ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ރިވިއު ކުރުމާމެދު ގޮތެއް ނިންމުމަށް އިޖުރާއީ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އިޖުރާއީ އަޑުއެހުމަކީ ސުޕްރީމް ކޯޓުން މައްސަލައެއް ބަލައިގަތުމުގެ ކުރިން ބާއްވާ އަޑުއެހުމެކެވެ. ފަނޑިޔާރުންގެ މަޖިލީހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދެއްވާނީ އެ އަޑުއެހުމަށްފަހު އެވެ.
ނާޒިމްގެ ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.
އޭގެ ފަހުން ނާޒިމްގެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރުމުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރި ނިންމި ނިންމުން ރިވިއުކޮށް ދޭން އެދުނެވެ. އަދީބު ވެސް ވަނީ ކަން ހިނގި ގޮތް ސުޕްރީމް ކޯޓުގައި ކިޔައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އޮތީ ގޮތެއް ނުނިންމަ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ މައްސަލަ ރިވިއު ކުރުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފަ އެވެ.