މިޔަންމާގެ ރޯހިންގާ ނަސްލުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތައިލުމުގެ އަމަލުތައް އަދިވެސް ކުރިއަށް އެބަދާކަމަށް އދ. އިން ބުނެފިއެވެ.
ރޯހިންގާ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ތަހުގީގުކުރުމަށް އދ. އިން އެކުލަވައިލި ފެކްފައިންޑިން މިޝަންގެ ވެރިޔާ މަރުޒޫގީ ދަރުސްމާން ވިދާޅުވި ކަމަށް އަލް ޖަޒީރާ ބުނީ 250000 އާއި 400000 އާ ދެމެދުގެ އަދަދެއްގެ ރޯހިންގާ މީހުން އަދިވެސް މިޔަންމާގައި އެބަތިބި ކަމަށާއި އެމީހުންނާ މެދު އެމީހުން އަދިވެސް ގެންދަނީ އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް ތަހައްމަލުކުރަމުން ކަމަށެވެ.
މިޔަންމާގެ ހާލަތާ ބެހޭ ގޮތުން ހޯދިފައިވާ ހޯދުންތައް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުއްވުމުގެ ކުރިން ބުދަދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ދަރުސްމާން ވިދާޅުވީ މިޔަންމާގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ހަރަކާތަކީ މިހާރުވެސް ހިނގަހިނގާ އޮތް ހަރަކާތެއް ކަމަށެވެ.
މިޔަންމާގެ ހުޅަނގުގައިވާ ރާޚައިން ސްޓޭޓްގައި ރޯހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިދިޔަ އަހަރުން ފެށިގެން ހިންގި ޖަރީމާތަކާ ގުޅިގެން ބައިނަލް އަގުވާމީ ފިއްތުންތައް އެގައުމަށް ވަނީ އިތުރުވެފައެވެ. ރޯހިންގާ މީހުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގި ޖަރީމާތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންގެ އިތްފަތްފޭރުމާރު މެރުމާއި ގެދޮރު އެންދުން ހިމެނެއެވެ. އެޖަރީމާތަކުން ސަލާމަތްވާން 700000 މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.
އޭރު ހިންގި ޖަރީމާތަކާ ގުޅޭ ގޮތުން އދ. އިން އެކުލަވައިލި 440 ސޮފްހާގެ ރިޕޯޓް މިޔަންމާ ސަރުކާެރުން ވަނީ ބަލައިނުގެންފައެވެ. އެގައުމުން ބުނަމުން އަންނަނީ އެ ރިޕޯޓަކީ ސިޔާސީ ނުފޫޒުން ވަކި އަތަކަށް ބުރަވެގެން އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށެވެ.
ރިޕޯޓް ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން އެމަޖިލީހުގެ މެމްބަރުު 15 ގައުމުގެ ތެރެއިން ހަ ގައުމަކުން ވަނީ އެ ރިޕޯޓާ ދެކޮޅު ހަދާފައެވެ. އޭގެ ތެރޭގައި އަވަށްޓެރި ޗައިނާއާއި ޗައިނާއާއި މިޔަންމާއާ ވެސް ގާތް ގުޅުމެއް އޮންނަ ރަޝިޔާ ހިމެނެއެވެ.
މިޔަންމާގައި ރޯހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގި ޖަރީމާތައް ދަރުސްމާން ސިފަކޮށްފައި ވަނީ އިންސާނީ ބޮޑު މުސީބާތެއްގެ ގޮތުގައެވެ. އަދި އެކަމުގެ އަސަރު ރޯހިންގާ މީހުންނަށް އެތައް ޒަމާނެއް ވަންދެން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެޖަރީމާތަކާ ގުޅިގެން މިޔަންމާ ސަރުކާރު ޖަވާބުދާރީ ކުުރުވުމަށް އޭނާ ގޮވާލެއްވިއެވެ.