ރިޕޯޓް

ދެ ލީޑަރުންގެ "ކޯޅުން" ނިމޭނެތަ؟

މަޖިލިސް އިންތިހާބުގެ ވާހަކަ ދެކެވެން ފެށި ހިސާބުން ސަރުކާރު ކޯލިޝަންގެ ތެރޭގައި ދިޔައީ "ތަޅާފޮޅުން" ތައް ފެންނަމުންނެވެ. ވެރިކަމަށް އައި ބޮޑު ކޯލިޝަންގެ ދެ ލީޑަރުންގެ ބަހުގެ ހަމަލާތަކާއި ފާޑުކިޔުންތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. އެކޯޅުން ބޮޑުވެ، ކޯލިޝަން ރޫޅިދާނެ ކަމުގެ ބިރުވެސް މިހާރު ވަނީ ހީވެފަ އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބަހުގެ ހަމަލާތަކަށް ހުއްޓުމެއް ނާދެ އެވެ.

އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ ކޯޅުން އިތުރަށް ވަނީ ގޯހެވެ. ނަމަވެސް ގާސިމް ބައިއަތު ހިފި ޕީޕީއެމާއާއެކު މަޖިލިސް އިންތިހާބަށް ނުކުންނަށް ނައިބު ރައީސް ފައިސަލް ނަސީމްވެސް ތާއީދެއް ނުކުރެއެވެ. ހެއްދެވީ ދެކޮޅެވެ.

ކޯލިޝަންގެ އެންމެ މައި ދެޕާޓީގެ އިސް ލީޑަރުން ކޯޅުން މިހާ މައްޗަށް ގޮސްފައިވާއިރު، މިއަދާ ހަމައަށްވެސް އެކަން ފިނި ކުރަން މާގިނަ މަސައްކަތްތަކެއް ކުރެވެމުންްދާތަނެއް ނުފެނެ އެވެ. ފެނިގެން ދަނީ އެ ހުޅުގަނޑު އިތުރަށް ބޮޑު ކުރަން އިތުރަށް "ޕެޓްރޯލް" ޖަހަމުންދާތަނެވެ. އެންމެންގެ ވެސް ސުވާލަކީ އަނެއްކާވެސް ކޯލިޝަން އެއްގަލަކަށް އެރުވޭނެ ހެއްޔެވެ؟

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކޯލިޝަން އެއް ގަލަކަށް އަދިވެސް އެރުވޭނެ އެވެ. އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން އިތުރު ބޭފުޅަކަށް ނުވާނެ އެވެ. ހިޔާލު ތަފާތު ހަތަރު ލީޑަރުން އެއް ގަލަކަށް އަރުވައިގެން އިންތިހާބަށް ނިކުމެވަޑައިގެން މިއަދުގެ ރައީސް ކަމަށް އައިސް ހުންނެވިކަމީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

"ކޯލިޝަން ރޫޅުނަނުދީ އަލުން އެއްގަލަކަށް އެރުވުމުގެ ހިތްވަރާއި ފަންވަރު ހުރީ މިއަދުގެ ރައީސް ސޯލިހުގެގައިގަ، އެކަން އެމަނިކުފާނަށް ކުރެވޭނެ، އެމަނިކުފާނަށް އަނެއްކާވެސް އެހަތަރު ލީޑަރުން އެކުވެގެން މަސައްކަތް ކުރެވޭނެ ގޮތް ނުވަތަ މާހައުލު ގާއިމް ކޮށްދޭނެ، އެމަނިކުފާނަކީ އެވަރުގެ ލީޑަރެއް،" ކުރީގެ ރައީސް މައުމޫންގެ ސަޕޯޓަރަކު ބުންޏެވެ.

ތެދެކެވެ. އެއްވެސް ވަރަކަށް ހިޔާލު ދިމާނުވާ ހަތަރު ލީޑަރުން އެއް ގަލަކަށް އަރުވައިގެން ވެރިކަމަށް ނިކުންނަވައި އިންތިހާބު ކާމިޔާބު ކުރައްވާފައިވާކަމީ އެމަނިކުފާނުގެ ގާބިލްކަން ސާބިތުކޮށްދޭ ކަމެކެވެ. ނަމަވެސް މިހާރު މިއޮތް ހާލަތުން ކޯލިޝަން އަނބުރާ ކުރީގެ ހާލަތަށް ރުޖޫއަ ކުރެވޭނެ ހެއްޔެވެ؟

ރައީސް ސޯލިހު މިހާރު ރަށްރަށަށް ވަޑައިގެން އަބަދުވެސް ދައްކަމުންދާ އެއް ވާހަކަ އަކީ ކޯލިޝަންގެ އެއްވެސް ބައިވެރިއަކަށް ދެރަ ގޮތެއް ނަހައްދަވާނެ ކަމަށެވެ. އަދި އެއްވެސް ޕާޓީއެއް ބާކީ ނުކޮށް ސަރުކާރު ހިންގުމުގައި ބައިވެރި ކުރާނެ ކަމަށް ވިދާޅުވަމުން ދެއެވެ.

