އަލީ ވަހީދު، އަލްހާން ފަހުމީ، ރޮޒެއިނާ އާދަމް، އަބްދުﷲ ޝާހިދު، ރީކޯ މޫސާ މަނިކު، ރިޔާޒް ރަޝީދު، މިއީ މިކަމާ ދޭތެރޭ ސިކުނޑި ހިންގާލަން ފެށުމާއެކު އާންމުންގެ ތެރެއިން ގިނަ ބައެއްގެ ދުލަށް ފުރަތަމަވެސް އަންނާނެ ނަންތަކެވެ. އެހެނަސް، މިފަދަ ހުރިހާ ބޭފުޅުންގެ ލިސްޓު އެކުލަވާލަން އޭފޯ ރީމެއްވެސް މަދުވާނެ އެވެ. އެވަރުން ވެސް އެންމެ ނަމެއް ވައްޓާނުލައި، ފުރިހަމަ ލިސްޓެއް ތައްޔާރުކުރުމުގެ ފުރުސަތު ހަންޏެވެ. ސިޔާސީ ގޮތުން ތާއަބަދު އެނބުރެމުންދާ އޮއިވަރާއެކު ކުލަ ބަދަލުކުރާ އަދަދު އެހާމެ ގިނަވީމަ އެވެ. މިހާރުވެސް ތަޣައްޔަރުވެފައިވާ އޮތް ސިޔާސީ މައިދާނުގެ އޮޔާއެކު ނިމުމެއްނެތި ދެމެމުންދާ އޮޔެ ކުންޏެވެ. ސިޔާސީ މީހުންނަށް ރައްޔިތުން އިތުބާރުނުކުރެވޭ މައިގަނޑު އެއް ސަބަބެވެ.
ކުޅިވަރަށް ނޫނީ ހާއްސަކޮށް ފުޓުބޯޅައަށް ފޯރި ހުންނަ މީހުންނަށް "ޓްރާންސްފާ ވިންޑޯ" އޭ ބުނުމުން އެނގޭނެ އެވެ. ކޮންމެ ސީޒަނަކާ ދިމާކޮށް މުޅި ދުނިޔެ އަތް ފުނާ އަޅައިގެން މޮޅު ކުޅުންތެރިން ބޮޑު އަގުގައި ގަންނަނީ ކްލަބުތައް އިތުރަށް ވަރުގަދަ ކުރާށެވެ. އެއް ޒަމާނެއްގައި ސިޔާސީ މައިދާނުގެ "ޓްރާންސްފާ" ތައް ވެސް ހަދަމުން ދިޔައީ އެ ބީދައިންނެވެ. އެންމެ އަޑުހަރުކޮށް ދޫފަރިތަކޮށް ޕޯޑިއަމްތަކުގައި ރައްޔިތުންގެ ލޭ ކައްކުވާލެވޭ ވަރުގެ ވާހަކަ ދައްކާލެވޭ ބޭބޭފުޅުންގެ ފިކުރު "ގަނެލަނީ" ޕާޓީ ވަރުގަދަ ކުރުމުގެ ނިޔަތުގަ އެވެ. ސިޔާސީ މައިދާނުގެ ސީޒަންތައް ކަމުގައިވާ އެކި އިންތިހާބުތަކާ ދިމާކޮށެވެ. ނަމަވެސް އެ ސަގާފަތް މިހާރު ވަނީ ބަދަލުވެފަ އެވެ. ސީދާ ޕާޓީތަކަށް ލިބޭ ކުރިއެރުމެއްގެ ބަދަލުގައި ސިޔާސީ ބޭފުޅުން މިހާރު ކުލަ ބަދަލުކުރަނީ މުޑުތާރުވެފައި އޮތް ފަސްބައި ސާފުކުރުމުގެ ބޭނުމުގަ އެވެ. އަތުގައި ހޭކިފައިހުރި ދަމިލަތައް ދޮވެލާށެވެ. ޕާޓީ ބަދަލު ކޮށްލައިގެން ފާފަތައް ފުހެލުމުގެ ވިސްނުމެއްގަ އެވެ. ކުރިން ދެއްކިފައި ހުރި ވާހަކައެއް، ނޫނީ ޒަމާނުއްސުރެ ތަބާވެހުރި ފިކުރަކަށް ބެލުމެއްނެތި އެވެ. ރައްޔިތުންގެ ކުރިމަތީގައި ބޭޒާރު ވިޔަސް ފަރުވާލެއްނެތި އެވެ.
