މޫސުން

ފެން ހިންދާ ނިޒާމު ފެއިލްވެ މާލޭގައި ފެންބޮޑުވެއްޖެ

Oct 30, 2018
8

ފެން ހިންދަން މާލޭގައި ގާއިމްކޮށްފައިވާ ނިޒާމު ފެއިލްވެ މާލޭގެ ބޮޑެތި ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ އާންމުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރޭ ފަތިހުން ފެށިގެން މާލެއަށް ވެހެމުންދާ ވާރޭގައި މާލޭގެ އަމީނީ މަގާއި ޗާންދަނީ މަގު އަދި ހެންވޭރުކޮޅުގެ ބައެއް ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި ފައިގެތަބިކަށްޓަށް ވުރެ މައްޗަށް ވެސް ވަނީ ފެންގަނޑު ބޮޑުވެފަ އެވެ. އެކަމުގެ ސަބަބުން ސްކޫލްތަކަށް ދިޔުމަށާއި ސަރުކާރުގެ މުހިންމު އޮފީސްތަކުން ހިދުމަތް ހޯދުމުގައި ވަނީ އުނދަގޫވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި ބޮޑުވި ފެންގަނޑު ވަނީ އިމާރާތްތަކަށް ވެސް
ވަދެފަ އެވެ. އޭގެ ސަބަބުން ބައެއް ގޭގެއަށް ގެންލުންވި އެވެ.

ފެންބޮޑުވާ ގުޅިގެން، ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އާންމުންގެ ކިބައިން މާފަށް އެދެމުން ވިދާޅުވީ، މާލޭގެ މަގުތަކުގައި ފެންބޮޑުވާން ދިމާވީ، މަގުތަކުން ފެން ހިންދަން މި ސަރުކާރުން ގާއިމް ކުރި ނިޒާމް، ސްޓޯމް ވޯޑާ ޑްރެއިނޭޖް ސިސްޓަމްއަށް ބަޔަކު ގެއްލުންދީފައި ވާތީ އެ ނިޒާމު މަސައްކަތް ނުކުރާތީ ކަމަށެވެ. އަދި އެ ނިޒާމުގެ ޕެނަލް ބޯޑްތަކަށް ގެއްލުންދީ އެ ނިޒާމު މަސައްކަތް ނުކުރާ ވަރަށް ހަލާކުކޮށްލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ.

"ފެން ހިންދާ ނިޒާމު ގާއިމްކޮށްފައި ވަނީ ތިން ގަނޑިއިރު ތެރޭގައި ބޮޑުވާ ފެންގަނޑު ހިންދާލެވޭ ގޮތަށް. އެއްވެސް ސަބަބަކާ ހުރެ ސިސްޓަމްއަށް މައްސަލަ ދިމާވެއްޖެ ނަމަ އެ ކަން ހާސިލެއް ނުވާނެ. އަދިވެސް މިކަމަށް ޓަކައި ރައްޔިތުންގެ ކިބައިން އަޅުގަނޑު މާފަށް އެދެން،" މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓްގައިވެ އެވެ.

ސިފައިން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ސިފައިން މިހާރު ކުރަން ފަށާފައިވާ ކަމަށެވެ. މިދިޔަ ހޯމަ ދުވަހު ވެސް މާލެއަށް ބޯކޮށްވާރޭ ވެހި ފެންބޮޑުވެ އެކި ދަތިތަކާ ކުރިމަތިވި އެވެ.

ސެޕްޓެމްބަރު 1، 2016 ގައި ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި މަގުތަކުން ފެން ނުހިދި ދެތިން ދުވަސްވާ ވުން ދިވެހިން މުޅިން އެކީ ވަނީ ހަނދާން ނެތިފަ އެވެ. އެގޮތުން 45 މިނެޓްގެ ތެރޭގައި ފެންގަނޑު ހިންދާލާނެ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

މާލޭގައި ފެން ހިންދުމުގެ ނިޒާމެއް ގާއިމް ކުރި ކަމަށް ސަރުކާރުން ބުނަނީ 100 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެވެ. އެގޮތުން ފެންބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް ޕަމްޕް ސްޓޭޝަންތަކެއް އެމްޑަބްލިއެސްސީއާ ހަވާލުކޮށްގެން ބެހެއްޓި އެވެ. އަދި މިނިޒާމާ އެކު މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ނިމުމުން މާލޭގައި ފެންބޮޑުވުމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އޭރު ސަރުކާރުން ބުންޏެވެ. އެހެން ނަމަވެސް އެ މަޝްރޫއުގެ ދަށުން ހެދި މަޖީދީ މަގުގެ އެކި ސަރަހައްދު ތަކުގައިވެސް ފެންބޮޑުވެ އެވެ.