށް ރޯލްކޮށްކޮށް އޮންނަ ފިކުރެއް. އެއީ އަޅުގަނޑު މާ އަޖައިބުވާ ކަހަލަ ކަމެއް ނޫން" ޖާބިރު ވިދާޅުވި އެވެ.