ހަބަރު

އަދީބާއި ކާނަލް ނާޒިމް މިނިވަން ކުރަން ފަލާހު ގޮވާލައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބުރާހީމް ފަލާހު ގޮވާލައިފި އެވެ.

މިއަދު ފަލާހް ކުރި ޓްވީޓެއްގައި ވިދާޅުވީ، ކާނަލް ނާޒިމަކީ އެންމެ ފުރަތަމަ އިންސާފުލިބި މިނިވަންވާން ޖެހޭ ބޭފުޅާ ކަމަށާއި އެކަން ކަމާބެހޭ ފަރާތްތަކުން އަވަސް ކުރަން ޖެހޭ ކަމަށެވެ.

ފަލާހް ކުރި އިތުރު ޓްވީޓެއްގައި ވަނީ، އަދީބަށް ހަމަހަމަ ކަމާއެކު އިންސާފުލިބި މިނިވަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

މިއީ ޕީޕީއެމްގެ އިސް ފަރާތަކުން އަދީބާއި ކާނަލް ނާޒިމް މިނިވަން ކުރުމަށް ގޮވާލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިދިކޮޅު އިސް ލީޑަރުން ވަނީ އެދެބޭފުޅުން މިނިވަން ކުރުމަށް ގޮވާލާފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ.

ކުރީގެ ނައިބް ރައީސް އަދީބަށް ވަނީ 33 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭނާގެ ސިއްހީ ހާލަތު ގޯސްވެ ބޭރަށް ފޮނުވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާއިރު، އެކަމާ ގުޅިގެން މިހާތަނަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ. އަދި ނާޒިމްގެ ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި އޭނާއަށް ވަނީ 11 އަހަަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފަ އެވެ. އޭނާ މިވަގުތު ހުންނެވީ ބޭސްފަރުވާއަށް މެލޭޝިޔާއަށް ވަޑައިގެން އެވެ.