މިދިޔަ އަންގާރަ ދުވަހު އެ ސަގާފަތަށް ވަނީ އާ ބާބެއް އިތުރުވެފަ އެވެ. "ސިޔާސީ ކުނި" ޖަމާކުރާކަމަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިހާރުގެ އިދިކޮޅުގެ އިސް ބޭފުޅުންތަކެއް ގުޅިވަޑައިގެންނެވުމާއެކު އެވެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އޭރުގެ ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެންބަރުންތަކަކަށްވެސް ޖޭޕީގެ ތެރެއިން ޓިކެޓް ދީފައިވަނިކޮށް، އެރޭ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ގާތް ބޭފުޅުން ކަމަށްވާ، ކުރީގެ މަޖިލިސް މެންބަރު އަހުމަދު ނިހާނު ހުސައިން މަނިކާއި ކުރީގެ މެންބަރު އިބްރާހިމް ފަލާހާއި، އަލީ އާރިފާއި، ކުރީގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދާއި ޕީޕީއެމް ކުރީގެ ސެކްރެޓަރީ ޖެނެރަލް އިގްބާލް އަހުމަދުގެ ޓައީތައް ރަތްކުލަ ކޮށްލި އެވެ.
މިއީ ހައްތަހާވެސް އެރޭ އުފަލުން ފޮޅިފައި ހުންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ދިމާލަށް އެކި ފަހަރުމަތިން އެކި ޕޯޑިއަމްތަކުގައި ތަފާތު ތުހުމަތުތައް ކުރައްވައި، ބަދުބަސް ބުނުމުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނެވެ. ނަމަވެސް، އެރޭ އެއިން ކޮންމެ ބޭފުޅަކު ޕޯޑިއަމަށް އަރާ ގާސިމަށް ސަނާ ކިޔުއްވި އެވެ. އެވަރުގެ ދުރުވިސްނޭ، ހިކުމަތްތެރި ލީޑަރެއް މިގައުމު ކީއްކުރަން، މުޅި ދުނިޔޭގައި ވެސް ނެތް ވާހަކަ އެވެ. އެކަމުގައި ހައިރާންވާންޖެހޭ ކަމެއް ނެތެވެ. ނިހާންގެ އިތުރުން އަޒްލީން ވިދާޅުވި ފަދައިން އެއީ ސިޔާސީ މައިދާނުގައި ކަން ހިނގާ އުސޫލެވެ. އޭރުވެސް މިހާރުވެސް މެ އެވެ. އެހެންވީމާ އެ ވާހަކަ މާ ފުންކޮށް ދެއްކުމުގެ ބޭނުމެއް ނުފެނެ އެވެ.
އެހެނަސް، އެންމެ ފަހުން މި ހެދިގެންދިޔަ ޓްރާންސްފާތަކުގެ ހަގީގީ ސަބަބަށް ފިކުރު ހިންގާލަންޖެހެ އެވެ. އެއީ އާންމުކޮށް މިކަން ހިނގާ ޓްރާންސްފާ ވިންޑޯ ބަންދުވެފައި އޮތީމަ އެވެ. މިއީ އެކަމުގެ ސީޒަން ނޫނީ މޫސުމެއް ވެސް ނޫންވީމަ އެވެ. ރިޔާސީ އިންތިހާބަށް އަދި ގާތްގަނޑަކަށް ހަތަރު އަހަރު އެބަ އޮތެވެ. މަޖިލީސް އިންތިހާބު ބޭއްވިފަހުން އެކަމުގެ ހޫނުކަން އަދި ރަނގަޅަކަށް ނުކެނޑެ އެވެ. އެހެންވީމާ މިއިން ދުވަހެއްގައި އޮއްޓަރެއް ހުރި އިންތިހާބެއް ނެތެވެ. އަންނަ އަހަރު އޮންނަ ނިމަކެތި ކައުންސިލް އިންތިހާބަށް އެވަރުގެ ފުންނާބުއުސް ބޭފުޅުންތަކެއް ޖޭޕީންވިޔަސް ގެންދާނެކަމަކަށް ގަބޫލު ނުކުރެވޭތީ އެވެ. އެހެންކަމުން، ސީޒަނުގެ ވިސްނުން ފުޅާކޮށްލަން މަޖުބޫރުވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި އޮތް ޖޭޕީއާ ގުޅުނު ގިނަ ބޭފުޅުންގެ ފޮރުވިފައިވާ ނިޔަތަށެވެ.
