އިންޑޮނީޝިއާގެ ސުރަބާާޔާ އިން ސިންގަޕޫރަށް ދަތުރުކުރި އެއާއޭޝިއާގެ މަތިންދާބޯޓެއް ގެއްލިގެން ހޯދަަން ފަށައިފި އެވެ.
އިންޑޮނީޝިއާގެ މީޑިއާ އިން ބުނެފައި ވަނީ މި ބޯޓުގައި 162 މީހަކު ދަތުރުކުރި ކަމަށެވެ. އޮފިޝަލުން ވިދާޅުވެފައި ވަނީ ބޯޓުގައި 155 ފަސިންޖަރުން ތިބި ކަމަށެވެ. ބޯޓު ގެއްލުުނު އިރު އޭގައި ތިބި ފަސިންޖަރުންނަކީ 138 މީހުންނާއި 16 ކުޑަކުދިންނާއި ތުއްތު ކުއްޖެކެވެ. އެއީ އިންޑޮނީޝިއާ 149 މީހަކާއި ކޮރެއާ ތިން މީހަކާއި ސިންގަޕޫރު، އިނގިރޭސި ވިލާތް އަދި މެލޭޝިއާ އިން ކުރެ ކޮންމެ ގައުމަކުން މީހެކެވެ.
އޮފިޝަލުން ވިދާޅުވެފައި ވަނީ QZ8501 ފްލައިޓާ ގުުޅުން ކެނޑިފައި ވަނީ އިންޑޮނީޝިއާ ގަޑިން މިއަދު ހެނދުނު 7:00 ގެ ފަހުން ކަމަށެވެ. އަދި ގުޅުން ކެނޑުމުގެ ކުރިން ފްލައިޓުން ވަނީ އާންމުކޮށް ދަތުރު ނުކުރާ ރޫޓެއް ހިޔާރު ކުރުމަށް އެއާޓްރެފިކް ކޮންޓްރޯލާ ވާހަކަ ދައްކާފައި ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ އިން ބުނެ އެވެ.
އެއާއޭޝިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޯޓާ ގުޅުން ކެނޑިފައި ވަނީ އިންޑޮނީޝިއާ ގަޑިން ހެނދުނު 7:24 ގައި ކަމަށެވެ. ގެއްލުނު ބޯޓަކީ އެއާބަސް A320-200 ގެ ބޯޓެކެވެ. މީގެ ބޯޓެއްގައި 246 ފަސިންޖަރުން އުފުލޭނެ ކަމަށް އެއާލައިނުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
"ބޯޓުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިންނާ ބެހޭ ގޮތުން މިވަގުތު ދެވޭނެ މައުލޫމާތެއް ނެތްކަން ހިތާމަޔާ އެކު ދަންނަވަމެވެ. ނަމަވެސް މައުލޫމާތު ލިބެމުން ދިޔަ ވަރަކަށް، އެ މައުލޫމާތެއް ހިއްސާކުރަންޖެހޭ ފަރާތަކާ ހިއްސާކުރަމުން ގެންދާނަމެވެ." އެއާލައިންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓާ ގުޅުން ކެނޑުނު އިރު ދަތުރުކުރަމުން ދިޔައީ ޖާވާ ކަނޑާ ދިމާލު މަތިންނެވެ.
މިއީ މިއަދު ހެނދުނު ސިންގަޕޫރު ގަޑިން 8:30 ގައި އެ ގައުމަށް ޖައްސަން ހަމަޖެހިފައިވާ ބޯޓެކެވެ. އެއާއޭޝިއާގެ ބަޔާނުގައި ބުނެފައި ވަނީ ބޯޓު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަމުގައި ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް އެހީތެރިކަމާއި އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. ބޯޓު ހޯދުމުގެ މަސައްކަތް އިންޑޮނީޝިއާ އާއި ސިންގަޕޫރުން ވެސް މިހާރު ވަނީ ފަށައިފަ އެެވެ.
މަޝްހޫރު ބަޖެޓް އެއާލައިނެއް ކަމަށްވާ އެއާއޭޝިއާ އަކީ މެލޭޝިއާގެ ކުންފުންޏެކެވެ. މީގެ ކުރިން މި އަަހަރު ވަނީ މެލޭޝިއާ އެއާލައިންސްގެ ބޯޓެއް ވެސް ގެއްލިފަ އެވެ.