ސުޕްރީމް ކޯޓް

ޕީޖީ ބޭނުމީ އަދީބުގެ މައްސަލަ މިވަގުތަށް ނަގަން، އުއްތަމަ ފަނޑިޔާރު ނުރުހިއްޖެ

ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް މިއަދު ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން ބުނެފި އެވެ.

މި މައްސަލާގައި 10 އަހަރުގެ ޖަލު ހުކުމެއް އަދީބަށް ކުރިމިނަލް ކޯޓުން އިއްވި އެވެ. ނަމަވެސް އެ މައްސަލަ އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ހުކުމް ބާތިލު ކޮށްފަ އެވެ. އަދި އެ ޝަރީއަތް އަލުން ހިންގުމަށް ކުރިމިނަލް ކޯޓަށް އަންގާފަ އެވެ. ހައިކޯޓުގެ އެ ހުކުމް ޕީޖީއިން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ މިދިޔަ ޖޫން މަހުގެ ތިންވަނަ ދުވަހު އެވެ.

މި މައްސަލަ ޝަރީއަތުގައި އޮތްވައި، އަދީބު ވަނީ ފިލައިގެން އިންޑިއާއަށް ގޮސްފަ އެވެ. އޭނާ އަނބުރައި ރާއްޖެ ގެނެސް ޕީޖީއިން ވަނީ މައްސަލާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އެދިފަ އެވެ. އެގޮތުގެ މަތިން އަދީބު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. މައްސަލާގެ އަޑުއެހުންތައް މީގެ ކުރިން އޮތެވެ. ނަމަވެސް އަދީބުގެ ފަރާތުން ވެސް ވަނީ އޭނާ ޕީޖީއަށް އެއްބާރުލުންދީ، ހެކި ފޯރުކޮށްދެމުން ދާތީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފަ އެވެ. އެ އިޖުރާއީ ނުކުތާއާ މެދު ޕީޖީއިން ދެކޭ ގޮތް ސާފުކުރުމަށް މިއަދު އަޑުއެހުމެއް ބޭއްވި އެވެ.

މިއަދު މެންދުރުފަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޕީޖީގެ ވަކީލް މުހައްމަދު އާލިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އެއްބާރުލުން ދިނުމަށް ޖޫން މަހުގެ އަށްވަނަ ދުވަހު އަދީބު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ކުށަށް އިއުތިރާފުވެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިއުތިރާފު އެއްބަސްވުމެއްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އަދީބު ސޮއި ކުރައްވާފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އަދީބު، ކުށަށް އިއުތިރާފުވެފައިވާއިރު އޭގެ ބަދަލެއްގެ ގޮތުގައި މާބިންހުރާ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ޕީޖީ އެއްބަސްވެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ސުޕްރީމް ކޯޓުގައި މާބިންހުރާގެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ޕީޖީ ބޭނުން ނުވާ ކަމަށެވެ.

އެހެން ނަމަވެސް ކުރިމިނަލް ކޯޓަށް ޕީޖީއިން ހުށަހަޅާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އަދީބު ކުށަށް އިންކާރުކޮށްފިނަމަ، މާބިންހުރާގެ މައްސަލާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި އަލުން ކުރިއަށް ގެންދަން ޕީޖީ ބޭނުންވާ ކަމަށް ވެސް ވަކީލް އާލިމް ވިދާޅުވި އެވެ.

އަދީބުގެ މައްޗަށް ހަތް ދައުވާއެއް މިފަހުން ޕީޖީއިން ވަނީ އުފުލާފަ އެވެ. އެ ދައުވާތަކަކީ އަދީބު ވެފައިވާ އިއުތިރާފުގެ މައްޗަށް ބަލައި އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެން އުފުލާފައިވާ ދައުވާތަކެކެވެ.

ޕީޖީގެ ވާހަކަތައް ނިމުމާއެކު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަރަށް ބޮޑަށް ކޯފާވެ އިންނަވާ ވާހަކަފުޅު ދެއްކެވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓަކީ ޕީޖީގެ ސެކްޝަނެއް ނޫން ކަމަށާއި ބޭނުންވީމަ ސުޕްރީމް ކޯޓުގައި މައްސަލަ ޕާކްކޮށްފައި ނުބޭއްވޭނެ ކަމަށެވެ.

ޕީޖީގެ ޒިންމާއަކީ މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެެއްގައި ދައުވާ ކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް މާބިންހުރާ މައްސަލާގައި ޕީޖީއަށް ހަދާނެ ގޮތެއް މިހާތަނަށް ވެސް ކަނޑައެޅިފައިނުވާ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ރަސްމީ ދެ ދުވަހުގެ ތެރޭގައި މައްސަލާގައި ޕީޖީ ހަދާ ގޮތެއް ސުޕްރީމް ކޯޓަށް އެންގުމަށް އުއްތަމަ ފަނޑިޔާރު އެންގެވި އެވެ. އުއްތަމަ ފަނޑިޔާރު އެ ވާހަކަ ޕީޖީއަށް އެންގެވީ ހަރުކަށިކޮށެވެ.

ކޯޓުފަޓުލޫނުގައި ޝަރީއަތަށް ވަޑައިގެން އިންނެވި އަދީބު މިއަދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ފުރުސަތަކަށް ވެސް އެދިވަޑައިގެންފައެއް ނުވެ އެވެ.

މާބިންހުރާ މައްސަލާގެ ޝަރީއަތް އަލުން ބެލުމަށް ހައިކޯޓުން ކުރިމިނަލް ކޯޓަށް އެންގި ނަމަވެސް ކުރިމިނަލް ކޯޓުން ވެސް ވަނީ އެ މައްސަލަ ނުބަލަން ނިންމައި މައްސަލަ ޕީޖީއަށް އަނބުރާ ފޮނުވާލާފަ އެވެ.

އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ލުއިތަކެއް ދޭން ދައުލަތުން ނިންމާފައިވާއިރު އޭނާ މިހާރު ވެސް ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައުލޫމާތުތަކެއް ތަހުގީގު އިދާރާތަކަށް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އޭނާގެ ފޯނުން ލިބުނު ހެކިތަކެއްގެ މައްޗަށް ބައެއް މީހުންގެ ނަން ހިމެނޭ ލިސްޓެއް ވެސް ވަނީ އެކުލަވާލާފަ އެވެ. އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ކުރީގެ 44 މެންބަރެއްގެ ނަން ލިސްޓްގައި ހިމެނޭއިރު ފަނޑިޔާރުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާއި ނޫސްވެރިންގެ ނަން ވެސް ލިސްޓްގައި ހިމެނެ އެވެ.