ހަބަރު

ވާދަވެރި ސިޔާސީ ޕާޓީއަކަށްވީ ޔާމީންގެ ގުރުބާނީން: ޕީޕީއެމް

ޕީޕީއެމް ވާދަވެރި ވަރުގަދަ ސިޔާސީ ޕާޓީއަކަށްވީ އެޕާޓީގެ މުސްތަޝާރު ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވެވަޑައިގެންނެވި ގުރުބާނީގެ ސަބަބުން ކަމަށް އެޕާޓީއިން ބުނެފި އެވެ.

އިއްޔެ އަކީ ޕީޕީއެމަށް ހަތް އަހަރު ފުރުނު ދުވަހެވެ. އެޕާޓީ އުފައްދާފައިވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

ޕީޕީއެމްގެ ހަތްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އުފެއްދީ އިސްލާމްދީނާއި ގައުމިއްޔަތާއި ދިވެހި ގައުމުގެ އަމިއްލަ ވަންތައްކަން ދެމެހެއްޓުމަށްޓަކައި ކަމަށެވެ. އަދި ޕީޕީއެމުން ރާއްޖޭގެ ރައްޔިތުންގެ ހިދުމަތަށް ނުކުތީ އެ އަސާސްތައްމަތީ އޮވެގެން ކަމަށްވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ޕީޕީއެމް އިން ކުރިމަތިލި ގިނަ ބައި އިލެކްޝަންތަކާއި ރާއްޖޭގެ އެންމެ ހަގު ޕާޓީއަކަށްއޮވެ ކުރިމަތިލި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައިވެސް ނުދެކޭފަދަ ކާމިޔާބު ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރަމުން ގެންދާ ސިޔާސީ ޕާޓީ އަކީ އެޕާޓީ ކަމަށްވެސް ބަޔާނުގައިި ވެއެވެ.

"ނަތީޖާއެއްގެ ގޮތުން އެންމެ ކާމިޔާބު އަދި އެންމެ ހިދުމަތްތެރި ސިޔާސީ ޕާޓީގެ ގޮތުގައި ރަން އަކުރުން ޕީޕީއެމްގެ ނަން ރާއްޖޭގެ ތާރީހުގައި ލިޔެވިގެން މިދަނީ މިސަބަބާއިހުރެ، ކުރިމަތިވި ގިނަގުނަ ގޮންޖެހުންތަކާއެކު ސާބިތުކަންމަތީއޮވެ، ވާދަވެރި ވަރުގަދަ ސިޔާސީ ޕާޓީއަކަށް ޕީޕީއެމް ވެގެންދިޔައީ އިސްވެ ދެންނެވުނު އަސާސްތައް ދިފާއުކުރުންމަތީ ދެމިހުންނަވައިގެން ރައީސް އަބުދުﷲ ޔާމީން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ސަބަބުންކަން ޔަގީން،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ޕީޕީއެމަށް ނިސްބަތްވާ ސަރުކާރެއްގައި އެންމެ އުޖާލާ ފަހި ދުވަސްތަކެއް ގެނެސްދެއްވައި ހަރުދަނާ ސިޔާސަތަކާއެކު އޮތް ޕާޓީއަކީ ޕީޕީއެމްކަން ރާއްޖޭގެ ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ. އަދި ޕީޕީއެމް އިން ހާސިލްކުރި ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ އެޕާޓީގެ މެންބަރުންނާއި ހެޔޮއެދޭފަރާތްތައް ކަމަށްވެސް ބަޔާނުގައި ވެއެވެ.