ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލާގައި ދެން އިތުރަށް ވާހަކަ ނުދެއްކެވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއަށް ގޮވާލެއްވުމާއެކު އޭނާ ރައްދު ދެއްވައިފި އެވެ.
ހަސަން ލަތީފް އެހެން ގޮވާލެއްވީ، އިއްޔެ ދުންޔާ "އަވަސް ހުކުރު"އަށް ދިން ހާއްސަ އިންޓަވިއުގައި ރައީސް ނަޝީދާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަކާ ގުޅިގެންނެވެ.
ދުންޔާ އިއްޔެ ވިދާޅުވީ، ރައީސް ނަޝީދު މިނިވަންވުމަށް ވަރަށް ބޮޑަށް އެދޭ ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހޭނީ ރާއްޖޭގެ ނިޒާމްގެ ތެރެއިން ކަމަށެވެ. ބައިނައަގްވާމީ ޖަމިއްޔާއަކުން ރައީސް ނަޝީދަކީ މިނިވަނެއްގެ ގޮތުގައި ކަނޑައެޅުމުން އެމަނިކުފާނު މިނިވަނެއް ނުވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދާ ގުޅޭ ގޮތުން ދުންޔާއަށް ވަނީ މާގިނަ ފަހަރަށް މާގިނަ ގޮތްގޮތަށް މާގިނަ ވާހަކަ ދެކެވިފަ ކަމަށެވެ. އިހްލާސްތެރިކަމާއެކު އެދެނީ ރައީސް ނަޝީދުއާ ގުޅޭ ވާހަކަ ދުންޔާ ދެން އިތުރަށް ނުދެއްކެވުމަށް ކަމަށް ހަސަން ވިދާޅުވި އެވެ.
ހަސަންއަށް ރައްދު ދެއްވުމުގެ ގޮތުން ދުންޔާ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެހެން ދިވެހި ރައްޔިތުންނެކޭ އެއްފަދައިން އެއް މިންވަރަކަށް އޭނާގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހައްގު އޭނާއަށް ވެސް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އާނ، އަހަރެން އެ މައްސަލާގައި ވާހަކަ ދައްކައިފިން، އެއީ އަހަރެންގެ ހިޔާލު، މުއައްސަސާތަކާއި އިދާރާތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަންޖެހޭ، އިސްލާހުކުރަން ޖެހޭ ހާއްސަކޮށް ޝަރުއީ ނިޒާމް،" ދުންޔާ، ހަސަންއަށް ޖަވާބު ދެއްވުމަށް ވިދާޅުވި އެވެ.
"އަވަސް"އަށް ދެއްވި އިންޓަވިއުގައި ދުންޔާ ވަނީ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަކީ އެކަށީގެންނުވާ ދައުވާއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ މައްޗަށް ހިންގި ޝަރީއަތަކީ އެކަށީގެންވާ ފުރުސަތުތައް ނުދީ ހިންގާފައިވާ ޝަރީއަތެއް ކަމަށް ވެސް ދުންޔާ ފާހަގަކުރައްވާފައިވެ އެވެ.
ނަމަވެސް ދުންޔާ، ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ކުރިއަށް ދިޔަ އެ ޝަރިއަތާއި ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލުގެ ހުކުމްގެ ދިފާއުގައި ދުންޔާ ބައިނަލްއަގްވާމީ މައިދާނުގައި ވަކާލާތު ކުރައްވާފައިވެ އެވެ. އޭނާ އިއްޔެ ވިދާޅުވި ގޮތުގައި އެއީ ވަޒީފާގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހުންނަވައިގެން ސަރުކާރުގެ އަމަލުތަކާ ދެކޮޅަށް ވާހަކަ ނުދެއްކޭނެކަން ފާހަގަކުރެއްވި އެވެ. ނަމަވެސް މިހާރު އޭނާ ހުންނެވީ އެއްވެސް މަގާމެއްގައި ނޫން ކަމުން އެ ވާހަކަތައް ދައްކަވަނީ ކަމަށް ވިދާޅުވި އެވެ.
ދުންޔާ ވަނީ މިފަހުން ރައީސް ނަޝީދާ ބައްދަލު ވެސް ކުރައްވާފަ އެވެ. އަދި މާޒީ ހަނދާން ނައްތާލައި އެކުގައި ކުރިއަށް ދިޔުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެ އެވެ.
ރައީސް ނަޝީދު އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ. އެކަމަށްޓަކައި ކުރަންޖެހޭ ސިޔާސީ މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައީސް ނަޝީދު މިނިވަން ކުރެވޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އެ ހުކުމް ރިވިއު ކުރުމުގެ ފުރުސަތު އޮތީ އެ ކޯޓަށް އެކަންޏެވެ.
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވެސް ވަނީ ސުޕްރީމް ކޯޓަށް ރައީސް ނަޝީދުގެ މައްސަލަ ހުށަހަޅައި ނިޒާމްގެ ތެރެއިން އަމަލު ކުރެއްވުމަށް ގޮވާލައްވާފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި 49 މެންބަރުން ސޮއި ކުރައްވާ މަޖިލީހަށް ގަރާރެއް ވެސް ވަނީ ހުށަހަޅާފަ އެވެ.