މިހާރު ތިބި އޮޑި ދިޔަވަނީ
އެއީ މިހާރު ފެންނާން އޮތް ހަގީގަތެވެ. މިދިޔަ ރިޔާސީ އިންތިހާބަށްފަހު ވިދިގެން އައި މަޖިލީސް އިންތިހާބަށްފަހު މިހާރު ރާއްޖޭގައި އިދިކޮޅެއް ނެތެވެ. އެއް ބަނޑު އެއްބަފާ ދެބެއިންގެ ގޮތުގައި ޕީޕީއެމް އާއި ޕީއެންސީ އުފައްދާފައިއޮތް ނަމަވެސް، އެ ދެ ޕާޓީގައި ދިރުމެއް ނެތެވެ. އެ ދެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މުސްތަގުބަލަށް އޮތީ ހިޔަނި އެޅިފަ އެވެ. މި ދައްކަނީ އެމަނިކުފާނުގެ ސިޔާސީ މުސްތަގުބަލުގެ ވާހަކަ އެކަންޏެއް ނޫނެވެ. މާ ގިނަ ދުވަހު ދެން ރައީސް ޔާމީންގެ މިނިވަނެއްގެ ގޮތުގައި ހުންނެވޭނެ ކަމަކަށް ނުފެނެ އެވެ. ކުރިމަތިލައްވައިގެން ހުންނެވީ ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅޭ ތުހުމަތުތަކާ އެވެ. އެމަނިކުފާނުގެ މައްޗަށް އުފާލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުންތައް ދަނީ ރޮކެޓް ސްޕީޑުގައި ކުރިއަށެވެ.
މުޅި ގައުމުގެ ކުރިމަތީގައި ކުރިއަށް ގެންދަމުންދާ އަޑުއެހުންތަކުގައި އެމަނިކުފާނުގެ ސަރުކާރުން ކޮށްފައިވާ ބޮޑެތި ޖަރީމާތައް ދަނީ ހާމަވަމުންނެވެ. ފަރުދާ ކަހާލައި އޭރު އަޅާފައިވާ މަތިތައް ނެއްޓުމަށް ފައި ވިއްދާފައި ހުންނެވީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އޭރު ރައީސް ޔާމީންގެ އިތުރުން ޖޭޕީއާ ކުއްލިއަކަށް ގުޅުނު ގިނަ ބޭފުޅުންގެ ވެސް އަރިސް އަދި އަޚެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާތައް ހޭކިފައިހުރި ހުރިހާ އަތެއް އަދީބަށް އެނގިވަޑައިގަންނަވާނޭ ކަމީ ދެބަސްނުވެނޭނެ ހަގީގަތެކެވެ. ރާއްޖެ ދޫކޮށް ފިލައިގެން ދިޔުމުގެ ޕްލޭން ދާދި ފަހުން ފެއިލްވުމާއެކު، އެ މައުލޫމާތުތައް ހާމަކޮށް އަމިއްލަ ސަލާމަތް ހޯދަން އަދީބު ހުންނެވީ އަރުވާޖަހައިގެންނެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެކަން ވަރަށް ސާފުކޮށް ފެނިގެންދިޔަ އެވެ. އެކަމުން އޭނާއަށް ސަލާމަތް ނުވެވޭނެކަން އެނގޭތީ މުޅި ގައުމުގެ ކުރިމަތީގައި އަދީބު ވަނީ ކުށަށް އިއުތިރާފުވެސްވެފަ އެވެ. ޖަރީމާތައް ހިންގީމޭ، އެކަމަކު އެކަން ކުރީ ރައީސް ޔާމީންގެ އޯޑަރަށޭ ވިދާޅުވަމުންނެވެ.
