ހަބަރު

ހައިވޭ މަތިން ވޭނެއް އެކްސިޑެންޓްވެ ޑްރައިވަރު ސީރިއަސް ހާލަތުގައި

ހައިވޭ މަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް އަރިމަތީ ފެންސުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް އެކްސިޑެންޓްވެފައިވަނީ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެހިކަލެކެވެ. އެ ވެހިކަލް ދުއްވަން އިނީ ބިދޭސީ ފިރިހެނެކެވެ. އޭނާއަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 6:00 ހާއިރު ހިނގި އެ އެކްސިޑެންޓް ހިނގާފައިވަނީ ވެހިކަލް ދުއްވާފައިދިޔަލެއް ބާރުކަމުން ހައިވޭ ދެކަފިވާ ހިސާބުން ކޮންޓްރޯލް ނުވެ ގޮސް ހައިވޭގެ އަރިމަރީ ފެންސަށް ވެހިކަލް އަރައިގެން ކަމަށެވެ. މި ހާދިސާގައި ވެހިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ދުއްވަން އިން ބިދޭސީ މީހާ ވަގުތުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، އޭނާ މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދޭން ފަށައިފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ ބިދޭސީ މީހާގެ ހަށިގަނޑުގެ އެކި ގުނަންތަކުގައި ރެނދުލާފައިވާ ކަމަށެވެ.

ބްރިޖް މަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މި ފަހަކަށް އައިސް ދަނީ ގިނަވަމުންނެވެ. ގިނަ އެކްސިޑެންޓްތަކަކީ މާބާރު ސްޕީޑުގައި ދުއްވާފައި ދިއުމާއި ގަވާއިދާ ހިލާފަށް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ހިނގާ އެކްސިޑެންޓް ތަކެވެ. އެގޮތުން ރޭ ވެސް ވަނީ އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ބްރިޖް މަތީގައި އެކްސިޑެންޓެއް ހިނގާފަ އެވެ. އެ އެކްސިޑެންޓްގައި ދެ ސައިކަލު މަތީގައި ތިބި ހަތަރު މީހުންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އެ އެންމެންގެ ހާލު މިހާރު ސްޓޭބަލް އެވެ. އެތަނުން އެކަކު މިހާރު ގެއަށް ދޫކޮށްފައިވާއިރު އަނެއް ތިން މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.