ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ތުހުމަތުވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަންކަން ތަހުގީގު ކުރައްވާނީ ދެފުށް ފެންނަ ގޮތަށް، އުސޫލުތަކުގެ ތެރެއިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހިޔާނާަތުގެ މައްސަލަތަކުގައި ރައީސް ޔާމީންއަށް ކުރެވޭ ތުހުމަތުތަކަކީ މިހާރު ވެސް ދައުވާ އުފުލިދާނެ މިންވަރަށް ސާފުވެފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި ގިނަ ކަންކަން އެމަނިކުފާނު އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ފައިސާ އާއި ވައްކަމާ މި ބާވަތުގެ ކަންކަމަކީ ބަލާ ހޯދަން ޖެހޭނެ ކަންކަން، ތަހުގީގު ކުރާނެ ކަންކަން، އެކަންކަން ތަހުގީގު ކުރަން ވަސީލަތްތައް ބޭނުން ކުރެވޭނެ ބޭރު ފަރަތްތަކުގެ އެހީ ބޭނުން ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ޔާމީންއާ ގުޅޭ މައްސަލަތައް ތަހުގީގު ކުރައްވާނީ އަދި އެ މައްސަލަތަކުގެ ޝަރީއަތްތައް ވެސް ހިނގާނީ ދެފުށް ފެންނަ ގޮތެއްގައި ކަމަށެވެ. އަދި ތަހުގީގު ކުރުމުގައި ގެންގުޅުމުގައި ގެންގުޅޭނީ ބައިނަަލްއަގުވާމީ އެންމެ މަތީ އުސޫލުތައް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވީއާ އަޅުގަނޑުމެން ތާއީދު ކުރާ ސަރުކާރެއްގައި ހިންގާ ތަހުގީގެއް ވެސް ހިންގާ ޝަރީއަތެއް ވެސް ހިންގާނީ ދެފުށް ފެންނަ ގޮތަށް އުސޫލުތަކުގެ މަތީގައި، އަޅުގަނޑުމެން ގެންގުޅޭނީ ބައިނަލްއަގުވާމީ އެންމެ މަތީ އުސޫލު މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ އުސޫލު، އަޅުގަނޑުމެނެއް މީހުނެއް ހަމަ ހިފާ ހައްޔަރެއް ނުކުރާނަން، ނަމަވެސް ތަހުގީގު ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
އިންތިހާބަށް ފަހު ރައީސް ޔާމީންއާ އެއްވެސް މަޝްވަރާއެއް ކުރެއްވިތޯ ވެސް ނޫސްވެރިއަކު ރައީސް ނަޝީދާ ސުވާލު ކުރެއްވި އެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމިންއާ އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ.