ދުނިޔެ

ޗައިނާގައި ސްކޫލް ދަރިވަރުންތަކަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

ޗައިނާގެ މެދުތެރޭ ޝަހަރެއް ކަަމަށްވާ ޗޮންގިންގެ ސްކޫލެއްގެ ބޭރުގައި އަންހެނަކު ވަޅިން ދިން ހަމަލާތަކެއްގައި 14 އަށް ވުރެ ގިނަ ކުޑަކުދިން ޒަހަމްކޮށްލައިފިއެވެ.

ޗައިނާ ފުލުހުންނާ ހަވާލާދީ ސީއެންއެން ބުނީ ޗޮންގިންގެ ކިންޑަގާޓުން ސްކޫލެއްގެ ދަރިވަރުންނަށް ވަޅިން ހަމަލާދިނީ އަންހެނެއް ކަމަށާއި އެ ހާދިސާ ހިނގީ ހުކުރު ދުވަހު ހެނދުނު ކަސްރަތު ގަޑި ނިންމާފައި ކުދިން ސްކޫލަށް ވަންނަން ދިޔަ ވަގުތު ކަމަށެވެ. ލެއިންް ތަތްތެޅިފައިވާ ކުޑަކުދިންނާއި ބިރުން ތިބި ބޮޑެތި މީހުން ފެންނަ، އެ ހާދިސާގެ މަންޒަރު ދައްކައިދޭ ވީޑިއޯތައް ޗައިނާގެ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ކުދިންނަށް ވަޅިން ހަމަލާދިން މީހާ ހިފެހެއްޓީ ސްކޫލްގެ ގާޑުންނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ހާދިސާ ހިނގި އިރު އެ ސަރަހައްދުގައި ތިބި އާއްމުން ރުޅި އައިސްގެން، ހަމަލާދިން މީހާއަށް އަނިޔާކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

ހާދިސާ ހިނގި ސްކޫލުގެ ކައިރީގައި ދިރިއުޅޭ މީހުން މީޑިއާއަށް މައުލޫމާތުދީފައިވާ ގޮތުގައި އެ ސްކޫލުގަައި ކުދިން ކަސްރަތުކޮށް ކުޅެ ހަދާނެ ޖާގައެެއް ނޯވެއެވެ. އެހެންވެ އެ ސްކޫލުގެ ކުދިން ކަަސްރަތު ކުރަން ގެންދަނީ ކައިރީގައިވާ ޕާކަކަށް ކަމަށް ވެސް އެމީހުން ބުނެފައި ވެއެވެ.