ދުނިޔެ

މިއަންމާގެ ލީޑަރު އޮން ސަން ސޫޗީ ހައްޔަރުކޮށްފި

މިއަންމާގައި ސަރުކާރާއި އަސްކަރިއްޔާއާ ދެމެދު އުދާސްބޮޑުވެ، އޮން ސަން ސޫޗިއާ ހައްޔަރުކޮށްފި އެވެ. އަދި ވެރިކަންކުރާ "ނެޝަނަލް ލީގް ފޮ ޑިމޮކްރަސީ" (އެންއެލްޑީ) ޕާޓީގެ އިސްވެރިން ވެސް ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. އަސްކަރިއްޔާއިން މިހާރު ވަނީ މިއަންމާގައި ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އަދި ވެރިކަމުގެ ހުރިހާ ބާރުތަކެއް މިހާރު ކޮންޓްރޯލްކުރަނީ އަސްކަރިއްޔާއިންނެވެ.

އަސްކަރިއްޔާއިން ހިންގާ ޓިވީއަށް މައުލޫމާތުދެމުން އަސްކަރިއްޔާއިން ބުނީ ސިޔާސީ ލީޑަރުން ހިފަހައްޓަންޖެހުނީ ވޯޓްއޮޅުވާޅުމާއި އިލެކްޝަންގައި މަކަރުހަދާފައިވާތީ ކަމަށެވެ. މިލިޓަރީން މިހެން ބުނެފަައި ވަނީ ނޮވެމްބަރު 2020 ގައި ބޭއްވި އާންމު އިތިޚާބުގައި އެންއެލްޑީއަށް ތަފާރު ބޮޑު ކުރިއެރުމެއްލިބިފައި ވަނިކޮށް ކަމަށް ސީއެންއެން ބުނެ އެވެ. ވެރިކަންކުރާ އެންއެލްޑީން ވަނީ ވޯޓުގެ 83 ޕަސެންޓް ކާމިޔާބުކޮށްފަ އެވެ. އަސްކަރިއްޔާއިން ބާރުވެރިވެ ހިންގާ "ޔޫނިއަން ސޮލިޑަރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީ" ން ހީކުރިވަރުގެ ތަނަވަސްކަމެއް އެމީހުންނަށް ލިބިފައެއް ނުވެ އެވެ.

އިލެކްޝަން ކޮމިޝަނާއަށް މިލިޓަރީން ގޮވާލާފައި ވަނީ ވޯޓުގެ ތަފުސީލް އާންމުކޮށް މަކަރުހަދާފައިނުވާކަން ސާބިތުކުރުމަށެވެ. އިލެކްޝަން ކޮމިޝަނާ ވިދާޅުވަނީ ވޯޓް ލިސްޓްގައި އެއްވެސް އޮޅުމެއް، ކުށެއް އަދި ނަން ތަކުރާރުވެފައި ވެސް ނުހުންނާނެ ކަމަށެވެ.

މިއަންމާގައި އިމަޖެންސީ އިއުލާންކޮށްފައި ވާއިރު ޓީވިއާ ރޭޑިއޯ އަދި އިންޓަނެޓްގެ ޚިދުމަަތަށް ވަނީ ބުރޫއަރާފަ އެވެ. ރޮއިޓާސްއިން ސީއެންއެންއަށް ބުނި ގޮތުގައި މޮބައިލް ފޯނު ފަދަ ޚިދުމަތްތަކަށް ބުރޫއަރާފައި ވާތީ މަޝްރަހު އޮތް ގޮތް ރިޕޯޓްކުރަން ވަނީ ދަތިވެފަ އެވެ.

މިއަންމާ މިހާލަަތަށް ވެއްޓުނީ އަސްކަރިއްޔާއިން އިންޒާރުދެންމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ކޯޓަށް ދާނެ ކަމަށާއި އެމީހުންގެ މަސްލަހަތާ ފުށުއަރާ ނަމަ ވެރިކަން ބަދަލުކުރަން ޖެހިދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.