ދުނިޔެ

މިއަންމާގެ ހާލަތު: ނުހުއްޓުވައިފި ނަމަ، ގަތުލުއާންމަކާ ދިމާއަށް

މިއަންމާގައި އަސްކަރީ ބަޣާވާތާ ދެކޮޅުހެދުމަށް މަގުތަކަށް އެއްވާ އާންމުނާ ކުރިމަތިލުމަށް ސިފައިންނާއި ފުލުން ވަނީ އަސްލު ހަތިޔާރު ބޭނުންކުރަން ފަށާފަ އެވެ. ފެބްރުއަރީ އެކެއްގައި މަދަނީ ވެރިކަން ވައްޓާލުމަށް ފަހު ވެރިކަމުގައި ހުންނެވި އަން ސަން ސޫޗީއާ އިސް އޮފިޝަލުން ގެންގޮސް ހައްޔަރުކުރުމާ ގުޅިގެން މުޅި ގައުމު ވަނީ އުތުރިއަރާފަ އެވެ. ހާލަތު މިހާރު ބަދަލުވަމުން ދަނީ އަސްކަރީން ހީކުރި ގޮތާ ޚިލާފަށް ގަތުލުއާންމަކާ ދިމާއަށެވެ.

އިންޒާރަކާނުލައި ޕްރެޝަރު ބަޑިން ފެންޖެހުމަށް ފަހު އާންމުނާ ދިމާއަށް ސިފައިން ދުވެ ކަރުނަގޭސް ޖަހައި ސްޓަން ގްރެނޭޑް ބޭނުންކުރާ ކަމަށް ވެސް ހާލަތު ކަވަރުކުރާ މީހުން ބުނެ އެވެ. ސިފައިންގެ ހަމަލާގައި އިއްޔެ 39 މީހުން މަރުވެފައި ވާއިރު ހަމަނުޖެހުން އުފެދުނު ފަހުން 50 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ސިފައިންގެ ބާރުވެރިކަމަށް ޖެހިލުމެއް ނެތި މަގުތަކަށް ނިކުންނަ އާންމުން ވަނީ ގިނަ އެވެ. ރަބަރު ވަޒަނާއި އަސްލު ވަޒަނުން ދޭހަމަލާތަކުގައި އަނިޔާވާ މީހުން ސަލާމަތްކުރަން ދާ ސިއްހީ އޮފިޝަލުންނަށް ވެސް ފުލުން އަނިޔާކުރާ މަންޒަރުތައް ވަނީ ވިޑިއޯ ކެެމެރާއަށް އަަރާފަ އެވެ.

އަސްކަރިއްޔާއިން މަދަނީ ވެރިކަން ވައްޓާލީ މިދިއަ އަހަރު ނޮވެމްބަރު އަށެއްގައި އޮތް އިންތިހާބު އޮޅުވާލި ކަމަށް ބުނެ އެވެ. މިކަމާ އާންމުން ހަމައިން ނައްޓަން ފެށުމުން ސިފައި ބުނީ އާންމުން ކަންބޮޑުވުމުގެ ކުރިން އިންތިހާބެއް ބާއްވައި ކާމިޔާބުކުރާ ބަޔަކަށް ވެރިކަން ހަވާލުކުރާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ފެންނަނީ އަން ސަން ސޫޗީއަށް ދައުވާ އުފުލައި ކުށްވެރިކުރަން މަސައްކަތްކުރާ މަންޒަރެވެ.

މިއަންމާގެ ހާލަތު މިހާރު ބަދަލުވަމުންދާ ގޮތާ މެދު ދުނިޔެ އޮތީ ވަރަށް ކަންބޮޑުވެފަ އެވެ. އދ. އާ އީޔޫއިން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނި ނަމަވެސް، ސިފައިން އާންމުންނަށް ކުރާ އަނިޔާއަށް އަދި ހުއްޓުމެއް ނާދެ އެވެ. އދ އިން ބުނީ ކަމެއް ނުކުރެވިގެން އުޅެނީ ޗައިނާއާ ރަޝިއާއާ ހެދި ކަމަށެވެ. މިއަންމާއާ ދެކޮޅަށް ފިޔަވަޅެއް އަޅައިފި ނަމަ މި ދެގައުމުން ވީޓޯކުރުމަކީ ވެސް އޮތް ބިރެއް ކަމަށެވެ.