ނަމަވެސް ރައީސްގެ އަމަލުތަކުން އެކަންކަން ފެނިގެން ނުދާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެގޮތުން ރައީސް ނަޝީދާއި ގާސިމްގެ މައްސަލަ އެހާ ބޮޑަށް ގޯސްވެގެން ދިޔައީ، ރައީސް ސޯލިހުވެސް އަޅާލުން ކުޑަ ވުމުގެ ސަބަބުން ކަމަށް ގަބޫލު ކުރާ މީހުންވެސް މަދެއް ނޫނެވެ. ޖެހުނު މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ބުނެ ފާޑު ކިޔުންތައްވެސް ރައީސަށް އަމާޒުވެ އެވެ.

ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ވިދާޅުވީ، މަޖިލިސް އިންތިހާބަށް ކުރެވޭނެ އެއްވެސް ކަމެއް ދެން ނެތް ކަމަށެވެ. އެކަމަށް ދެން ގެނެވޭނެ ހައްލެއްވެސްނެތް ކަމަށެވެ. ނަމަވެސް ސަރުކާރަށް އަބަދުވެސް އެއްބާރުލުންދޭން ޖޭޕީ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ސްޓޭންޑް އަދި ބަދަލުނުވި ނަމަވެސް އިދިކޮޅުގައި އޮތް ޕީޕީއެމަށްވުރެ ސަރުކާރު ކޯލިޝަނާއި ޖެހިފައިވަނީ ޖޭޕީ އެވެ. ފާޅުގައި ސަރުކާރުން ފާސް ކުރުމަށް ބޭނުންވާ ބިލްތަކަށް ގާސިމް ދެކޮޅު ހައްދަވަމުންދާކަމީ އެކަމުގެ އަލިގަދަ ހެއްކެވެ. ނަމަވެސް ސަރުކާރު ކޯލިޝަނުން ވަކި ނުވާނެ ކަމަށް ޖޭޕީ އިން ދަނީ ބުނަމުންނެވެ.

އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ކޯލިޝަންގެ ކޯޅުން އެހާ ބޮޑުވެެގެން ގޮސްފައިވަނީ ލީޑަރުންގެ މަޝްވަރާތައް ހުއްޓުމަކަށް އައި ހިސާބުންނެވެ. ރައީސް ސޯލިހް ވަނީ ކޮންމެ މަހަކު އެއް ފަހަރު ކޯލިޝަންގެ ހަތަރު ލީޑަރުންނާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހު ބޭއްވި ބައްދަލުވުމަށްފަހު އެކަންވެސް މިވަނީ ހުއްޓިފަ އެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރައީސް މިހާރު ކޯލިޝަން ދަމަހައްޓަން މަސައްކަތް ކުރަމުންދާތަނެއް ނުފެނެ އެވެ.

ސަރުކާރުގެ ކަންކަން ކުރިއަށް ގެންދާނީ ކޯލިޝަން ލީޑަރުންގެ މަޝްވަރާއިން ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ރައީސްގެ މަސައްކަތް ވަރަށްވެސް ބޮޑެވެ. ދައުރުވެސް އެހާމެ ފުޅައެވެ. ނަމަވެސް ލީޑަރުން އެއް ގަލަކަށް ނުވަތަ އެއް މޭޒަކަށް އަނބުރާ އެރުވޭނެ ހެއްޔެވެ؟

މިހާލަތުން އަރައި ގަތުމަށް އަލުން ލީޑަރުންގެ މަޝްވަރާތައް ފެށުން މުހިންމު ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ. އެހެން ނޫންނަމަ ގޯހުން ގޯހަށް ކަންކަން ގޮސްދާނެކަމުގެ ބިރު އެބަ އޮތެވެ. ސަރުކާރު ކޯލިޝަން އިޔާދަ ނުކުރެވޭ ވަަރަށް ރޫޅިގެން ދިއުމުގެ ބިރު އެބަ އޮތެވެ.

