މިއަންމާ އަސްކަރިއްޔާއިން ހިންގާ ފޭސްބުކް ޕޭޖް ޑިލީޓް ކޮށްފި އެވެ. ފޭސްބުކުން ބުނީ އެ ސަފުހާ ނައްތާލީ އާޑައި މަންޒަރުން އަދި އެއްވެސް މާނައެއްގައި އަނިޔާވެރި ކަމަށް ހިތްވަރު ދިނުމަކީ ފޭސްބުކްގެ ސިޔާސަތަށް ނުވާތީ ކަމަށެވެ. މިއަންމާގައި އަސްކަރީ ސަރުކާރާ ދެކޮޅަށް މަގުތަކުގައި މަވާލާތް ކުރަމުންދާ އާންމުންނަށް ފުލުހުން ވަނީ އަސްލު އުންޑައިން ހަމަލާދީފަ އެވެ.
ފޭސްބުކުން "ޓަމަރޯ ޓްރޫ ނިއުސް އިންފޮމޭޝަން ޓީމް ޕޭޖް" ނަގަން ޖެހުނު ސަބަބު ކަމަށް ބުނެފައި ވަނީ މުޖުތަމައު ގަބޫލުކުރާ އާންމު އާދައާ ހިލާފު އަމަލުތައް ތަކުރާރުކޮށް ހިންގާފައި ވާތީ ކަމަށެވެ. އަނިޔާވެރި ކަމަށް ހިތްވަރުދީ އަދި އަނިޔާވެރިން ހިމާޔަތް ކުރަން މަސައްކަތްކުރާތީ ކަމަށެވެ.
ރޮއިޓާސްއިން ބުނީ މިއަންމާ މިލިޓަރީން އިސްވެ ހިންގާ "ޓްރޫ ނިއުސް" ސަފުހާ އާދީއްތަ ދުވަހުން ފެށިގެން ނުފެންނަ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވަން މިލިޓަރީ ސްޕޯކްސްޕާސަންއަށް ގުޅި ނަމަވެސް ފޯނު ނުނަންގަވާ ކަމަށެވެ.
އަން ސަން ސޫޗީގެ މަދަނީ ސަރުކާރު ވައްޓާލުމަށް ފަހު ވެރިކަމަށް ވެރިވެގަނެގެން ތިބި އަސްކަރީ ބާރުތަކަށް ދެކޮޅު ހެދުމަށް މީހުން އެއްވެ ބަސް ބުނަމުން އަންނަތާ ދެ ހަފުތާވެފައި ވެއެވެ. އެހެން ނަމަވެސް ކުރިއަށް ވުރެ ހަމަނުޖެހުން ބޮޑުވެ މިދިއަ ހޮނިހިރު ދުވަހު ފުލުން ވަނީ އާންމުންގެ ދެ މީހަކު މަރާލާފަ އެވެ.
ފޭސްބުކުން 2018 ގައި ވެސް ވަނީ މިއަންމާ އަސްކަރީ ވެރިންނާ ދެކޮޅަށް ހައިސިއްޔަތުގެ ބޭނުން ހިފާފަ އެވެ. އަސްކަރީ ވެރިންނަށް ސަޕޯޓްކޮށް ހިންގާ ޕޭޖްތައްކެއް ފޮހެލައި އަދި މިލިޓަރީ ޕްރޮމޯޓްކުރާ ޕެޖްތަޖެއް ވެސް ވަނީ ފޮހެލާފަ އެވެ.
މިއަންމާގައި މިދިއަ އަހަރު ނޮވެމްބަރުގައި އޮތް އާންމު އިންތިހާބާ ދިމާކޮށް ވެސް ފޭސްބުކުން ވަނީ 70 އަށް ވުރެ ގިނަ ޕޭޖް ފޮހެލާފަ އެވެ. އެއީ މިލިޓަރީ ޕްރޮމޯޓްކޮށް އަން ސަން ސޫޗީއަށް ފާޑުކިޔަން ހިންގާ ޕޭޖްތަކަށް ވާތީ އެވެ.