މުހިންމު ބޮޑެތި ކަންތައްތަކެއް އެޖެންޑާކޮށް އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށާނެކަން މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު މިއަދު އިއުލާން ކުރައްވައިފި އެވެ.
އޭނާ މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވެވި ނޫސްކޮންފަރެންސްގައި ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ ހުރިހާ ބާރުވެރިކަމެއް ލިބިގެންވަނީ މަޖިލީހުގެ ރައީސަށް ކަމަށާއި މަޖިލީހުގެ ރައީސްގެ އިތުބާރުނެތް މައްސަލައެއް ހުށަހެޅުނު ނަމަވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި ހުރިހާ ޕާޓީތަކުން ވެސް އެދެމުން ދަނީ މަޖިލީހުގެ ޖަލްސާތައް ވީހާ ވެސް އަވަހަކަށް ފަށައި މަޖިލީހުގެ ގާނޫނީ މަސައްކަތްތައް ކުރުމަށް ކަމަށެވެ.
"ރައްޔިތުން މަޖިލީހުގެ މެންބަރުންވެސް އެދެމުންދަނީ، ހުރިހާ ޕާޓީއަކުންވެސް އެދެމުންދަނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް
ގެންދިއުމަށް. އިއްޔެގަ މައްސަލަ ހުށަހެޅުމާއެކީގައި މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައި އަޅުގަނޑު ދެންނެވިން މަޖިލީހުގެ ރައީސްގެ އިޒުނަ އޮތް ކަމަށްވާނަމަ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގައި އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތޭ،" މޫސަ ވިދާޅުވި އެވެ. "މިއަހަރަކީ ރިޔާސީ އިންތިހާބު ބޭއްވި އަދި އިންތިހާބު ވެފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކަށް ވަރަށްގިނަ ކަންކަން އެމަނިކުފާނަށްވެސް ދަތިފުޅުނުވާ ގޮތުން ރައްޔިތުން މަޖިލީހުން ކޮށްދޭންޖެހޭ. އޭގެ ތެރޭގައި ބަޖެޓްގެ މަސައްކަތާއި އަދިވެސް އެހެންވެސް ކަންކަމަށް ގާނޫނުތަކާއި އަދި ވަރަށްގިނަ ކަންކަން ހުންނާނެ. މަޖިލީހުގެ ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން އެބަ އެދިލައްވާ ޖަލްސާތައް ކުރިއަށް ގެންދިއުމަށް، އެގޮތުން މަޖިލީހުގެ ރައީސަށް ދަންނަވައިގެން މަޖިލީހުގެ ރައީސްގެ އިޒުނައާއެކީ މިއަންނަ އާދިއްތަ ދުވަހު އަޅުގަނޑު މި އުޅެނީ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން،"
މޫސަ ވިދާޅުވީ، މެންބަރުން އެދުނީ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާއެއް ނުބާއްވައި ގިނަ ދުވަސްތަކެއް ވެފައިވާތީ ޖަލްސާ ބޭއްވުން އަވަސްކުރީ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް މިހާރުވެސް އެޖެންޑާއަށް މައްސަލަތަކެއް އެބަހުރި ލިބިފައި. އޭގެ ތެރޭގައި އެންމެ ފުރަތަމަ މަޖިލީހަށް ވަދެފައި މިއޮތީ އިއްޔެގެ ވަގުތެއްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ހުށަހަޅުއްވާފައިވާ ގަރާރެއް. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބެހޭގޮތުން އޮތް ގަރާރެއް، އަދި އަބުރުގެ ގާނޫނު އުވާލުމަށް ދާދި ދެންމެއަކު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ހުށަހަޅުއްވާފައިވޭ. އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ހުށަހަޅުއްވާފައި އެބަވޭ އެންޓި ޑިފެކްޝަން ބިލް އުވާލަން. އެއާއެކު އަޅުގަނޑު ރިޔާސަތުން ހުށަހަޅާ ބިލެއްގެ ގޮތުގައި އެބަ ހުށަހަޅަން ނޮވެމްބަރު 11 ވަނަ ދުވަހުގައި އިންތިހާބީ ރައީސް ހުވާ ކުރެއްވުމާ ބެހޭ ގޮތުން،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، މީގެ ކުރިން މަޖިލީހުގެ ޖަލްސާ ބޭއްވުމުގެ ބާރު އޭނާއަށް ލިބިގެންނުވާ ކަމަށާއި ނަމަވެސް މަޖިލިސް ރައީސްގެ އިތުބާރު ނެތުމުގެ މައްސަލަ ވެއްދުމާއެކު މަޖިލީހުގެ ޖަލްސާތައް އެޖެންޑާ ކުރުމުގެ ބާރު ނައިބް ރައީސްއަށް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މަޖިލީހުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާނީ އޭނާ ކަމަށާއި ހުރިހާ މެންބަރުންވެސް ޖަލްސާއަށް ވަޑައިގަތުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.