ސުޕްރީމް ކޯޓް

ނަޝީދު، އިމްރާން، ނާޒިމްގެ ހުކުމް ސުޕްރީމް ކޯޓުން ރިވިއު ކުރަން ނިންމައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ޖަލު ހުކުމުން ރިވިއުކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް އެ ކޯޓުން ބަލައިގަންނަން ނިންމައިފި އެވެ.

ނަޝީދުގެ މައްސަލަ ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޖީ އޮފީހުގެ ފަރާތުން އެވެ. އަދި އިމްރާން އާއި ނާޒިމްގެ މައްްސަލަ ހުށަހެޅުއްވީ، އަމިއްލަ ގޮތުން އެވެ. ސުޕްރީމް ކޯޓުން ބުނީ އެބޭފުޅުންގެ ހުކުމްތައް ރިވިއުކޮށް ދިނުމަށް އެދިފައިވާތީ، އެ މައްސަލަތައް ހުށަހެޅުމުގެ ހުއްދަ ދޭން އެ ކޯޓްގެ ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައިވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލީ، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލަ ސާބިތުވެ، ޓެރަރިޒަމްގެ ކުށުގަ އެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލީ 2015 ވަނަ އަހަރުގެ މޭޑޭގައި ބޭއްވި ބޮޑު އެއްވުމުގައި، ހަމަނުޖެހުމަށް ހިތްވަރުދީ ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެވެ. އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ ހިޔާނާތުގެ މައްސަލައެއް ސާބިތުވެގެން އެވެ.

އެ ހުކުމްތަކަށް ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ވަނީ ތާއީދުކޮށްފަ އެވެ. އަދި އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު މައްސަލަ ބޮޑުވި އަމުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކާނަލް ނާޒިމް އަދި ޝޭހް އިމްރާން މިނިވަންކޮށް އެ މައްސަލަތަކުގެ ޝަރީއަތް އަލުން ހިންގުމަށް އޮތް ނަމަވެސް، އެ ހުކުމްގެ އެ ބައި ފަހުން ވަނީ ސުޕްރީމް ކޯޓްގެ އާ ބެންޗުން ބާތިލްކޮށްފަ އެވެ.