ހަބަރު

ބްރިޖްގެ އެއްވެސް ބައެއް ބަންދުކުރަން ހުއްދައެއް ނުދެން: މުއިއްޒު

ސިނަމާލެ ބްރިޖްގެ އެއްވެސް ލޭން އެއް ބަންދު ކުރުމަށް އެއްވެސް ފަރާތަކަށް ހުއްދައެއް ދީފައި ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިގޮތަށް ވިދާޅުވީ، ބްރިޖް އެޅުމަށްޓަކައި ހެދި ވަގުތީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތަށް ބްރިޖްގެ ވާތު ފަޅި ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް ބްރިޖް ބިނާކުރި ސީސީސީސީ ސެކަންޑް ހާބާ ކޮންސްޓްރަކްޝަން ކޮމްޕެނީ އިން
ބުނުމާއި ގުޅިގެންނެވެ.

"ބްރިޖްގެ އެއްވެސް ލޭން އެއް ބަންދު ކުރާކަށް ހުއްދަ އެއް ނުދެން،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ސީސީސީސީގެ ސްޕޯކްސްޕާސަން ވަންގް ޝާއޯ ދެއްވި ޕްރެސް ބްރީފިންއެއްގައި ވިދާޅުވީ، ވަގުތީ ޕްލެޓްފޯމްގެ ބޮޑު ބައެއް މިހާރު ނަގާފައިވާ ކަމަށެވެ. އެހެން ނަމަވެސް މައި ބްރިޖްގެ ފަސް ވަނަ ތަނބާއި ނުވަ ވަނަ ތަނބާއި ދެމެދުގައި ހުރި ދަނގަޑު ޕައިލްތަކެއް އަދިވެސް ހުރީ ނުނެގި ކަމަށާއި އެ މަސައްކަތް ކުރެވޭނީ މާލެއިން ބްރިޖަށް ވަންނަ ފަޅި ބޭނުންކޮށްގެން ކަމަށް ވާތީ ބްރިޖްގެ އެ ފަޅި ބަންދުކޮށްދިނުމަށް މިހާރު ސަރުކާރުގައި އެދިފައިވާ ކަމަށް ޝާއޯ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ޖުމްލަ 60 ދަނގަޑު ހޮޅި ޕައިލް އެބަހުރި، މައި ބްރިޖްގެ ފަސް ވަނަ ތަނބާއި ނުވަ ވަނަ ތަނބާއި ދެމެދުގަ، ނަގަންޖެހޭ.. އެ ޕައިލްތައް ނެގުމަށް ބްރިޖްގެ ވާތު ފަޅީގެ ލޭނުތައް ބޭނުންކުރަންޖެހޭ. ލޭން ބަންދުކުރުމުގެ ހުއްދަ އަށް އެދިގެން މިތިބީ އިންތިޒާރުގައި،" ޝާއޯ ވިދާޅުވި އެވެ.

ޝާއޯ ވިދާޅުވި ގޮތުގައި ވަގުތީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތަށް ދުވަސްތަކެއް ނަގާފާނެ އެވެ. ސަބަބަކީ ވަގުތީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތްކުރަނީ ފްލޯޓިން ކެރޭންތަކާއި ބާޖު ބޭނުންކޮށްގެން ކަމަށް ވާތީ ޕައިލްތައް ނެގުމުގެ ކުރިން ކަނޑުގެ އޮއި ހުންނަ ގޮތާއި، އެނޫންވެސް މޫދުގެ ހާލަތާ ގުޅޭގޮތުން ގިނަ ގޮތްގޮތަށް ވިސްނަންޖެހެ އެވެ. ސަބަބަކީ އަދި ނުނެގި ހުރި ބައެއް ހޮޅިތަކަކީ ފުޅާ މިނުގައި 3.6 މީޓަރު ހުންނަ އިރު، ދިގުމިނުގައި 50 މީޓަރު، އަދި ބަރުމިނުގައި 200 ޓަނު ހުންނަ ހޮޅި ތަކަކަށް ވާތީ އެތަކެތި ނެގުމަކީ ވަގުތު ނަގާ އުނދަގޫ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ދެ މަސްކުރިން އާންމު ދަތުރުފަތުރަށް ބްރިޖް ހުޅުވާލާފައިވާއިރު، ބްރިޖް އެޅުމުގެ މަސައްކަތަށް މާލެއާ ހުޅުމާލެއާ ދެމެދު އެޅި ދަނގަޑު ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ސީސީސީސީ އިން ދަނީ ކުރަމުންނެވެ. އެހެންނަމަވެސް އެ ޕްލެޓްފޯމްގެ ބައެއް އަދިވެސް ހުރީ ނުނެގި އެވެ. ބްރިޖްގެ ވަގުތީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށްދާއިރު، ކުރިއަށް 2020 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް ބްރިޖްގެ މެއިންޓެނެންސް މަސައްކަތްތައް
ސީސީސީސީ އިން ބަލަހައްޓާނެ އެވެ.