ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާތައް ވީހާވެސް އަވަހަކަށް ފަށަނީ

Oct 25, 2018
2

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ވީހާ ވެސް އަވަހަކަށް އަލުން ފެށޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އިދިކޮޅު ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލިސް މިހާރު ހުއްޓިފައި އޮންނާތީ ޖަލްސާތައް އަލުން ފެށުމާ މެދު، އިދިކޮޅު ޕީޖީ ގްރޫޕްގެ މެންބަރުން މިއަދު ވަނީ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާ އެކު މަޖިލީހުގެ އިދާރާގައި ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު، ޖޭޕީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ވީހާ ވެސް އަވަހަކަށް ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސަ ވިދާޅުވި ކަމަށެވެ. އެގޮތުން، އެ ޖަލްސާގެ އެޖެންޑާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ހިމެނޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ 41 މެންބަރަކު ސޮއިކޮށް މަޖިލީހަށް ހުށަހެޅި އެ ގަރާރުގައި ބުނެފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތްކޮށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ރާއްޖެ ބައިވެރިވެފައިވާ އދ ގެ މުއާހަދާތަކާއި ޝަރީއަތް ކުރުމުގެ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ވާތީ، ނަޝީދު މިނިވަން ކުރުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މަޖިލީހުގެ ނައިބު ރައީސްއާ ބައްދަލުކޮށް ޕާޓީތަކުން އެދުނީ އަވަހަށް މަޖިލިސް ފަށައި ދެއްވުމަށް. އެބޭފުޅާ ވިދާޅުވި ވީހާ އަވަހަކަށް ޖަލްސާއެއް ބާއްވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށް،" ރިޔާޒު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، 51 މެންބަރަކު ސޮއި ކުރައްވައި ވަނީ މަޖިލީހަށް ވައްދައިފަ އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، އަންނަ މަހުގެ އަށް ވަނަ ދުވަހަށް އެ މައްސަލަ ވަނީ މިހާރު ތާވަލް ވެސް ކޮށްފަ އެވެ. މަޖިލީިހުގެ ގަވާއިދު އޮންނަ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައިވާ މުއްދަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް އެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސަ ވިދާޅުވީ، މަޖިލިސްގެ ރައީސް މަސީހާ ވާހަކަ ދައްކަވައިގެން ވީހާ ވެސް އަވަހަކަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ބާއްވާނީ އޮންނަ އިޖުރާއަތްތަކުގެ ތެރެއިން ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދު ބުނާގޮތަށް މަޖިލިހުގެ ޖަލްސާތައް ބޭއްވުމަށް އިސްކަން ދެއްވާ ކަމަށް މޫސަ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއެކޭ ވެސް އެއްގޮތަށް މަޖިލީހުގެ ޖަލްސާއެއް ތާވަލް ކުރާ ނަމަ ދުރާލާ އެކަން މެންބަރުންނަށް އަންގަވާނެ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް އެންމެ މަދުވެގެން ތިން ޖަލްސާ ކޮންމެ ހަފްތާއަކު ވެސް ބޭއްވުމަށް މަޖިލީިހުގެ ނައިބު ރައީސް މޫސަ އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި މޫސަގެ އެއްބާރުލުމާ އެކު ވީ އެންމެ އަވަހަކަށް ޖަލްސާތައް ފަށަން އިދިކޮޅުން ބޭނުންވާ ކަމަށް ވެސް އިބޫ އިއްޔެ ވިދާާޅުވި އެވެ. އިބޫ ވިދާޅުވި ގޮތުގައި މަޖިލީހުގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ، އަބުރުގެ ގާނޫނު އުވާލުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމުގެ ގަރާރާ މެދު ވީހާވެސް އަވަަހަކަށް ގޮތެއް ނިންމުމެވެ. ދެން އެންމެ މުހިންމު ކަމަށްކަށް ވާނީ މަޖިލީހުުގެ ގަވާއިދަށް ގެނެސްފައި ހުރި ބަދަލުތައް މުރާޖައާކޮށް އެންމެންނަށް އެއްބަސްވެވޭ ފަދަ ޑިމޮކްރަޓިކް ބަދަލުތަކެއް މަޖިލީހުގެ ގަވާއިދަށް ގެނައުމެވެ.