ވިޔަފާރި

ނައިޓް މާކެޓު ނިންމާލައިފި

Jun 14, 2015

ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ބޭއްވި މި އަހަރުގެ ނައިޓް މާކެޓު ރޭ ނިންމާލައިފި އެވެ.

އެހެން އަހަރުތަކާ ހިލާފަށް 15 ދުވަހަށްވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ މި އަހަރުގެ ނައިޓް މާކެޓުގައި 500 އަށްވުރެ ގިނަ މޭޒު ބެހެއްޓިއިރު، ގިނަ ބަޔަކު ވަނީ ނައިޓް މާކެޓަށް ޒިޔާރަތްކޮށް ވިޔަފާރި ވެސް ކޮށްފަ އެވެ.

މި އަހަރުގެ މާކެޓަށް ޒިޔާރަތްކުރި މީހުން ބުނި ގޮތުގައި މި އަހަރު ބައެއް ސާމާނުގެ އަގުތައް ވަރަށް ބޮޑަށް ހެޔޮކޮށްފައިވެ އެވެ.

"ފައިވާނާއި ބޫޓާއި ޖޯޒީ ފަދަ ތަކެތީގެ އަގު ހެޔޮ،" ނައިޓް މާކެޓަށް ދިޔަ ކ. މާފުށީ މީހަކު ބުންޏެވެ.

މި އަހަރުގެ މާކެޓާ ދިމާކޮށްވެސް ރާއްޖޭގެ ބައެއް ރަށްރަށުން ގިނަ ބަޔަކު ވަނީ ވިޔަފާރިކުރަން މާލެ އަރާފަ އެވެ.

ނައިޓް މާކެޓުގައި މޭޒު ބަހައްޓައިގެންތިބި ވިޔަފާރިވެރިން ބުނި ގޮތުގައި މި އަހަރު އެވްރެޖުކޮށް ރެއެއްގެ މައްޗަށް 10،000ރ. އާއި 16،000ރ. އާ ދެމެދުގެ އަދަދަކަށް ވިޔަފާރި ވެފައިވެ އެވެ.