"ކޯލިޝަންގެ ކޯޅުން އިތުރަށް ގޯސްވެގެން ގޮސްފައިވަނީ ރައީސްގެ އިހުމާލުން، ކޮންމެ މަހަކު ބާއްވަން ޖެހޭ ބައްދަލުވުންތައް ނުބޭއްވިގެންދިޔަ ކަމީ މިއަދު މިހާލަތަށް ވެއްޓުމުގެ އަސްލު، ރައީސް ފެށުނީއްސުރެ ވިދާޅުވަމުންދަނީ ކޯލިޝަން މަތިން ހަނދާން ނުނެތޭނެ ކަމަށް، ނަމަވެސް މިހާރު ހީވަނީ ކޯލިޝަން މަތިން ހަނދާން ނެތިއްޖެހެން، އެހެން ނޫންނަމަ ލީޑަރުންނާއެކު މަޝްވަރާތައް ނުފަށައި ލަސް ކުރުމުން ނުދާނެ،" ޖޭޕީގެ މެންބަރަކު ބުންޏެވެ.

ކޯލިޝަން އިތުރަށް ރޫޅުނަނުދީ ދެމެހެއްޓުމަށްޓަކައި ރައީސް ކުރަންޖެހޭ މަސައްކަތްތައް ވަރަށްވެސް ގިނަ އެވެ. އެގޮތުން އެންމެ ފުރަތަމަ ލީޑަރުންގެ ބައްދަލުވުންތައް ފެށުން ވަރަށްވެސް މުހިންމެވެ. އެބައްދަލުވުންތައް ފެށިގެން ނޫނީ މައްސަލަތައް ހައްލު ކުރުމަށް ފިޔަވަޅުތަކެއް އެޅިގެން ނުދާނެ އެވެ.

މިހާހިސާބުން ނިމުނީއެއް ނޫނެވެ. ސަރުކާރުގެ ސަޕޯޓަރުން ދެން އުފައްދާ އެންމެ ބޮޑު ސުވާލަކީ މަޖިލިސް އިންތިހާބަށްފަހުވެސް ރައީސަށް މިކަން ހައްލު ނުކުރެވިއްޖެނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ ކޯލިޝަން ނިމޭނީ ހެއްޔެވެ؟ ކޯލިޝަން ދެމި އޮންނާނެ ހެއްޔެވެ؟

ސަރުކާރުގެ އިސް ވުޒާރާތަކާއި ވަޒީރުންގެ އިތުރުން ނައިބް ރައީސަކަށް ހުންނެވީ ޖޭޕީގެ ބޭފުޅެކެވެ. ކޯލިޝަންގެ މައްސަލަ ހައްލު ނުވެއްޖެނަމަ އެމަގާމުތަކަށް ވެގެންދާނީ ކިހިނެތް ހެއްޔެވެ؟ ސަރުކާރަށް ބޮޑު ލޮޅުމެއް އެރުމަކީ ދުރުގައިނެތް ކަމެކެވެ. ކޯލިޝަނަށް ބުރޫ އަރައިފިނަމަ ސަރުކާރުގެ ހިންގުމަށް ދެން ވެގެންދާނެ ގޮތާމެދު ރައްޔިތުންދަނީ ސުވާލު އުފައްދަމުންނެވެ.

ރިޔާޒް ވިދާޅުވީ، ރައީސް ސޯލިހަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި ސަރުކާރު ދެމެހެއްޓުމަށް ޖޭޕީ އަބަދުވެސް އެމަނިކުފާނު ފަހަތުގައި އޮންނާނެ ކަމަށެވެ. މަޝްވަރާތަކާައެކު ކޯލިޝަން ދެމި އޮންނާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

ރައީސް ނަޝީދާއި ގާސިމަކީ ހިޔާލޔ ތަފާތު ދެ ބޭފުޅުންނެވެ. ނަމަވެސް އެދެބޭފުޅުން އެއް ގަލަކަށް އަރުވައިގެން ވެރިކަމަށް ވަޑައިގެންނެވި މިއަދުގެ ރައީސަށް އަނެއްކާވެސް އެދެބޭފުޅުން އެއް ގަލަކަށް އެރުވިދާނެ ހެއްޔެވެ؟ ނޫނީ ހައްލު ނުކުރެވި ރައީސް ސޯލިހަށް ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދިއުމަކީ ވުން ގާތް ކަމެކެވެ.