ރައްޔިތުން މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި 12 މެންބަރުންނާއެކު ރައްޔިތުން މަޖިލީހުގެ މަސައްކަތް ފަށައިގެން ކުރިޔަށް އެބަދެ އެވެ. މިއަދު މަޖިލީހުގައި ތާވަލުކޮށް ބަހުސް ކުރެވެމުން ދަނީ ވެސް އެ މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް އެކުލަވާލި، އެންޓި ޑިފެކްޝަން ގާނޫނަށެވެ.
ގޮނޑީގެ މައްސަލައަށް އެއްވެސް ހައްލެއް ނުލިބި އަހަރަކާއި ހަތަރު މަހެއް ހާ ދުވަހު ފަހުން ސުޕްރީމް ކޯޓުން ވަނީ 12 މެންބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ވަރަށް ސާފުކޮށް ކަނޑައަޅާފަ އެވެ. އެއާއެކު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް 12 މެންބަރުން ވެސް ވަޑައިގަތެވެ.
މަޖިލީހުގެ 12 މެންބަރުން އެއްކޮށް ބައިވެރިވި މިއަދުގެ ޖަލްސާގައި ތާވަލުކޮށްފައި ވަނީ ވެސް އެންޓި ޑިފެކްޝަން ގާނޫނު އުވާލުމާ ބެހޭ މައްސަލައެވެ. އެއީ އެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސާފުކޮށް ކަނޑައެޅުމުގެ ގޮތުން ސަރުކާރު ފަރާތުން ހުށަހަޅައިގެން ޕީޕީއެމް އިން ފާސް ކުރި ގާނޫނެކެވެ.
އެ މައްސަލައަށް ބަހުސް ކުރައްވަމުން 12 މެންބަރުން ވެސް ވަނީ އެ ބިލު ވަގުތުން އުވާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެ މެންބަރުން ވަނީ ވަރަށް އަސަރާއެކު ގޮނޑި ގެއްލުމުންވީ ގެއްލުމާއި ގެއްލިގެން ދިޔަ ހައްގުތަކުގެ ވާހަކަދައްކައިފަ އެވެ. އަދި ޕީޕީއެމް އާއި ރައީސް އަބްދުﷲ ޔާމީންއަށް ވެސް އެ މެންބަރުން ވަރަަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެއީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުމަށް އެ މެންބަރުން ސޮއި ކުރުމާ ގުޅިގެނެވެ. އެކަމާ ގުޅިގެން އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން އޭރު ކޯޓުން ހުކުމްކޮށްފައި ވަނީ މެންބަރަކު ޕާޓީ އިން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނޫނީ ޕާޓީ ބަދަލުކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނެއް އެކުލަވާލުމަށް ވެސް އޭރު ހުކުމް ކުރެވުނެވެ.