ހަބަރު

މައްސަލަ ފަޅާއެރުމުން ފައިސަލް މޯލްޑިވިއަންއަށް ފައިސާ ދައްކައިފި

Nov 1, 2018
6

ގައުމީ އެއާލައިން މޯލްޑިވިއަންއިން މެެދުވެރިވެގެން ޕީޕީއެމްގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲގެ ދަރިކަލުން، އިބްރާހިމް ފައިސަލްއަށް ދޫކޮށްފައިވާ ޓިކެޓް ތަކަކަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމާ އެކު އެ ފައިސާ އޭނާ ދައްކަވައިފި އެވެ.

ފައިސަލް އާއި އޭނާގެ އަނބިކަނބަލުން ތިން ގައުމަކަށް ޗުއްޓީއަށް ވަޑައިގަތުމަށް، ކްރިޑިޓް އެގްރިމަންޓެއް ހަދައި މޯލްޑިވިއަން ހޮލިޑޭސްއިން ޓިކެޓް ދޫކޮށްފައި ވަނީ، 20 ފެބުރުއަރީ 2017ގަ އެވެ. އަދި އެގްރިމަންޓްގެ ދަށުން އެ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޓިކެޓްތަކަށްވާ ޖުމްލަ ފައިސާ، 112،350 ރުފިޔާ ފައިސަލް މޯލްޑިވިއަންއަށް ދައްކަވަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިގެން އިންޓަރެސްޓަށް އަރާފައިވާ، 44،940 ރުފިޔާއާ އެކު ޖުމްލަ، 157،290.12 ރުފިޔާ އިއްޔެއާ ހަމަޔަށް ފައިސަލް ދައްކަން ޖެހެ އެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ފައިސާ ފައިސަލް ނުދައްކަވާ މައްސަލަ، އިއްޔެ "އަވަސް"އިން ފެންމަތިކުރި ފަހުން އޭނާގެ ފަރާތުން އެ ފައިސާ ދެއްކުމަށް މޯލްޑިވިއަންއަށް ގުޅި ކަމަށެވެ. އަދި އެއަށް ފަހު އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެ ފައިސާ އެކީ އެކަށް މޯލްޑިވިއަންއަށް ދައްކާފައިވާކަން އޮފިޝަލް ކަށަވަރު ކޮށްދެއްވި އެވެ.

މޯލްޑިވިއަންގެ އޮފިޝަލުން އިއްޔެ ވިދާޅުވި ގޮތުގައި ފައިސަލްއަށް ކްރިޑިޓް އެގްރިމަންޓެއްގެ ދަށުން ޓިކެޓްތަކެއް އިޝޫކުރީ ޓޫރިޒަމް މިނިސްޓްރީއިން އެދިގެން އެވެ. އަދި އެ ފައިސާ އެގްރިމަންޓްގައިވާ ގޮތަށް ނުލިބިގެން އެކި ފަހަރުމަތިން ފައިސަލްއަށް ގުޅައި އެ ފައިސާ ހޯދުމަށް އެ ކުންފުނިން މަސައްކަތް ކުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.