ހަބަރު

މަޖިލިސް ރައީސްކަމުން މަސީހު އިސްތިއުފާދެއްވައިފި

Nov 1, 2018
6

ރައްޔިތުން މަޖިލީހުގެ ރައީސްކަމުން އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވައިފި އެވެ. މަސީހު އިސްތިއުފާ މި ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިރޭ 9:15 ގައި ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އެކަން "އަވަސް" އަށް ކަށަވަރުކޮށްދެއްވި އެވެ. މަސީހަށް ތައުރީފު ކުރައްވަމުން ނިހާން ވިދާޅުވީ މަސީހާ މެދު މެންބަރުން ހިތް ހަމަ ނުޖެހުން އެމަނިކުފާނު މަސައްކަތްތައް ކުރިޔަށް ގެންދެވީ ޓީމެއްގެ ގޮތުގައި ކަމަށާއި ކުރެއްވީ ވަރަށް ހިތްވަރުގަދަ ފުރިހަމަ މަސައްކަތެއް ކަމަށެވެ.

ނިހާން ކުރެއްވި ޓްވީޓެއް

"މަސީހަކީ މަދުން ނޫނީ ނުފެންނަ ވަރުގެ ކެތްތެރި ބޭފުޅެއް، އެމަނިކުފާނުގެ ހިދުމަތަށް ފަށްފަށުން ޝުކުރު ދަންނަވަން،" ނިހާން ވިދާޅުވި އެވެ.

މިރޭ ކުރިޔަށް ގެންދަން ނިންމީ މަސީހުގެ އިތުބާރު ނެތް ކަމަށް މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި 43 މެންބަރުން ހުށަހެޅި މައްސަލަ އެވެ. އެއީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ފުރަތަމަ ވެއްދި މައްސަލަ އެވެ.

މަސީހު ވަކި ކުރުމަށް ޕީޕީއެމްގެ ގިނަ މެންބަރުން ހިމެނޭ ގޮތަށް 51 މެންބަރުންގެ ސޮޔާއެކު ވެސް ގަރާރެއް ހުށަހެޅި އެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް ދެ ފަހަރަކަށް މަސީހު މަގާމުން ދުރު ކުރުމަށް މަޖިލީހަށް މައްސަލައެއް ވެއްދި އެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ގަވައިދަށް ބަދަލު ގެނެސްގެން ވަނީ މަަސީހުގެ ގޮނޑި ސަލާމަތްކޮށްފަ އެވެ.