ސަރުކާރު ކޯލިޝަނުގެ ނިވާފަތްގަނޑަށް
ބޮޑު ހިޔާނާތުގެ އަމާޒު މިވަގުތަށް ރައީސް ޔާމީނާ ދިމާލަށް ހުއްޓިފައިއޮތަސް، އިސާހިތަކު އެމަނިކުފާނުގެ ޝަރީއަތް ކޮންމެވެސް އެއް ގޮތަކަށް ނިމޭނެ އެވެ. އެއާއެކު ހިޔާނާތުގެ އަމާޒު އެކަމުގައި ބައިވެރިވި ކުރީ ސަރުކާރުގެ ބޭފުޅުންނަށް އެނބުރިގެންދާނެ އެވެ. މި ސަރުކާރު އޮތީ ދޫކުރާ ގޮތަކަށް ނޫން ވީމަ އެވެ. ބާކީ ތިބި އެންމެން ފަހާ ޕީޖީން ދުއްވައިގަންނާނެކަން ކަށަވަރެވެ. ޖޭޕީއާ ގުޅިވަޑައިގެންފައިވާ ކުރީ ސަރުކާރުގެ ބޭފުޅުންގެ ލިސްޓަށް އަންގާރަ ދުވަހު އިތުރުވެގެންދިޔަ ނަންތަކާއެކު އެ ސުވާލު އުފައްދަންޖެހެނީ އެހެންވީމަ އެވެ. އެއްވެސް އިންތިހާބެއް ބޯމަތިވެފައިނުވާ ދަނޑިވަޅެއްގައި ޔާމީނާ އެންމެ ގާތުން އެމަނިކުފާނު ދިފާއުކުރައްވެމުގެ އެންމެ އިސް ސަފުގައި ތިއްބެވި ބޭފުޅުންތަކެއް ޔާމީން ކަނޑުވާން ދޫކޮށްލައި، ކުއްލި ގޮތަކަށް "ސަރުކާރުގެ އޮޑިއަށް" އަރަންޖެހުމުން ސުވާލު އުފެދެ އެވެ. އެއީ ހަމަ އިއްތިފާގެކަމަށް ބުނެ އަޅާނުލާ ދޫކޮށްލެވެންނެތީ އެހެންވެ އެވެ.
އަދީބާއާއެކު ސެލްފީ ނެގުމުގައި އަވަދިނެތި އުޅެ، އޭނާގެ ފަރާތުން ގިނަ މަންފާތަކެއް ލިބުނުކަމުގެ ތުހުމަތުކުރެވޭ ބޭފުޅުންތަކެއް ސިޔާސީ މިފަދަ ނިންމުމެއް ކޮންމެވެސް މަގުސަދެއްނެތި ނުނިންމަވާނެކަން ކަށަވަރެވެ. އަމިއްލަ އެދުމެއްނެތި ހަމައެކަނި ޖޭޕީއަށް އެހީވާން، ނޫނީ ގާސިމް "ކިންގް" އަކަށް ހަދަން އިހުލާސްތެރިކަމާއެކު އަތުކުރިނޯޅާނެތީ އެވެ. އެ އެދުމަކީ އެ ބޭފުޅެއްގެ އަމިއްލަ ސިޔާސީ ކުރިމަގު އެކަންޏޭ ބުނެވެންނެތީ ކައިރި މުސްތަގުބަލެއްގައި އެކަމަށް ޖޭޕީއަށް ނޫނީ ހުދު ގާސިމަށްވެސް ކޮށްދެވޭނެ ކަމެއް ނެތީމަ އެވެ. އެކަމަކު ކިތަންމެ ނާޒުކު ފައްތަރެއްގައި އޮތް ނަމަވެސް، ޖޭޕީއަކީ އަދި ކޯލިޝަން ޕާޓްނަރެކެވެ. ކިތަންމެ ކުޑަނަމަވެސް ސަރުކާރުގެ ހިއްސާ އޮތް ޕާޓީއެކެވެ. އެހެން ގޮތަކަށް ބުނަނީމަ، މިހާރުގެ އިދިކޮޅު މީހަކަށް ސަރުކާރުގެ ތެރެއަށް ވަދެވެން އޮތް ހަމައެކަނި ދޮރެވެ.
އެހެންކަމުން، ޝައްކު އުފެދެނީ ދަނޑިވަޅުގެ ގޮތުންނެވެ. އެ ރޭ ޖޭޕީއަށް ސޮއި ކުރެއްވި އެއް ބައި ބޭފުޅުންނަށް ރަތްކުލައިގެ ޓައިއެއް ހޯދާލާނެ ވަގުތެއް ވެސް ނުލިބި އަވަސް އަރުވާލައިގެން އެކަން ކޮށް ނިންމާލީ ސަރުކާރުގެ ތެރެއިން ހިމާޔަތް ހޯދަން ބާވައޭ ހިތަށް އަރަ އެވެ. ސަރުކާރުން ފަހަތުން ދުއްވައިގަތުމުގެ ކުރިން، ޖޭޕީގެ ނިވާފަތްގަނޑަށް ވަދެ ފިލީ ހެއްޔެވެ؟ އާންމުކޮށް ސިޔާސީ މައިދާނުގައި ކަންކަން ހިނގާ ގޮތުން، އެ ސުވާލުތަކުގެ ޖަވާބު އެކަމަށް އޮންނަ ވަގުތު ޖެހުމުން ލިބޭނެ އެވެ.