ހަބަރު

އަޅުގަނޑުގެ ހިޔަންޏަކަށް އިބޫ ނުވާނެ: ނަޝީދު

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހިޔަންޏަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިބޫއަކީ ވަރަށް ޒަމާންވީ އެކުވެރިއެއް ކަމަށާއި ސިޔާސީ ދާއިރާގައި އެކުގައި މަސައްކަތް ކުރައްވާތާ ވެސް އެތަށް ދުވަހެއްވެފައިވާ ކަމަށެވެ. ނަމަވެސް ދުވަހަކު ވެސް އިބޫއަކީ އެމަނިކުފާނުގެ ހިޔާންޏަކަށްވެފައި ނުވާ ކަމަށާއި އިބޫއަކީ މުގުލެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގަބޫލުގައި ރުހުމުގައި ފެނުމުގައި މަޝްވަރާގެ މަތިން އިބްރާހިމް މުހައްމަދު ސޯލިހު ކެންޑިޑޭޓެއްގެ ގޮތުގައި އެ ހުންނެވީ، ބައެއް ފަހަރަށް ސިޔާސީ ކަންކަމުގައި ވާދަވެރިން އެހެން މަގެއް ދެއްކެވުމަށްޓަަކައި ބައެއް ގޮތްގޮތަށް ވާހަކަދައްވާފާނެ، ނަމަވެސް އެއްވެސް އިރެއްގައި އަޅުގަނޑުމެންނަކީ ދުރުވާނެ ބައެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރު މުގުލަކަށް ހުންނަވާނީ ރައީސް ނަޝީދު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އިބޫގެ ވެރިކަން ދަމަަހައްޓަން ގާނޫނީ ގޮތުން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކޯލިޝަންގެ ތެރޭގައި އެކަކު އަނެކަކާ އެއްބައިވަންތަކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށާއި އެއްވެސް ލީޑަރަކު އަދި އިބޫ ވެސް ބާކީ ވެވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ ލީޑަރުންނަށް މިވަނީ ސާފު އެއްބަސްވުންތަކެއް އެއްބަސްވާން ޖެހިފައި، މި އެއްބަސްވުންތަކަކީ ކިހިނެތްތޯ ރާއްޖޭގެ ކަންކަން ކުރިޔަށް ގެންދާނީ، ދެބަސްވީމަ ހަދާނީ ކިހިނެތްތޯ، ދެބަސްވާން ކޮންމެ ފަހަރަކު އަނެއް މީހާ ގޮސް ޖަލަށް ލުމަކީ ސިޔާސީ ގޮތުން އެއްވެސް ބަޔަކަށް ފައިދާ ކުރާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ރައިސް ނަޝީދު ތިން އަހަރު ފަހުން މިއަދު ރާއްޖެ ވަޑައިގެންނެވިއިރު އިބޫ ހުންނެވީ އެންމެ އަރިހުގަ އެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި ވެސް އިބޫއަށް ތައުރީފް ކުރައްވައި ވިންދު ހުރިހާ ދުވަހަކު އިބޫގެ ވެރިކަން ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.