ވޭތުވެދިޔަ ދުވަސްތަކުގައި ރައްޔިތުން މަޖިލީހުގެ ބާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި މަޖިލީހުގެ ކަންކަން ކުރިޔަށް ދިޔަ ގޮތުން ގިނަ ފާޑު ކިޔުންތައް ރިޔާސަަތަށާއި މެންބަރުންނަށް ކުރިމަތިވެފައިވާ ކަމަށެވެ. ހާއްސަކޮށް ދައުލަތުގެ އެހެން ބާރެއް ކަމަށްވާ ފަނޑިޔާރު ގެއިން މަޖިލީހުގެ ބައެއް ނިންމުންތައް ބާތިލު ކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް ދިމާވެ، އެކަންތައް ވަރަށް ބޮޑުވެފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، ފަހަކަށް އައިސް ސަރުކާރުންނާއި ބައެއް މަޖިލީސް މެންބަރުންނަށް ވެސް އެންމެ އުފަލާއެކު ކަންކަން ކުރިޔަށް ގެންދެވެނީ ފަނޑިޔާރު ގެއަކުން ކަމެއް ނިންމާލުމުން ކަމަށާއި ނަމަވެސް މަޖިލީހުން ނިންމާ ނިންމުންތައް އެ ނިންމާ ގޮތަށް ކުރިޔަށް ގެންދެވެން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މިތަނުން ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން ފަނޑިޔާރުން ވެސް ކަންކަން ނިންމުމުގައި ގެންގުޅުއްވާނެ އުސޫލެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ މިއަދުގެ އުއްތަމަ ފަނޑިޔާރު ވަރަށް ވަރަށް އިހުލާސްތެރިކަމާއެކީގައި ދައުތަލުގެ ކަންކަން ހަމަމަގަށް އެޅުވުމަށް ކުރައްވާ މަސައްކަތުގެ ތެރޭގައި އަދުލު އިންސާފު ފުރިހަމަ ވެގެން ދިޔުން،" މޫސަ ވިދާޅުވި އެވެ. "އެހެންވީމަ ކުރިޔަށް އޮތް ތަނުގައި ވެސް އަޅުގަނޑު ހުރިހާ މެންބަރުންނަށް ދަންނަވާލަން ފަނޑިިޔާރުގެތަކުންނާއި އެހެންވެސް ތަންތަނުން ނިންމާ ނިންމުތަކުގައި އަޅުގަނޑުމެން [މަޖިލީހުން] ނިންމާ ނިންމުތަކާ އެއްގޮތަށް ކަންކަން ކުރިޔަށް ގެންދަން އެދޭ ވާހަކަ،" މޫސަ ވިދާޅުވި އެވެ.
މަޖިލީހުގެ ބާރު ކުޑަވެފައި އޮތް އޮތުމަށް ހައްލެއް ގެނެވޭނީ މަޖިލީހުގެ ތެރޭގައި ބިނާ ކުރެނިވި މަސައްކަތްތަކެއްކޮށްގެން ކަމަށް މޫސަ ވިދާޅުވި އެވެ. ގާނޫން އަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ ބާރު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ތަމްސީލު ކުރެވޭނެ ހަމައެކަނި ތަނަކީ ވެސް މި މަޖިލީސް ކަމަށް ވެސް މޫސަ ފާހަގަ ކުރެއްވި އެވެ.
މިއަދު ބޭއްވި ބަހުސްގައި ވެސް ބައެއް މެންބަރުން ވަނީ ހުވާ ކުރަން ބާއްވާ މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަސް ވެސް ކަނޑައަޅަން ސުޕްރީމް ކޯޓަށް ދާން އެދިފަ އެވެ. ނަމަވެސް މޫސަ ވަނީ އެކަމާ ދެކޮޅު ހައްދަވާ ވާހަކަ ދައްކަވައިފަ އެވެ. މޫސަ ވިދާޅުވީ މަޖިލީހުގެ ބާރު ކުޑަވެގެން ދަނީ އެފަދަ ގޮތަކަށް މެންބަރުންގެ ވިސްނުން ގެންގުޅުއްވާތީ ކަމަށެވެ. މަޖިލީހަކީ ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަަމިއްލައަށް އަދާ ކުރެވޭ ތަނަކަށް ވާނެ ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ.