އެންޓިޑިފެކްޝަން ގާނޫނު މުޅިން އުވާލުމަކީ ރައްޔިތުންގެ މަޖިލީހުގެ ޓްރާންސްފާ މާކެޓެއް ހުޅުވާލުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
އެންޓިޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެބޭފުޅުން އިންތިހާބު ވާއިރު ތިއްބަވާ ޕާޓީ ދޫކުރައްވައި ވަޑައިގެންފި ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް އޮންނަ ގާނޫނެކެވެ. އެގާނޫނު ފާސްކުރީ މިހާރުގެ ސަރުކާރުން ހުށަހަޅައިގެން މިއަހަރު ކުރީކޮޅު ފާސްކުރި ގާނޫނެކެވެ.
އެންޓިޑިފެކްޝަން ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޚަބަރު ޝެއާ ކުރައްވަމުން ސޯޝަލް މީޑިއާ ފޭސްބުކްގައި ފާއިޒް ވިދާޅުވެފައި ވަނީ އެ ގާނޫނު އެއްކޮށް އުވާލުމަކީ ނުހައްގު މުއްސަނދިކަމަށް ޖާގަދިނުން ކަމަށެވެ.
"އެންޓިޑިފެކްޝަން ގާނޫނުގައި ހުރި ގާނޫނު އަސާސީއާ ހިލާފު މާއްދާތައް އުވާލިކަމުގައި ވިޔަސް އެގާނޫނު އެއްކޮށް އުވާލުމަކީ އެމްޕީސްގެ ޓްރާންސްފާ މާކެޓެއް ހުޅުވާލުމެވެ. ނުހައްްގު މުއްސަނދިކަމަށް ޖާގަދިނުމެވެ،" ފާއިޒް ލިއުއްވާފައި ވެއެވެ.
އެންޓިޑިފެކްޝަން ގާނޫނު އުވާލަން އިއްޔެގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީޕީއެމްގައި ހުންނެވި ނަމަވެސް އެޕާޓީއާ ގުޅުން ގޯސްވެފައިވާ، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.
ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ ވޯޓާއެކު ފާސްކުރި އެ ބިލަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ރިޔާޒު ވޯޓެއް ވެސް ނުދެއްވަ އެވެ.
ރިޔާޒު މިއަދު އަވަސްއަށް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ހުށަހެޅީ އެއީ ގާނޫނު އަސާސީއާ ތައާރަޒްވާ ގާނޫނެއް ކަމަށްވާތީ ކަމަށެވެ. އެ ގާނޫނުގެ ސަބަބުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއިން މެންބަރުންނަށް ލިބޭ އިމްތިޔާޒުތަކާއި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ރިޔާޒު ހުށަހެޅުއްވިިއިރު، އިއްޔެ ޕީޕީއެމްއަށް ނިސްބަތްވާ 13 މެންބަރަކު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލުމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ރިޔާޒު ވެސް ހިމެނެ އެވެ.
އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮށްފައިވަނީ ގާނޫނެއް ފާސްކުރަންޖެހޭ އަދަދަށް މެންބަރުން މަޖިލީހުގެ ތަޅުމުގައި ނެތީހެވެ. އެކަމާ ގުޅިގެން އިދިކޮޅުން ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެއީ ޒަރޫރީ ހާލަތެއްގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށާއި އެހެންވެ ގާނޫނު ބާތިލްކުރަން ނުޖެހޭ ކަމަށެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެ ގާނޫނު އުވާލައްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެސް ވިދާޅުވެފައިވެ އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން މިހާތަނަށް ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުގެ އެވެ. ނަމަވެސް މިހާރު އިލެކްޝަން ކޮމިޝަނުން ވަނީ އެކަން އަލުން ރިވިއުކޮށް އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފަ އެވެ.
އެންޓި ޑިފެކްޝަންގެ އުސޫލު އެންމެ ފުރަތަމަ ވުޖޫދުކުރީ ބަންޑާރަ ނައިބު އެދިގެން ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތްކޮށް ޖުމްލަ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލި އެވެ. ނަމަވެސް އޭގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަނެއް އަށް މެންބަރުންގެ މައްސަލަ ދަނީ ކުރިއަށެވެ.